ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ވާދަވެރި އެންވީކޭ އަދި ޖަންގަލް

މުޙައްމަދު އަކުރަމް

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއިން ކުރިޔަށްގެންދާ ޣާޒީ ކަޕްގެ ފުރަތަމަ މެޗްގައި ޖަންގަލް އަދި އެންވީކޭ ބައްދަލުކުރަން ޖެހިއްޖެއެވެ. މިމުބާރާތުގެ ގުރު ރޭނެގިއިރު، އެމުބާރާތުގެ ކުޅުން މާދަމާ ހަވީރުންފެށިގެން މިމަހުގެ 17 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށް ދާނެއެވެ.

ޖަންގަލް އަދި އެންވީކޭއަކީ މިދިޔަ އަހަރު މިމުބާރާތުގެ ފައިނަލްގައި ވާދަކުރި ދެ ޓީމެވެ. މިދިޔަ އަހަރުގެ ޣާޒީ ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. އެޓީމް ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެންވީކޭގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. މިއަހަރުގެ ޣާޒީ ކަޕްގައި ވާދަކުރަނީ ޖަންގަލް، އެންވީކޭ، ސެންސިޓީ އަދި ކްލަބް އިރަމާއެވެ. ޖަންގަލް އަދި އެންވީކޭ ވާދަކުރާ މިމުބާރާތުގެ ފުރަތަމަ މެޗް ފަށާނީ މާދަމާ ހަވީރު 16:15 ގައެވެ.

މިއަހަރުގެ މުބާރާތް ރާވާފައިވަނީ، ގްރޫޕް ސްޓޭޖްގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށް ފައިނަލުން ސީދާ ޖާގައެއް ކަށަވަރުވާ ގޮތަށެވެ. ފައިނަލްގެ އަނެއްޖާގަ ކަށަވާރުވާނީ ދެވަނަ އަދި ތިންވަނައަށްދާ ދެ ޓީމް ބައްދަލުކުރާ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ.

މިއަހަރުގެ ޣާޒީ ކަޕްގެ ފައިސާގެ އިނާމު ވަނީ ބޮޑުކޮށްފައެވެ. މިދިޔައަރުގެ  ޗެމްޕިއަން ޓީމަށް 10،000ރ ދިންއިރު މިފަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15،000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އަދި 2 ވަނައަށް ދާ ޓީމަކަށް 5000ރ ގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އިމަގު ޣާޒީ ކަޕަކީ އިހަވަންދޫގައި ކުރިޔަށް ގެންދާ ހަމައެކަނި އިލަވަން ސައިޑް ފުޓްބޯޅަ މުބާރާތެވެ. މިމުބާރާތަކީ އިހަވަންދޫގައި ފުޓްބޯޅަކުޅޭ ޓިމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މުބާރާތެކެވެ.