ބޮޑު ބަދަލަކާއިއެކު، ކައުންސިލް ކަޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ، ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯމެޓަށް ބޮޑު ބަދަލެއްގެނެސް “އިހަވަންދޫ ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 8 ވަނަ ދުވަހެވެ. ކައުންސިލް ކަޕަކީ ފުޓްސަލް ފޯމެޓަށް ކުޅެމުން އަންނަ މުބާރާތެއް ނަމަވެސް މިއަހަރުގެ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އިލަވަން އަ ސައިޑް (ބޮޑު ގޯލް) މުބާރާތެއްގެ ގޮތުގައެވެ.

މިމުބާރާތުގައި ބައިވެރިވާ ޓީމްތަކުގައި ހިމެނޭނީ އިހަވަންދޫގެ ރައްޔިތުންގެ އިތުރުން، އިހަވަންދޫގެ ރައްޔިތަކާއި ކައިވެނި ކޮށްގެންއުޅޭ ރަށުން ބޭރުގެ 1 ކުޅުންތެރިޔެކެވެ. މީގެ އިތުރުން ކޮންމެ ޓީމެއްގައިވެސް ރަށުން ބޭރު 1 ކުޅުންތެރިޔަކު ހިމެނިދާނެކަމަށް މުބާރާތުގެ ހިންގާ ޤަވާއިދުގައިވެއެވެ. ކުޅުންތެރިޔާ އެހެން ރަށެއްގެ ރަޖިސްޓްރީގައި އޮތްނަމަވެސް، ކުޅުންތެރިޔާގެ މަންމަ ނުވަތަ ބައްޕަ އިހަވަންދޫއަށް ނިސްބަތްވާނަމަ އެކުޅުންތެރިޔާ ބަލާނީ އިހަވަންދޫ ކުޅުންތެރިއެއްގެ ގޮތުގައިކަމަށް މުބާރާތުގައި ހިންގާ ޤަވާއިދުގައި ފާހަގަކޮށްފައިވެއެވެ.

މިއީ މިމުބާރާތް ކައުންސިލުން ކުރިޔަށްގެންދާ 7 ވަނަ ފަހަރެވެ. މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ އެންވީކޭ އެވެ.  އެޓީމްވަނީ  4 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ބޭއްވި ކައުންސިލް ކަޕްގެ ޗެމްޕިއަން ޓީމަކީ ޖަންގަލްއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 15000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނާރސް އަޕް ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ.

މުބާރާތުގެ ރަޖިސްޓްރީ ފޯމް