“ގައުމައިގެން ކުރިއަށް” ކޯލިޝަން ދޫކޮށް އަދާލަތު ޕާޓީން ޖުމްހޫރީ ޕާޓީއާ ގުޅުނީ “ކަހަނބަށް ވާން ބޭނުންނުވާތީ” ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމްގެ ރަނިންމޭޓަކީ ޑރ. ޙަސަން ސައީދުކަން އިއުލާންކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
“މިހާރު އަޅުގަނޑުމެން މިތިބީ އެންމެން ގުޅިގެން މުސަޅަށް ބަދަލުވެގެން. މިއަދު މުސަޅު މީ އިނގޭތޯ؟ އަޅުގަނޑުމެންގެ ޓީމަކީ މިއަދު މުސަޅު،” ކަމަށާއި އަދި ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އަދި އަދާލަތު ހިމެނޭ ކޯލިޝަނަކީ މިފަހަރުގެ ރިޔާސީ ރޭސް ކާމިޔާބުކުރާނެ “މުސަޅު” ކަމަށް އޭނާ ވިދާޅުވި އެވެ.
ޖުމްހޫރީ ކޯލީޝަނާ އަދާލަތު ޕާޓީން ގުޅުނީ ދީނާ ޤައުމަށްޓަކައި ކަމަށްވެސް އެބޭފުޅާ ރޭގެޖަލްސާގައި ވިދާޅުވިއެވެ. “ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ހަގީގަތް ވާނީ ހަގީގަތަށް، އެއެއް ބަދަލެއް ނުވާނެ، އެދުވަހު އަޅުގަނޑުމެން 28 މާޗުގައި އެނިންމި ނިންމުން ވެސް ނިންމީ ދީނާއި ގައުމަށްޓަކައި، އަދި 16 ޖުލާގައި މި ކޯލިޝަނާއި ގުޅެން ވެސް ނިންމީ ހަމަ ދީނާއި ގައުމަށްޓަކައި، މާތް ﷲ އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން ސާބިތުކޮށްދޭނަން.” އިމްރާން ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ކޯލިޝަން މިފަހަރު އުފެދުނު ނަމަވެސް، އެއީ މާ ދިގު ތާރީހެއް އޮތް ކޯލިޝަނެއް ކަމަށާއި، އެއީ މިދިޔަ ފަހަރުގެ ރިޔާސީ އިންތިހާބުގައި އުފެއްދުމަށް މަސައްކަތްކުރި ކޯލިޝަނެއް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އަދި މި ކޯލިޝަންގައި އެހެން ހަގީގަތެއް ވެސް އެބަ އޮތް ކަމަށާއި “މިއީ 23 ޑިސެމްބަރުގެ ކޯލިޝަން” ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
“މިއީ މި ކޯލިޝަނަކަށްޓަކައި އަޅުގަނޑާއި އަޅުގަނޑުގެ އަޚް މުހައްމަދު ޝަހީމާ ދެ މީހުން 2008 ވަނަ އަހަރު މެލޭޝިޔާގައި ތިބެގެން ވަރަށް މަސައްކަތް ކުރި ކޯލިޝަނެއް،” ވިލާ ފައުންޑޭޝަންގެ ސްކޯލާޝިޕެއްގައި މެލޭޝިޔާގައި ކިޔަވައި ވިދާޅުވި އިމްރާން ވިދާޅުވި އެވެ.
2008 ވަނައަހަރުގެ އިންތިހާބުގައިވެސް އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީން ކޯލީޝަން ހެދިއެވެ. ނަމަވެސް ދެވަނަބުރަށް ނުދެވުމުންއެ ކޯލީޝަން ގުޅިފައިވަނީ އެމްޑީޕީ ކޯލީޝަނާއެވެ.