އިންޓަރސްކޫލް ވޮލީ މުބާރާތް: ފިރިހެން އަދި އަންހެން ޑިވިޜަންގެ ސެމީ ފައިނަލް މިއަދު

ލުޤުމާން އަޙްމަދު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން  ކުރިޔަށްގެންދާ އިންޓަރސްކޫލް ވޮލީ މުބާރާތުގެ ފައިނަލް ރައުންޑްގައި، އިހަވަންދޫ ސްކޫލްގެ 19  އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ޓީމް ވާދަކުރާ ސެމީ ފައިނަލް މެޗްތައް މިއަދު އޮންނާނެއެވެ.

ސެމީ ފައިނަލްގެ މެޗްގައި އިހަވަންދޫ ސްކޫލްގެ 19  އަހަރުން ދަށުގެ އަންހެން ޓީމް ނުކުންނާނީ، ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރާ ދެކޮޅަށެވެ. ޓާފް 3 ގައި ކުޅޭ އެމެޗް ފަށާނީ މިއަދު 15:00 ގައެވެ. މި ދެ ޓީމްވަނީ އަތޮޅު ކެޓަގަރީގެ ގްރޫޕް ސްޓޭޖްގައިވެސް ކުޅެފައެވެ. އެމެޗް 2 ސެޓް 1 ސެޓުން ކާމިޔާބުކުރީ ފާފު އަތޮޅު އެޑިއުކޭޝަން ސެންޓަރެވެ.

ސެމީ ފައިނަލްގެ މެޗްގައި އިހަވަންދޫ ސްކޫލްގެ 19  އަހަރުން ދަށުގެ ފިރިހެން ޓީމް ނުކުންނާނީ މީމު އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ދެކޮޅަށެވެ. ޓާފް 3 ގައި ކުޅޭ އެމެޗް ފަށާނީ މިރޭ 19:45 ގައެވެ. މިމުބާރާތުގެ 19 އަހަރުން ދަށުގެ ފިރިހެން ޑިވިޜަންގެ އެއްވަނަ ހޯދާފައިވާ އިހަވަންދޫ ސްކޫލްގެ ޓީމް ވަނީ އަތޮޅު ކެޓަގަރީގައި މި ދެ ޓީމް ބައްދަލުކުރި މެޗް 2 ސެޓް 0 ސެޓުން ކާމިޔާބު ކޮށްފައެވެ.

މިއީ މާލޭގައި ބާއްވާ އިންޓަރ ސްކޫލް ވޮލީމުބާރާތެއްގައި އިހަވަންދޫ ސްކޫލް ބައިވެރިވާ ފުރަތަމަ ފަހަރުކަން ފާހަގަކުރެވެއެވެ.