ހަތަރުވަނަ ސަނީކަޕްގެ ފައިނަލްމެޗް މިރޭ އޮންނާނެއެވެ. 4 ޓީމް ވާދަކުރާ މިމުބާރާތުގެ ފައިނަލްމެޗްގައި ބައްދަލުކުރާނީ ޖެހީ ނެގީ އަދި މިކަން ނިންމާނަން ޓީމެވެ. އިހަވަންދޫ ފުޓްސަލް ދަނޑުގައި ޖަހާފައިވާ ވޮލީ ކޯޓްގައި ކުޅޭ މިރޭގެ ފައިނަލް މެޗް، މޫސުން ރަނގަޅުނަމަ މިރޭ 20:15 ގައި ފަށާނެއެވެ.
އިހަވަންދޫގައި އުފެދުނު އެންމެ މޮޅު އެއް އަންހެން ވޮލީ ކުޅުންތެރިޔާ، އަދި އިހަވަންދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ކައުންސިލް މެމްބަރު ފާތިމަތު ޝަނީޒާ އިންތިޒާމް ކޮށްގެން ބާއްވާ މިމުބާރާތަކީ ޝަނީ ކަޕްގެ 4 ވަނަ މުބާރާތެވެ. 2011 ވަނަ އަހަރު ފެށިގެން ބާއްވަމުން އަންނަ މިމުބާރާތުގެ، ދެވަނަ މުބާރާތް 2014 ވަނަ އަހަރު ބާއްވާފައިވާއިރު ތިން ވަނަ މުބާރާތް ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ. ޝަނީޒާ މައުލޫމާތު ދެއްވިގޮތުގައި މިމުބާރާތަކީ ވޮލީކުޅޭ ކަނބަލުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، އަރަމުންއަންނަ ކުޅުންތެރިންނަށް އިތުރު ފުސަތުތައް ހޯދައިދިނުމުގެ ގޮތުން ބާއްވާ މުބާރާތެކެވެ. ފަހަކަށްއައިސް ސްކޫލް ދަރިވަރުންނަށް މިފަދަ މުބާރާތްތައް ނުބާއްވާތީ، އަލަށް އުފެދޭ ކުޅުންތެރިންނަށް މިފަދަ މުބާރާތްތަކުގައި ޕާފޯމް ކުރުމުގެ ފުރުސަތު ލިބުމުގެ މުހިއްމުކަން ޝަނީޒާ ފާހަގަކުރެއްވިއެވެ. މިމުބާރާތުގެ ޓީމްތައް ބަހާފައިވަނީވެސް ކެޅެންއަންނަ ކުޅުންތެރިންގެ މެދުގައިކަމުން ގިނަ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތުލިބި ހަމަހަމަ ޓީމްތަކެއް އޮތުމުން މުބާރާތުގެ ވާދަވެރިކަން އިތުރުވެގެންދެއެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 2000ރ ގެ ފައިސާގެ އިނާމު އަދި ދެވަނަ ޓީމަށް 1000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. މީގެއިތުރުން އެންމެ މޮޅު 6 ކުޅުންތެރިން ހޮވައި، 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއާއި އެންމެ މޮޅު ކޯޗް ހޮވުމަށް ހަމަޖެހިފައިވެއެވެ.