މިއަހަރުގެ ދިރާސީ އަހަރުނިމި މިއަދު ދަރިވަރުންނާ ރިޕޯޓް ފޮތް ހަވާލުކޮށްފި އެވެ. ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލުކުރުން އިހަވަންދޫ މަދަރުސާގައި ކުރިއަށް ގެންގޮސްފައިވަނީ 3 ދަނފަޅިއަކަށް ބަހާލައިގެންނެވެ.
އެގޮތުން މިއަދު ހެނދުނުގެ ފުރަތަމަ ދަންފަޅީގައި ސާނަވީ އަދި މަތީ ސާނަވީ ދަރިވަރުންނަށް އަދި ހެނދުނުގެ ދެވަނަ ދަންފަޅީގައި ގްރޭޑް 4 ން 7 ގެ ދަރިވަރިންނަށް ރިޕޯޓް ފޮތް ހަވާލުކޮށްފައިވާއިރު ގްރޭޑް 1 ން 3 ގެ (ސީ.އެފް.އެސް) ދަރިވަރުންނަށް ރިޕޯޓް ފޮތް ހަވާލުކޮށްފައިވަނީ މެންދުރު ފަހުގެ ދަންފަޅީގަ އެވެ.
ދިރާސީ އަހަރުގެ ފަހު އިމްތިޙާނުން އިހަވަންދޫ މަދަރުސާގެ 32.8 އިންސައްތަ ދަރިވަރުންA ރިޕޯޓް ހޯދާފައިވާއިރު މަދަރުސާގެ ފިރިހެން ދަރިވަރުންނަށްވުރެއް އަންހެން ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑުތަން ރަނގަޅުކަމަށް ފާހަގަ ކުރެވެއެވެ. އަދި ދަރިވަރުންގެ ގްރޭޑް މަތިވަމުން ދިޔަވަރަކަށް އެދަރިވަރުންގެ ނަތީޖާ ދަށަށް ދާކަމަށްވެސްވަނީ ފާހަގަ ކުރެވިފަ އެވެ.
މިއަހަރު އިހަވަންދޫ މަދަރުސާގެ ޕްރިންސިޕަލްކަން ކޮށްދެއްވި ސައްޔިދު ކާޝިފް ރަޒާ ޒައިދީ އެނބުރި ޤައުމަށް ދިއުމުގެ ކުރިން ބުނެފައިވަނީ 2012 ވަނަ އަހަރަށް ކުރަން ކަނޑައެޅި ގިނަ ޙަރަކާތްތައް ކާމިޔާބު ކަމާއެކު ފުރިހަމަ ކުރެވުނު ކަމަށާއި 2012 ވަނަ އަހަރަކީ އިހަވަންދޫ މަދަރުސާއަށް ކާމިޔާބު އަހަރެއް ކަމަށެވެ.