ބޮޑު ތިލަދުންމަތި ފުޓްސަލް ޗެލެންޖް 2023 ގެ ސެމީ ފައިނަލް އަދި ފައިނަލް މެޗްގައި ހިނގާފައިވާ ހަމަނުޖެހުންތައް ބަލައި ފިޔަވަޅު އަޅައިފިއެވެ.
މުބާރާތް ބޭއްވި ސީޕީއެސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް (ސާރކް) އިން މައުލޫމާތު ދިން ގޮތުގައި އެ ފަރާތްތަކަށް ފިޔަވަޅު އަޅާފައިވަނީ މިއަދުއެވެ. އަދަބު ދީފައިވަނީ 2 ޓީމަކަށާއި 2 އޮފިޝަލުން އަދި ކުޅުންތެރިއަކަށެވެ.
ފިޔަވަޅު އަޅާފައިވާ ދެ ޓީމަކީ ފައިނަލްގައި ވާދަކުރި އިހަވަންދޫ ޔުނައިޓެޑް ޔޫތު އަދި ޓީމް ނައިވާދޫއެވެ. މި ދެޓީމްވެސްވަނީ 5000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ކުރިއަށް އޮތް މުބާރާތް ތަކުގައި މި ޓީމްތަކަށް ބައިވެރިވެވޭނީ ޖޫރިމަނާ ދެއްކުމުން ކަމަށް ކުލަބުން މައުލޫމާތުދިނެވެ. ނަމަވެސް ފިޔަވަޅު އަޅާފައިވާ އޮފިޝަލުންނާއި ކުޅުންތެރިޔާގެ ނަމެއް ކުލަބުން ހާމަކޮށްފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ފައިނަލް މެޗްގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފިޔަވަޅު އަޅާފައިވަނީ އެންވީކޭ ޓީމްގެ އޮފިޝަލަކަށާއި ބޮޑުމަގު ޓީމުގެ ކުޅުންތެރިއަކަށެވެ. މި ދެމީހުންވެސްވަނީ އެއްހާސް ރުފިޔާއިން ޖޫރިމަނާކޮށް އެއް މެޗަށް ސަސްޕެންޑްކޮށްފައެވެ. އަދި މިއީ އިހަވަންދޫގެ ދެމީހުންކަންވެސް ވަނީ ޔަގީންވެފައެވެ.
ފިޔަވަޅު އަޅާފައިވާ އަނެއް އޮފިޝަލަކީ ހަނިމާދޫ ޓީމުގެ އޮފިޝަލެކެވެ. އޭނާވެސް ވަނީ އެއްހާސް ރުފިޔާއިން ޖޫރިމަނާކޮށް އެއް މެޗަށް ސަސްޕެންޑްކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއީ ސެމީ-ފައިނަލްގެ ދެވަނަ މެޗުގައި ޓީމް ހަނިމާދޫ އަދި ޓީމް ނާވައިދޫ ބައްދަލުކުރި މެޗުގައި ހިނގާދިޔަ ކަންކަމުގެ ސަބަބުން ދީފައިވާ އަދަބެކެވެ.
މިކަމާ ގުޅިގެން ސާރކް ކުލަބުގެ ރައީސް ނާޔިފު ބުނެފައިވަނީ މި ފިޔަވަޅުތައް އަޅާފައިވަނީ މުބާރާތުގައި ހިނގާފައިވާ ހަމަނުޖެހުންތައް ބެލުމަށްފަހު މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީންނެވެ. އަދި ފިޔަވަޅު އަޅާފައިވަނީ ކުޅިވަރުގެ ރޫޙާއި މުބާރާތުގެ މަގުސަދާއި ގަވާއިދުތަކާ ޚިލާފަށް ހަމަނުޖެހުން އުފައްދައި މަސްލަހަތު ނަގައިލަން މަސައްކަތް ކޮށްފައިވާ ފަރާތްތަކަށްކަމަށް ނާޔިފު މައުލޫމާތު ދިނެވެ.
“މީގެ މަގުސަދަކީ ކުރިއަށް ހުރި މުބާރާތްތަކުގައި މިފަދަ ކަންކަން މަދުކުރުން. އެއްވެސް ހަމަނުޖެހުމެއް ހިންގަން ފުރުސަތު ނުދިނުން. ކުރިއަށް އޮތްތަނުގައިވެސް އެފަދަ ކަންކަން ކުރާނަމަ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނަން” ނާޔިފު މައުލޫމާތު ދިނެވެ.
މި މުބާރާތާ ގުޅޭގޮތުން ނާޔިފު އިތުރަށް ބުނެފައިވަނީ މުބާރާތުގައި އެކިއެކި ވަނަތަކަށް ހޮވިފައިވާ ފަރާތަކަށް ދޭންޖެހޭ އިނާމްތައް ދީ ނިމިފައިވާކަމަށެވެ. އަދި ބީއެފްސީގެ ފުރަތަމަ މުބާރާތް ނިންމާލެވުނީ ވަރަށް ކާމިޔާބު ކަމާއެކުކަމަށް ދެކޭ ކަމަށާއި ކުރިއަށް އޮތް މުބާރާތްތައް އިތުރަށް ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ބަލައި ތައްޔާރުވަމުންދާ ކަމަށެވެ.
ނާޔިފު ބުނެފައިވަނީ މިފަހަރުގެ މުބާރާތުގައި އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ފެންވަރު ރަނގަޅު ރެފްރީން ގެނައުމަށް ކަމަށާއި އެކަމުގެ ނަތީޖާ ރަނގަޅުކަމަށެވެ. އަދި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން އެއްވެސް އަގަކާނުކައި، ހިލޭސާބަހަށް އެ ސްޓޭޝަންގައި މަސައްކަތް ކުރާ ދެ ރެފްރީން ހަމަޖައްސައިދެއްވިކަން ނާޔިފު ފާހަގަކުރިއެވެ. އަދި މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލެވުނީ ސްޕޮންސަރުންނާއި ކްލަބް ޕޯލްސްޓަރ އަދި ވަރަށް ގިނަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކަމަށް ނާޔިފު ބުންޏެވެ.