އިހަވަންދޫގެ ބައެއްމީހުންނަށް ބިންހެލުމެއްގެ އިހްސާސް ކުރެވިއްޖެ!

މުޙައްމަދު އަކުރަމް

އިހަވަންދޫގެ ބައެއް މީހުންނަށް ބިންހެލުމެއްގެ އިހްސާސްކުރެވުނުކަމަށް ބުނެފިއެވެ. މިނޫހާ ވާހަކަދެއްކި ބައެއްމީހުން ބުނީ، ގާތްގަނޑަށް މިރޭ 20:30 ހާއިރު ބިންހެލުމުގެ އިހްސާސްކުރެވުނުއިރު، ގުޑުންތަކެއް އަރާކަމުގެ އިހްސާސް ދެމިގެން ދިޔައީ ގާތްގަނޑަކަށް 10 ވަރަކަށް ސިކުންތަށް ކަމުގައެވެ.

“މަތީ ފްލޯގަތިބި ބައެއް މީހުންނަށް އެނގުންވި ގުޑުމެއް އެރިކަން. އިމާރާތުގައި އާދައިގެ ގޮތަކަށް ހިނގި ކަމެއް ނޫން ކަން އެނގުނީމަ އެންމެން ތިރިއަށް ފޭބީ، ނަމަވެސް ތިރީގަތިބި މީހުންނަށް އިހްސާސެއްނުވި” މިނޫހާ ވާހަކަދެއްކި އަންހެނަކު ބުންޏެވެ.

ބިންހެލުމުގެ އިހްސާސްވެގެން މިނޫހާ ވާހަކަދެއްކި އެންމެންނަކީވެސް އެވަގުތު އެއްބުރިއަށްވުރެ އުސް އިމާރާތްތަކުގައި ތިބިމީހުންނެވެ. ހދ ކުޅުދުއްފުށިން ވާހަކަ މުހައްމަދު 29، ބުނީ އޭނާއަށާއި އޭނާގެ އަންހެނުންނަށްވެސް އެވަގުތު އެނގުން ވާ ވަރަށް ގުޑުމުގެ އަސަރު އިހްސާސް ކުރެވުނުކަމުގައެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓު) އޮފީހުން، މިކަމާ ގުޅިގެން އަދި އެއްޗެކޭ ނުބުނެއެވެ. ރާއްޖެއަކީ އާންމުކޮށް ބިންހެލުން އަންނަ ސަރަހައްދުތަކާއި ދުރުގައި އޮންނަ ޤައުމަކަށްވިއަސް، ބައެއްފަހަރު އެކިސަރަހައްދުތަކަށް އަންނަ ބިންހެލުމުގެ އިހްސާސް ކުރެވެއެވެ. ބިންހެލުންތަކުގެ މަޢުލޫމާތު ގެނެސްދޭ ވޮލްކޭނޯ ޑިސްކަވަރީގައިވާ ގޮތުގައި ރާއްޖެ ގަޑިން މިރޭ 20:26 ހާއިރު  އިހަވަންދޫއާ 212 ކިލޯ މީޓަރު  ދުރުން ރިކްޓަރ މިންގަނޑުން 4.5ގެ ބިންހެލުމެއް، އަރަބިކަނޑަށް އައިސްފައިވެއެވެ.