ފިޝް ކަލެކްޝަން ފެސިލިޓީގެ ބަނދަރުގެ އީ.އައި.އޭ ނިންމައިފި، މަސައްކަތް ފެށޭނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި

.

ހއ. އިހަވަންދޫގައި ތަރައްޤީކުރުމަށް ނިންމާފައިވާ ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފައިވާއިރު، މިހާތަނަށް ނިމިފައިވަނީ އެމަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މިނޫހުން ފޮނުވި ސުވާލެއްގެ ޖަވާބުގައި އެމްޓީސީސީއިން މުއުލޫމާތު ދިންގޮތުގައި، އެމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭވަރުވާނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގައި ކަމުގައެވެ. ފިޝް ކަލެކްޝަން ފެސިލިޓީއަށް ބޭނުންވާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު އެމްޓީސީސީ އާއި ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. އެމަސައްކަތް އެކުންފުންޏަށް ހަވާލުކޮށްފައިވަނީ 60.26 މިލިއަން ރުފިޔާގެ އަގަކަށް 500 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން އިހަވަންދޫ  ފިޝްކަލެކްޝަން ފެސިލިޓީގެ ބަނދަރު ފުންކުރުމާއި 42 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 129 މީޓަރުގެ ޝީޓް ޕައިލް ކީވޯލް ޖެހުމާއި 66 މީޓަރު އެލް ބްލޮކް ކީވޯލް ޖެހުން ހިމެނއެވެ. އަދި 20 ބޮލާޑް ޖެހުމާއި 13 ފެނޑާ ޖެހުމާއި 02 ނެރު ބައްތި ޖެހުމާއި 12 މަގު ބައްތި ޖެހުމާއި އެއްގަމުތޮށި ވަށައިގެން  3437 ސްކެއަރ މީޓަރަށް ޕޭވްމަންޓް އެޅުމާއި ޕޭވްމަންޓްގައި ފެން ހިންދުމަށް ކާނު ބެހެއްޓުން ހިމެނެއެވެ.

މިމަޝްރޫއުގެ އީ.އައި.އޭ ހަދާފައިވަނީ ވޯޓާ ސޮލިއުޝަން އިންނެވެ. އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އިން  އީ.އައި.އޭ އެޕްރޫވް ކޮށްފައިވަނީ މިއަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ.

ޚިޔާލު ފައުޅުކުރުން

ޜަގަޅުކަމެއް ރޭވިފައިވާގޮތައް ކުރިއައްދާނެކަމައް އުންމީދު ކުރަން