ދެފަހަރު އިޢުލާނުކޮށްގެންވެސް ކައުންސިލް ކަޕް ހިންގާދޭނެ ބަޔަކުނުވި، ކައުންސިލުން މުބާރާތް ކުރިޔަށްގެންދަނީ!

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލް އިދާރާއިން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ކައުންސިލް ކަޕް ފުޓަސަލް ޗެލެންޖް 2023، ހިންގާދޭނެ ފަރާތެއް ހޯދުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިހަވަންދޫ ކައުންސިލުން ދެފަހަރު އިއުލާނުކޮށްގެނެވެސް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ނުވާކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޟަބާޙް ވިދާޅުވެއްޖެއެވެ. ޟަބާޙް މިހެން ވިދާޅުވީ މިނޫހުންކުރި ސުވާލެއްގެ ޖަވާބުގައެވެ.

ކައުންސިލްގެ ރައީސް އަޙްމަދު ޟަބާޙް ވިދާޅުވީ، މިކަމަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ، މުބާރާތް ކުރިޔަށް ގެންދާނީ ކައުންސިލުންކަމުގައެވެ. ޟަބާޙް ވިދާޅުވީ އެމުބާރާތް ބާއްވަން މިމަހު އިޢުލާނު ކުރެވޭނެ ކަމުގައެވެ. ކުރިން މިމުބާރާތް ބާއްވަނީ މުބާރާތުގެ ހުރިހާކަމެއް ކައުންސިލުން އިންތިޒާމްކުރާގޮތަށެވެ. ނަމަވެސް ކައުންސިލުން މިފަހަރު މަސައްކަތްކުރީ މިފަހަރުގެ މުބާރާތް ދެވަނަ ފަރާތަކާއި ހަވާލުކޮށްގެން ކުރިޔަށްގެންދިއުމަށެވެ.

ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓްގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭއެވެ. އެޓީމްވަނީ ޖެހިޖެހިގެން 4 ފަހަރު އެމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރުގެ ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓްގެ ޗެމްޕިއަން އެންވީކޭއަށް 5000ރ ގެ ފައިސާގެ އިނާމެއް ދީފައިވާއިރު ރަނަރަފް ޔުނައިޓެޑް ޔޫތަށްވަނީ 2500ރ ގެ ފައިސާގެ އިނާމެއް ދީފައެވެ.