އިހަވަންދޫގެ ތައްޤީއަށް ކުރުމަށް ނިންމާފައިވާ މަޝްރޫޢުތައް ކުރިޔަށް ނުދާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ނޫސްބަޔާނެއް ނެރުމުގެ މައްސަލަ، މިއަދު ބޭއްވޭ އިހަވަންދޫ ކައުންސިލްގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް 11 މަސް ފުރިފައިވާއިރު، 2024 ވަނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ އެއްވެސް އައު މަޝްރޫއެއް އިހަވަންދޫގައި ފެށިފައެއްނުވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއްގެ ގޮތުގައި، ވެރިކަމުގެ ފުރަތަމަ އަހަރު އިހަވަންދޫ ހޮސްޕިޓަލުގެ މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވިނަމަވެސް އެކަމުގެ ނިޝާނެއް އަދި ނުފެނެއެވެ.
2024 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، އިހަވަންދޫއަށް ފެށުމަށް ކަނޑައެޅިފައިވާ އައު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
1. އިހަވަންދޫ ބަނދަރުގެ ކަނޑިންމަ ބަދަލުކުރުން
2. އިހަވަންދޫގައި 300 ހައުސިންގް ޔުނިޓް އެޅުން
3. އިހަވަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް
4. އިހަވަންދޫ ސްކޫލްގެ 4 ބުރި އިމާރާތިގެ މަސައްކަތް
5. އިހަވަންދޫގައި އައު މިސްކިތެއް (އިސްލާމީ މަރުކަޒު) އިމާރާތްކުރުން
ނަމަވެސް މި މަޝްރޫޢުތަކުގެ ތެރެއިން އެއްވެސް މަޝްރޫއެއް ފަށަން އުޅޭކަމުގެ ނިޝާނެއް ނުފެނެއެވެ. މީގެ އިތުރުން ކުރީ ސަރުކާރުން ޓެންޑަރިންގް މަސައްކަތް ނިންމައި އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ އިހަވަންދޫ ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރު ހެދުމުގެ މަސައްކަތް އަދި ފެށިފައެއްނުވެއެވެ.
ސަރުކާރުން ހިންގާ މަޝްރޫޢުތަކުގެ ތެރެއިން އިހަވަންދޫގައި މިވަގުތު އެންމެ ހަލުވި ދުވެއްޔެއްގައި ކުރިއަށްދަނީ، އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތެވެ.