ހއ. އިހަވަންދޫ، ކުދިމާގެ / ޢަދުނާނު ޢަބްދުﷲ އަށް އިހަވަންދޫ އިންޖީނުގޭގެ މެނޭޖަރުކަން އަލުން އަނބުރާ ދިނުމަށް އަޕާރ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ މައްޗަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން އަމުރުކޮށްފި އެވެ.
ޓްރައިބިއުނަލް އިން މިގޮތަށް އަމުރުކުރީ ޢަދުނާނު ޢަބްދުﷲ އަށް އިހަވަންދޫ އިންޖީނުގޭގެ މެނޭޖަރުކަން ދިނުމަށް ފަހު، އެ ވަޒީފާއިން އޭނާ ވަކިކުރުމާ ގުޅިގެން ވަޒީފާ އަލުން އަނބުރާ ހޯދުމަށް 30 އޯގަސްޓް 2012 ވަނަ ދުވަހު ޓްރައިބިއުނަލް އަށް ހުށަހެޅި މައްސަލައިގެ ނިންމުމުގަ އެވެ.
މި ނިންމުމުގައި ބުނަނީ ޢަދުނާނު ޢަބްދުﷲ އަކީ އަޕާރ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، އޭނާ އަކީ 07 ޖޫން 2012 އިން ފެށިގެން އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ ވަޒީފާގައި ދެމިހުރި މީހެއް ކަމަށާއި، 07 ޖޫން 2012 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އޭނާ އަށް ލިބެންޖެހޭ މުސާރަ އާއި އެންމެހާ ޢިނާޔަތްތަކަށް ޖެހޭ ފައިސާ 28 ނޮވެމްބަރ 2012 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ޢަދުނާނު ޢަބްދުﷲ އަށް އެކީ އެއްފަހަރާ ދިނުމަށާއި، އަދި 28 ނޮވެމްބަރ 2012 ވަނަ ދުވަހުން ފެށިގެން 7 ދުވަހުގެ ތެރޭގައި އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑްގެ ވަޒީފާ އަށް ޢަދުނާނު ޢަބްދުﷲ ނެރުމަށް އަމުރު ކުރާ ކަމަށެވެ. މި އަމުރު ނެރެފައި ވަނީ 28 ނޮވެމަބަރ 2012 ވަނަ ދުވަހު އެވެ.
ޢަދުނާނު ޢަބްދުﷲ އަށް އިހަވަންދޫ އިންޖީނުގޭގެ މެނޭޖަރުކަން ދީފައި ވަނީ މި އަހަރު ޖޫން މަހު އެވެ. ހަމަ އެ މަހު އޭނާ އެ މަގާމުން ވަކިކުރި އެވެ. އެއަށް ފަހު 1 އޮގަސްޓް 2012 ގައި އިންޖީނުގެ އަށް އެސިސްޓެންޓް މެނޭޖަރ އެއް ބޭނުންވެގެން އިޢުލާނު ކުރި އެވެ. އެ އިޢުލާނާ ގުޅިގެން އެ މަގާމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ހޮވާފައި ވަނީ ހއ. އިހަވަންދޫ، ލަކީހިޔާ / އަޙްމަދު ނަޝީދެވެ.
ޢަދުނާނު ޢަބްދުﷲ އަކީ އިހަވަންދޫ ރަށު އޮފީހުގެ ބޮޑު ކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މަތި އުތުރު ޕްރޮވިންސްގެ ކޯރޑިނޭޓަރުކަން ވެސް ކުރައްވާފައިވެ އެވެ. އަދި ކޯޓު ނަންބަރު 3 ގެ ޤާޟީކަން ވެސް ކުރައްވާފައިވެ އެވެ.