Banner Image Description

ދަތާއި ލޮލުގެ ފަރުވާދޭ ޚާއްޞަ ކޭމްޕެއް އިހަވަންދޫގައި

ޢަބުދުﷲ ޙަމީދު

މާލޭ މެޑިކަލްސްގެ ފަރާތުން ހއ. ހދ. އަދި ށ އަތޮޅުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ހިންގޭ ސިއްހީ ފަރުވާދޭ ކޭމްޕުތަކުގެ ތެރެއިން ދަތާއި ލޮލުގެ ފަރުވާދޭ ހާއްޞަ ކޭމްޕެއް އިހަވަންދޫގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދެއެވެ.

ލޮލުގެ ފަރުވާ ދެއްވާނީ ޓްރިވަންޑުރަމްގެ ވާސަން އައި ކެއަރ ހޮސްޕިޓަލްސްގެ ލޮލުގެ ބަލިތަކަށް ޚާއްޞަ ޑަކުޓަރުން ކަމުގައި ވާ ޑރ. އަސްގަރް ޢައްބާސް އާއި އޮޕްޓޮމެޓްރިސްޓް، އެމް. ސެންތިލް ކުމާރު ކަމަށް މި ކޭމްޕު ހިންގާ ފަރާތުން ހާމަކޮށްފައި ވެއެވެ. މިކޭމްޕުގައި ދެއްވާ ލޮލުގެ ފަރުވާގެ ތެރޭގައި ލޯ ފުސްވުން، ރަތްވުން، ފެން/މަޑު ލުން، ހަކުރުބަލި، ލޭމައްޗަށްދިއުން ފަދަ ބަލިތަކާއި ގުޅިގެން ލޮލަށް ލިބޭ ތަފާތު ގެއްލުން، އޮޕަރޭޝަން/ލޭޒަރ ފަދަ އޮޕަރޭޝަން ކުރައްވާފައިވާ ބޭފުޅުން ރިވިއު ކުރެއްވުން، ނަންބަރު ނެގުން، އައިނު އަދި ތަފާތު ވައްތަރުގެ ކޮންޓެކްޓް ލެންސް ހެއްދުން ފަދަ ލޮލުގެ ތަފާތު ފަރުވާތައް ހިމެނެއެވެ.

މިކޭމްޕުގައި ދަތުގެ ފަރުވާ ދެއްވުމަށް ހަމަޖެހިފައިވަނީ ކުރިންވެސް މާލޭމެޑިކަލްސްގެ ފަރާތުން އިހަވަންދޫގައި ފަރުވާދެއްވާފައިވާ ޑރ. ޖޯޖީ ސެލްވަރާޖް އެވެ. ކޭމްޕުގައި ދިނުމަށް ހަމަޖެހިފައިވާ ދަތުގެ ފަރުވާގެ ތެރޭގައި ދަތް އުފުރުން، ފުޓުނި އެޅުން، ދަތް ސާފުކުރުން، ރޫޓު ކެނަލް ޓްރީޓްމެންޓް، ނަރުގަނޑު އެޅުވުމާއި ބާރުކުރުންފަދަ ދަތުގެ ތަފާތު ފަރުވާތައް ހިމެނެއެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 12 އިން 14 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިކޭމްޕު ހިންގުމަށް ހަމަޖެހިފައިވަނީ ހއ. އިހަވަންދޫ ވާރޭވިލާ ގޭގައެވެ. އެޕޮއިންޓްމަންޓު ހެއްދެވުމަށާއި އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7540722 އަށް ގުޅުއްވުމަށް މި ކޭމްޕު އިންތިޒާމުކުރާ ފަރާތުން އެދިލައްވައެވެ.