އެމްޕީއެލްއިން އިހަވަންދޫ ކައުންސިލަށް ހަދިޔާކުރާ ކެރޭން ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހއ. އިހަވަންދޫ ކައުންސިލަށް ހަދިޔާކުރުމަށް ނިންމި ކެރޭން، އިހަވަންދޫ ކައުންސިލާއި ހަވާލުކޮށްފިއެވެ. އެމް.ޕީ.އެލްއިން  އިހަވަންދޫ ކައުންސިލަށް ހަދިޔާކުރީ “KOBELCO” ބްރޭންޑްގެ 25 ޓަނުގެ ކެރޭނެކެވެ.

މި ކެރޭން އިހަވަންދޫ ކައުންސިލާއި ހަވާލު ކޮށްފައިވަނީ މިއަދު މެންދުރުފަހު އިހަވަންދޫ ބަނދަރުމަތީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ކެރޭން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން އުކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ސޮއި ކުރެއްވިއިރު، އިހަވަންދޫ ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކެރޭން ކައުންސިލާއި ހަވާލުކޮށްފައިވަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް، އިހަވަންދޫގެ އިގްތިސާދަށް މިފަދަ އުޅަނދެއްގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދެއްކެވިއެވެ. އަދި ސޮބާހް ފާހަގަކުރެއްވި ގޮތުގައި އެމްޕީއެލްއިން ކެރޭން ހަމަޖައްސަވައި ދެއްވީ އެކަމަށް ކައުންސިލުން އެދުނުތާ 30 ދުވަހުގެ ތެރޭގައެވެ. އެމްޕީއެލްގެ  ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ، ކެރޭން ކައުންސިލާއި ހަވާލުކުރިއިރު  ޑްރައިވަރުން ތަމްރީންކުރުމަށް 1 މަސް ދުވަހަށް އެމްޕީއެލްގެ މުވައްޒަފެއް އިހަވަންދޫގައި މަޑުކުރާނެކަމުގައެވެ. އިހަވަންދޫ ކައުންސިލުން ކެރޭނެއް ގަތުމަށް ދެ ފަހަރު އިޢުލާނުކުރިއެވެ. ނަމަވެސް އެކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބުނުވެ.