ޕޯލްސްޓަރގެ 12 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށް އެބަދޭ

ޢަބުދުﷲ ޙަމީދު

ކުލަބު ޕޯލްސްޓަރގެ 12 ވަނަ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ކުރިއަށް އެބަދެއެވެ.

އިހަވަންދޫގައި މެދުކެނޑުމެއްނެތި ބާއްވަމުންދާ އެންމެ ގިނަދުވަސްވީ މިމުބާރާތް ޕޯލްސްޓަރ އިން ބާއްވަމުން ދަނީ ކޮންމެ އަހަރެއްގެ ރަމްޟާން މަހުގެ ފަހު 10ގެ ދުވަސްތަކުގެ ތެރޭގައެވެ. 2 އޯގަސްޓު ވީ ހުކުރު ދުވަހުގެ ރެއިން ފެށިގެން ކުރިއަށްގެންދާ މިމުބާރާތުގެ ކިޔެވުން ކުރިއަށް ދަނީ އިހަވަންދޫ މަދަރުސާގެ ހޯލުގައެވެ.

ޤުރުއާން ކިޔެވުމުގެ ޤައުމީ މުޤައްރަރާއި އެއްގޮތަށް ކުރިއަށް ގެންދާ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ކިޔެވުން ކުރިއަށް ގެންދަނީ ސްކުރީނުން ބަލައިގެން ނެވެ. އަދި އަޑުއަހާ ފަރާތްތަކަށް ކިޔަވަމުންދާ އާޔަތްތައް ފެންނަ ގޮތަށް މިފަހަރުގެ މުބާރާތުގައިވެސް އިންތިޒާމް ހަމަޖައްސާފައި ވާކަން ފާހަގަ ކުރެވެއެވެ.

ޕޯލްސްޓަރ އިން ހާމަކުރެއްވި ގޮތުގައި މިމުބާރާތުގައި މިފަހަރު ދެގޮފިން ޖުމުލަ 136 ދަރިވަރުން ބައިވެރި ވެފައި ވެއެވެ. އަދި މުބާރާތުގެ ކިޔެވުން މިރޭގެ ނިޔަލަށް ނިމޭނެ ކަމަށްވެސް އެކުލަބުން ހާމަކުރައްވައެވެ.