ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް އުތީމް އަދި ވަށަފަރު ދަތުރުކޮށްފި

މުޙައްމަދު އަކުރަމް

ތިލައުތުރު ފުޓްސަލް ޗެލެންޖްގެ ނަމުގައި ހއ އަތޮޅު ކައުންސިލުންބާއްވާ ފުޓްސަލް މުބާރާތުގެ ފައިނަލަށް އުތީމް އަދި ވަށަފަރު ދަތުރުކޮށްފިއެވެ.

އުތީމް މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި މުރައިދޫ ބަލިކޮށްގެންނެވެ. މެޗްގެ ފުރިހަމަ ވަގުތު ހަމަވީއިރުވެސް ދެޓީމުންކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައިނުވާތީ މެޗްގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އުތީމް މުރައިދޫގެ މައްޗަށް ކުރިހޯދީ 5-6 ގެ ނަތީޖާއަކުންނެވެ. ވަށަހަރު މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ މިއަދު ކުޅުނު ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ފިއްލަދޫގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ފިއްލަދޫއަކީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމްކަން ފާހަގަކުރެވެއެވެ.

ހއ މާރަންދޫގައި ކުރިޔަށްގެންދާ މިމުބާރާތުގެ، ފައިނަލްގައި ވަށަފަރާއި އުތީމް ބައްދަލުކުރާމެޗް އޮންނާނީ މިމަހުގެ 10 ވާ ހުކުރު ދުވަހުގެ ހަވީރު 16:00 ގައެވެ. މިމުބާރާތަކީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 2 ވަނަ މުބާރާތެވެ. މިދިޔަ އަހަރު ކުޅުނު މިމުބާރާތުގެ ފުރަތަމަ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފިއްލަދޫ ޓީމެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 (ތިރީސްހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފިއްލަދޫއެވެ.