ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވެސް (ބީ.ވީ.އައި.އެސް.އެމް) އިން އާރުޓީއެލް 109 އަށް ތައުރީފް ކޮށްފިއެވެ.
ބީ.ވީ.އައި.އެސް.އެމް އިން އެޖަމިއްޔާގެ އަހަރީ ކޭމްޕް ބޭއްވުމަށް، އިހަވަންދޫގެ މުއައްސަސާތަކާއި ގުޅިގެން ހިންގާނެ ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް އިހަވަންދޫއަށްކުރި ދަތުރު ނިންމާލުމަށްފަހު ކުޅުދޫފުއްޓައް، އެޖަމިއްޔާގެ ޓީމް ދަތުރުކުރީ އިއްޔައެވެ. އެޓީމް ކުޅުދުއްފުއްޓަށް ދަތުރުކުރީ އެމްޓީސީސީގެ އާރުޓީއެލް 109 ގައެވެ. ޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ އެދަތުރުގައި އެޖަމިއްޔާގެ ޓީމަށް ފާހަގަވި ރަނގަޅުކަމެއް ހިއްސާކޮށް ވީޑިއޯއެއް ޕޯސްޓް ކޮށްފައެވެ. އެވީޑިއޯގައި، ދަތުރާއި ގުޅުންހުރި މައުލޫމާތު ލޯންޗްގެ ކެޕްޓަން ދަތުރުވެރިންނަށް ކިޔައިދޭ މަންޒަރު ފެނިގެންދެއެވެ.
ބީ.ވީ.އައި.އެސް.އެމް އިން ކޮށްފައިވާ ޕޯސްޓްގައިވަނީ އެމްޓީސީސީގެ އެހެން ފެރީތަކާއި ބަސްތަކާއި، އެފަދަ ހިދުމަތްދޭ ތަންތަނުގައި، އެފަދައިން ތަފްސީލްކޮށް އެނައުންސްމަންޓް ދޭނަމަ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި އެހެން އާންމު ފަރާތްތަކަށްވެސް ވަރަށްބޮޑަށް ފަސޭހަވެގެން ދާނެކަމަށް ބުނެފައެވެ. “ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް) ގެ ދަތުރުތައް ހއ އަތޮޅުގައި ފަށާފައިވަނީ 26 ޖޫން 2022 ގައެވެ.