ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިހަވަންދޫ ދާއިރާގެ ޓިކެޓް ނަސީރަށް

.

ކުރިޔަށްއޮތް މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅަން މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް އިހަވަންދޫ ދާއިރާގެ ޓިކެޓް އަހްމަދު ނަސީރު ކަށަވަރުކޮށްފިއެވެ.

3 ކެންޑިޑޭޓުންގެ މެދުގައި ކުރިޔަށްދިޔަ އިހަވަންދޫ ދާއިރާގެ ޕްރައިމަރީގެ، ވަގުތީ ނަތީޖާ ދައްކާގޮތުން ނަސީރުވަނީ 668 ވޯޓް ހޯދާފައެވެ. ނަސީރާއި އެންމެ ގާތުން ވާދަކުރި، އިހަވަންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) 571 ވޯޓް ހޯދިއިރު، ހާޝިމް މުހައްމަދަށްލިބުނީ 518 ވޯޓެވެ.

ޕީޕީއެމް/ޕީއެންސީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީގައި 4 ފޮށްޓަކަށް ވޯޓްލާފައިވެއެވެ. މޮޅަދޫގައި ބެހެއްޓި ވޯޓް ފޮށިން ކުރިހޯދީ ހާޝިމްއެވެ. އެފޮށިން ހާޝިމް 36 ވޯޓް ހޯދިއިރު ނަސީރަށް ލިބުނީ 15 ވޯޓެވެ އަދި މުހައްމާއަށް ލިބުނީ 5 ވޯޓެވެ. މާރަންދޫ ފޮށިން ނަސީރު 68 ވޯޓް ހޯދިއިރު ހާޝިމް 36 އަދި މުހައްމާ 84 ވޯޓް ހޯދިއެވެ. މާލޭގައި ބެހެއްޓިފޮށިން ނަސީރު 143 ވޯޓް ހާޝިމް 130 ވޯޓް އަދި މުހައްމާ 152 ވޯޓް ހޯދިއެވެ. ނަސީރުއަށް މިއިންތިހާބު ކާމިޔާބު ކުރެވުނީ އިހަވަންދޫ ފޮށިން ހޯދި ބޮޑު ތަފާތުންނެވެ. އިހަވަންދޫ ފޮށިން ނަސީރު 443 ވޯޓް ހޯދިއިރު ހާޝިމް 313 އަދި މުހައްމާ 335 ވޯޓް ހޯދިއެވެ.

ޕީޕީއެމް/ޕީއެންސީ އިހަވަންދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބުކުރި ނަސީރުއަކީ މިހާރުވެސް އެކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ ރައީސްއެވެ. ނަސީރުވަނީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކޮށްފައެވެ. އެފަހަރުގެ އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި ނާސިރު 706 ވޯޓާއިއެކު ދިޔައީ ދެވަނައަށެވެ.