ކުރިއަށް އޮތް ރިޔަސީ އިންތިހާބުގައި ފީޕީއެމް ދައްކާމަގުނޫން އެހެންމަގަކުން ހިނގުމީ ކުފުރުގެ މަގުން ހިނގުން ކަމަށް ދޭހަވާފަދަ އިބާރާތަކުން އަލްޢާޒީ އިއްޒަތުގެ ވެރިޔާ އަދި ޕީޕީއެމްގެ ރައީސް ރައީސް މައުމޫން އަބްދުލް ގައްޔޫމް ވާހަކަ ދައްކަވައިފިއެވެ.
ރައީސް މައުމޫން މިމޭރުމުން ވަހާކަފުޅު ދައްކަވާފައި ވަނީ ށ. ފުނަދޫގައި އެޕާޓީން ބޭއްވި ” ފުނަދޫ ޕީޕީއެމް އާއިއެކު” ޖަލްސާގައި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތީ ދެ ހިޔާލެކެވެ. އެއީ ބިނާކުރަނިވި ގޮތެއްގައި ކަންކަން ބައްޓަންކުރުމުގެ ހިޔާލާއި ފަނާކުރަނިވި ގޮތެއްގައި ކަންކަން ކުރުމުގެ ހިޔާލެވެ. އެގޮތުން، ރަނގަޅު މަގަކީ ޕީޕީއެމްގެ މަގު ކަމަށާއި ވޯޓް ދޭންވީ ޔާމީނަށާއި ޖަމީލަށް ކަމަށް މައުމޫން ވިދާޅުވި އެވެ.
މާތް ﷲ ކޮންމެ އިންސާނަކަށް ވެސް ކޮންމެ ކަމެއްގައި ވެސް ދެ މަގު ދައްކަވާފައިވާ ކަމަށާއި އެދެ މަގަކީ ޝުކުރުވެރިކަމާއި އެކު ހިނގަން ޖެހޭ މަގަކާއި ނުވަތަ ކުފުރުގެ މަގުން ހިނގަން ޖެހޭ މަގު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވެސް އޮތީ މިދެމަގު ކަމަށާއި، ޕީޕީއެމް ނޫން އެހެން ޕާޓީ އަކަށް ވޯޓު ދިނުމަކީ ކުފުރުގެ މަގުން ހިނގުން ކަމަށް ދޭހަވާގޮތަށް އެބޭފުޅާގެ ވާހަކަ ކުރިއަށް ގެންދެވިއެވެ.” މާތް ﷲ ކޮންމެ އިންސާނަކަށް ވެސް ދެ މަގު ދައްކަވާފައިވޭ. އެއީ އެމީހާ ޝުކުރުވެރިކަމާއި އެކު ހިނގާ މަގަކާ، ނުވަތަ ކުފުރު ވެރިކާމާއި އެކު ހިނގާ މަގު. ޝުކުރު އަދާ ކުރާމީހުން ހިނގާނީ ރަނގަޅު މަގުން. ކާފަރުވާ މީހުން ހިނގާނީ ނުބައި މަގުން. ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އަޅުގަނޑުމެން މިދޭ ވޯޓުގައި ވެސް އޮތީ މިދެމަގު. ދީނަށްޓަކާ ގައުމަށްޓަކާ އަޅުގަނޑުމެން ހިޔާރު ކުރަން ޖެހެނީ ރަނގަޅު މަގު. އާދެ އެއީ ޕީޕީއެމް ދައްކާ މަގު”.
މައުމޫން މިރޭގެ ޖަލްސާގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށާއި އޭނާގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް އިތުބާރު ކޮށް، ވޯޓް ދިނުމަށް އެދިލެއްވިއެވެ.
“އެހެން އަޅުގަނޑު މިދަންނަވަނީ ހަމައެކަނި އަޅުގަނޑުމެންގެ ޕާޓީ، ޕީޕީއެމް ވީމަ އެއް ނޫން. އެހެން އަޅުގަނޑު މިދަންނަވަނީ މި ދެ ބޭފުޅުންގެ ގާބިލިއްޔަތު ކަމަށް ބަލާފައި. މި ދެ ބޭފުޅުންގެ ގައިގައި އެބަހުރި ރާއްޖެ ކުރިއަށް ގެންދިޔުމުގެ ވިސްނުން،” މައުމޫން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެންބަރު އަލީ ސަލީމް ޕީޕީއެމްއާ ރަސްމީކޮށް ގުޅުންވެސް މިޖަލްސާގައި އޮތެވެ.
އަބްދުﷲ ޔާމީން ޕޯޑިއަމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސަލީމް އެ ޕާޓީއާ ގުޅިވަޑައިގެންފި ކަމަށެވެ. އަދި އެއާ އެކު ޔާމީން ވަހަކަ ދައްކަވަން ހުންނެވި ޕޯޑިއަމު ކައިރިން އޯޑިއަންސަށް ސަލީމް ތައާރަފުކޮށްދެއްވި އެވެ.
އަދި އެ އަށް ފަހު ސަލީމް ވަނީ އެ ޕޯޑިއަމްގައި ޕީޕީއެމްގެ އޯޑިއަންސާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ ޕީޕީއެމް އިން މިއަދު އެ ފެއްޓެވީ ވަރުގަދަ “ޖިހާދެއް” ކަމަށާއި ރައީސް މައުމޫން އިސްވެ ހުންނަވައިގެން ކުރައްވާ މަސައްކަތުގައި ބައިވެރިވެވަޑައިގަތުމަކީ އޭނާ އަށް ލިބިވަޑައިގަންމަވާ ޝަރަފެއް ކަމަށެވެ.