ބިއުޓިފުލް ބްލޫ މައިކަޕް 2024، ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް އިތުރުކޮށްފިއެވެ. މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއެއްގެ ގޮތުގައި ކުރިން އޮތީ މިމަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާތަނަށް 8 ޓީމެއް މިމުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓަރީ ކޮށްފައިވެއެވެ. އެއީ އެންވީކޭ، ކްލަބް އިރަމާ، ކުޅިމަގު، ސެންސިޓީ، އުލިގަމް، ހީވެސްނުވޭ، ހޯރަ ޔުނައިޓެޑް އަދި ތުރާކުނު ރެކްރިއޭޝަން ކްލަބެވެ. މިއަހަރުގެ މައިކަޕް މުބާރާތުގައި، ބައިވެރިވުމުގެ ފުރުސަތު ހއ އަތޮޅުން ފެށިގެން ޅ އަތޮޅުގެ ރަށްތަކުގެ ސަރުކާރު މުއައްސަސާތަކާއި، އެންޖީއޯތަކާއި، ކުންފުނިތަކާއި، ރިސޯޓްތަކުގެ އިތުރުން އިހަވަންދޫގެ ޒުވާނުންނަށްވަނީ ހުޅުވާލައިފައެވެ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތް ކުޅޭނީ އިލަވަން އަ ސައިޑް އުސޫލުންނެވެ.
މިއަހަރުގެ މައިކަޕް މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000ރ ހުށަހަޅާފައިވާއިރު، ފަސްޓް ރަނާރސް އަޕް ޓީމަށް، 35،000ރ ވަނީ ހުށަހަޅާފައެވެ. މިއަހަރު ބާއްވާ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ. ބިއުޓިފުލް ބްލޫއިން މުބާރާތުގެ ފޯރި ގަދަކުރުމަށް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންދާނެކަންވަނީ އިއުލާންކޮށްފައެވެ.