ކުޅިވަރާއި ގުޅުންހުރި ކަންކަމާއި ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމަށް ކައުންސިލްގެ ބަޖެޓުން މިއަހަރު 3.5 މިލިއަން ރުފިޔާ ހަރަދުކުރަނީ

މުޙައްމަދު އަކުރަމް

ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުމާއި، ކަސްރަތާއި، އެފަދަ ޓްރެއިނިންތަކާއި މުބާރާތްތައް ބޭއްވުމަށް އިހަވަންދޫ ކައުންސިލްގެ ބަޖެޓުން މިއަހަރުގެ 3.5 މިލިއަން ރުފިޔާ ހަރަދު ވާނެކަމަށް އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް ވިދާޅުވެއްޖެއެވެ.

ސޮބާހް ވިހެން ވިދާޅުވީ، މިމަހުގެ 3 ވީ ހުކުރު ދުވަހުގެ ރޭ ބޭއްވި، އިހަވަންދޫ ހަށިހޮޔު މައިޒާން (އިހަމަ) ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

“މިމަސްތެރޭ އާ ފުޓްސަލް ދަނޑެއް އެޅުމަށްޓަކައި ހަވާލުކުރެވިގެންދާނެ، ޒުވާނުންނަށާއި ކުޅިވަރުކުޅޭ ފަރާތްތަކަށް ފަހިފުރުސަތު ހޯދައިދިނުމުގެ ގޮތުން، އެއާއެކު ހުރަވީ ދަނޑުވެސް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރާއި ގުޅިގެން ކުރިޔަށް އެބަގެންދަން، އެންމެ ތުއްތު ކުދިންނަށް ހާއްސަކޮށް ކުޑަކުދިންގެ ޕާކުގައި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް ފެށިފަވާނެ، އެހެންކަމުން ޖުމްލަގޮތެއްގައި ފުޓްބޯޅަޔަށް ކައުންސިލުން ބޭއްވޭ އެކި މުބާރާތްތަކާއިއެކު، ކައުންސިލުން ކުޅިވަރަށް ހަމައެކަނި ފުޓްބޯޅަޔަށްވެސް ދެ މިލިއަނެއްހާ ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެވޭ” ސޮބާހް ވާހަކަ އިތުރަށް ތަފްސީލްކޮށްދެއްވިއެވެ. ސޮބާހް ވިދާޅުވީ ވޮލީ މުބާރާތްތަކާއި ޓްރެއިނިންތަކުގެ އިތުރުން ވަސީލަތްތައް ޤާއިމްކުރުމަށް، ވޯލީ އަށް އެކަނިވެސް މިއަހަރު 1.5 މިލިއަން ރުފިޔާ ހަރަދުވާނެކަމުގައެވެ.

ސޮބާހް ވިދާޅުވީ ކައުންސިލްގެ ވިސްނުމަކީ ހުސްއެކަނި އާމްދަނީ ހޯދުމެއް ނޫންކަމުގައެވެ. ރައްޔިތުންވެސް ހިންހަމަޖައްސާލައި އުފާވެރިކަމާއިއެކު ދުޅަހެޔޮ ސިއްހަތެއްގައި، ތިބުމައްޓަކައި އެކި އެކި ވަސީލަތްތައް ޤާއިމްކުރުމަކީ ކައުންސިލުން އިސްކަން ދޭކަމެއްކަމަށް ސޮބާހް ފަހަގަކުރެއްވިއެވެ. “ހަމަ އެގޮތަށް އާމްދަނީ ހޯދުމަށްޓަކައިވެސް ތަފާތު ކަންކަން ކައުންސިލުން ކުރާކަން ރައްޔިތުން ފާހަގަކުރޭ، އެހެންވީމަ މިއަހަރަކީ ޖުމުލަ ގޮތެއްގައި އެންމެގިނަ ހަރަކާތްތައް ކައުންސިލުން ހިންގޭނެ އަހަރެއް ގޮތުގަ އަޅުގަނޑު ފާހަގަ ކޮށްލާނަން” ސޮބާހް ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުވި އިހަމަ އައުޓްޑޯ ޖިމަކީ އިހަވަންދޫ ކައުންސިލްގެ ހަރަދުގައި ހަދާފައިވާ ތަނެކެވެ.  އެޖިމް ތަރައްޤީކުރަން ކައުންސިލުން ހަތަރު ލައްކަ ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވެއެވެ. އިހަވަންދޫ ހަށިހޮޔު މައިޒާން (އިހަމަ) ހުޅުވައިދެއްވީ އިހަވަންދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަހްމަދު ނަސީރެވެ.