އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކައުންސިލް ކަޕް 2023” ގައި 8 ޓީމަކުން ބައިވެރިވެއްޖެއެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާޙް މައުލޫމާތު ދެއްވިގޮތުގައި، އެމުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވީއިރުވަނީ 8 ޓީމަކުން ބައިވެރިވެފައެވެ. އެއީ އެންވީކޭ، ޖަންގަލް، ކޮފަލި، ސެންސިޓީ، ޓީމް އެސް.ސީ، ކްލަބް އިރަމާ. ކޭ.އެމް އަދި ކުޅިމަގެވެ.
މިދިޔަ އަހަރުގެ ކައުންސިލް ކަޕްގައި ވާދަކުރީ 7 ޓީމެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ޓީމް އެންވީކޭ މިއަހަރުގެ މުބާރާތުގައިވެސް ބައިވެރިވެފައިވާއިރު މިދިޔަ އަހަރުގެ ރަނަރަޕް ޓީމް ޔުނައިޓެޑް ޔޫތުން މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައެއް ނުވެއެވެ.
މިހިނގާ ނޮވެމްބަރ މަހުގެ 23 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތު ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ދެވަނަ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 6 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ. އެޓީމްވަނީ އެންމެ ފަހުގެ ކައުންސިލް ކަޕާއިއެކު ޖެހިޖެހިގެން 4 ފަހަރު އެމުބާރާތް ކާމިޔާބުކޮށްފައެވެ.