ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ މުބާރާތުގައި ޓީމްތައް ރަޖިސްޓްރީ ކުރެވޭޏީ ސާކް ވެބްސައިޓް މެދުވެރިކޮށެވެ. ސާކް ގެ ވެބްސައިޓް އެޑްރެހަކީ sarc.mv އެވެ. ސާކްގެ ވެބްސައިޓް ލޯންޗް ކޮށްފައިވާއިރު، އެޖަމިއްޔާގެ ވެބްސައިޓުން ގިނަ މައުލޫމާތު ލިބެން ހުރެއެވެ. އެގޮތުން އެޖަމިއްޔާއިން ކުރިޔަށްގެންދާ މުބާރާތްތަކާއި ގުޅޭ އެންމެފަހުގެ ތަފްސީލްތައް ލިބޭއިރު، އެޖަމިއްޔާއިން ކުރިންހިންގި މުބާރާތްތަކުގެ ސްޓޭޓިސްޓިކްސްވެސް ލިބެން ހުރެއެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ސަރުކާރުގެ މުއައްސަސާތަކާއި، ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި، ކުންފުނި އަދި ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފާވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިމުބާރާތުގެ ޤަވާއިދު ބުނާގޮތުން އިހަވަންދޫގެ އެއްވެސް ކްލަބް ޖަމިއްޔާއަކަށް، ސަރުކާރުގެ މުއައްސަސާއަކަށް އަދި ކުންފުންޏެއްގެ ނަމުގައި މިމުބާރާތުގައި ބައިވެރިއެއް ނުވެވެއެވެ. އެހެންކަމުން މިމުބާރާތުގައި އިހަވަންދޫގެ ޓީމެއް ބައިވެރިވާން ބޭނުންވާނަމަ ޖެހޭނީ ސާކް ކްލަބްގައި ޓީމް ރަޖިސްޓްރީކުރާށެވެ.

ހއ، ހދ އަދި ށ އަތޮޅުގެ ކްލަބް ޖަމިއްޔާތަކުގެ އިތުރުން ރަށު ކައުންސިލްތަކަށާއި، އިހަވަންދޫގެ ސާކް ކްލަބްގައި ރަޖިސްޓްރީވެފައިވާ އިހަވަންދޫގެ ޓީމްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތަކީ ބޮޑު ތިލަދުންމަތީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ކުރީއަހަރާއި ހިލާފަށް މިއަހަރުގެ މުބާރާތުގައި ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތަކަށް ބައިވެރިއެއް ނުވެވެއެވެ.

މިއަހަރު ބާއްވަން އިޢުލާންކޮށްފައިއެވަނީ ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ދެވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ދޭ ފައިސާގެ އިނާމުވަނީ 25 ހާހުން 30 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި ރަނަރަޕް ޓީމަށް ދޭ ފައިސާގެ އިނާމުވަނީ 7 ހާހުން 10 ހާސް ރުފިޔާއަށް ބޮޑުކޮށްފައެވެ.