Banner Image Description

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ މެދު އަޅުގަނޑުގެ ޚިޔާލު!

.

– ހުސެއިން ފަޔާޒު –

ޝައްކެއްވެސް ނެތް ގޮތުގައި ދަޢުލަތުގެ ތިންބާރު ވަކިވެފައިވާ ދިމިކްރާތީ ނިޒާމެއްގައި ޤާނޫނު ހެދުމުގެ ބާރު ނުވަތަ ރައްޔިތުންގެ މަޖިލީހަކީ ވަރަށް މުހިއްމު އަދި އެހާމެ ހައިބަތު ބޮޑު ބާރެކެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއިން އެ މަޖިލީހާއި ނުހަނު ބޮޑެތި މަސްއޫލިއްޔަތު ތަކަކާއި އަދި އެހާމެބޮޑެތި ބާރުތަކެއް އެ މަޖިލީހާއި މަތިކޮށްފައިވާކަމީ އެމަޖިލީހުގެ ހައިބަތާއި ބާރު އިތުރަށް ހާމަވެގެންދާކަމެކެވެ. ދިމިކްރާތީ ނިޒާމެއްގައި ތިންބާރެއް ( ވެރިކަން ހިންގުމުގެ ބާރާއި ، ޤާނޫނު ހެދުމުގެ ބާރާއި ، ޢަދުލު އިންސާފް ޤާއިމްކުރުމުގެ ބާރު ) އޮތުމުގެ ބޭނުމަކީ އެއްބާރަކުން އަނެއްބާރަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި އެކު އެއްބާރަކުން އަނެއްބާރެއްގެ މައްޗަށް ފާރަވެރިވުން ކަމުގައި ދެކެމެވެ. އަދި ފާރަވެރި ވުމުގެ މާނައަކީ އެއްބާރަކުން އަނެއްބާރެއްގެ މައްޗަށް ނުފޫޒުފޯރުވުން ކަމުގައި ނުދެކެމެވެ.

 ޤާނޫނު އަސާސީން ރައްޔިތުންގެ މަޖީލީހުގެ އިއްޒަތްތެރި މެމްބަރުންނަށް ދީފައިވާ އިއްޒަތްތެރި ކަމާއި އިނާޔަތްތަކާއި ، ރައްކާތެރި ކަމަކީ ނުހަނު ހައިބަބޮޑު އިނާޔަތްތަކަކާއި، އިއްޒަތަކާއި ރައްކާތެރިކަމެއްކަމަށް ކޮންމެ ދިވެހިރައްޔިތަކުވެސް ހެކިވާނެއެވެ. އެކަން އެހެން ނޯންނާންވީ ސަބަބެއްވެސް ނެތެވެ. އެއީ ރައްޔިތުންގެ މަޖިލީހަކީ ދިވެހި ދައުލަތުގެ ޤާނޫނު ހެދުމުގެ ބާރުކަމަށް ވެފައި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އެއިއްޒަތްތެރި މަޖިލީހުގައި ތިއްބަވާނީ ނަމުންވެސް އަދި ކަމުންވެސް އިއްޒަތްތެރި މެމްބަރުން ކަމުގައިވާތިއެވެ. އަދި އެބޭފުޅުންނަކީ އެބޭފުޅުން ހައްދަވާ ، އިސްލާހުގެންނަވާ ޤާނޫނުތަކާއި ޤަވާޢިދު ތަކުގެ މައްޗަށް ދިވެހިރައްޔިތުން ޢަމަލުކުރުން ލާޒިމްވާ ޤާނޫނު ތަކަށް ވީހިނދު އެޤާނޫނު ހަދަން ތިއްބާވާނީ ނުވަތަ ތިއްބަވަން ވާނީ ނަޒާހާތްތެރި ، ޢިލްމުވެރި ދީންވެރި ނަމޫނާ މެމްބަރުންތަކެވެ.

 މިދުވަސްވަރަކީ މަތީގައި ދެންނެވުނު އިއްޒަތްތެރި މަޖިލީހަށް މެމްބަރުން ހޮވުމުގެ އިންތިހާބު ކުޑަތަން ވަމުން އަންނަ ދުވަސްވަރެވެ. މިދުވަސްވަރަކީ ކުރިއަށް އޮތް 5 އަހަރަށް ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ފޮނުވުމަށް ރައްޔިތުންނަން ލިބިފައިވާ ހަމަ އެކަނި ފުރުސްތުގެ ބޭނުން ރައްޔިތުން ކުރަން ޖެހިފައިވާ ދުވަސްވަރެވެ. އޭޕްރިލް 6 ވަނަ ދުވަހު ވޯޓްލާން ދިއުމުގެ ކުރިން ވިސްނާލުން މުޙިއްމު ބައެއް ނުކުތާތައް ހުންނާނޭ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.

 މިއަދު މަގުތަކަށް ބަލާލުމުން ފެންނަނީ އެކި އެކި ކެންޑިޑޭޓުންގެ ފަރުދީ ވަޢުދުތަކާއިއެކުދެމިފައިވާ ކުލަގަދަބެނާތަކާއި ޕޯސްޓަރުތަކާއި ބިލްބޯޑްތަކެވެ. އެއް ކެންޑިޑޭޓަކު ބާބަކިއު ޒޯނާއި، ބަނދަރާއި، ނަރުދަމާއާއި، ބޮޑެތި އިސްލާމީ ބިނާތަކާއި ، އަގުބޮޑެތި މުބާރާތްތައް ބާއްވާނޭ ކަމުގެ ވައުދު ފޮތިގަނޑު ތަކުގައި ލިޔެ ދަމަމުންދާއިރު އަނެއް ކެންޑިޑޭޓެއްގެ ފޮތިގަނޑުތަކުގައި އެވެނި ކަމެއް ކުރިޔަކަ ނުދޭނެ ކަމުގެ ވަޢުދާއި އަދި ކުރިން ކޮށްދީފައިވާ ކަންކަން ކޮށްދޭނޭ ކަމުގެ ވަޢުދާއި ސަރުކާރެއްގެ ޕޮލިސީ ލެވެލުން ނޫން ގޮތަކަށް އެކަންކަންކުރުމުގެ އެއްވެސް ފުރުސަތެއް ނެތްކަމުގެ ވަޢުދުވެސް ފެންނަމުން ދެއެވެ. އަދި އަނެއްބައި ކެންޑިޑޭޓުން ރައްޔިތުންނަށް ހަރާމްކޯރު ނުވާނެ ކަމުގެ ވަޢުދާއި، ތެދުވެރި ނަޒާހާތްތެރިއަކަށް ވާނޭ ކަމުގެ ވަޢުދާއި، ޕާޓީ ބަދަލު ނުކުރާނޭ ކަމުގެ ވަޢުދުފަދަ ވަޢުދު ތައްވެސް ވަމުންދާތަން އެބަފެނެއެވެ. އަދި ސަރުކާރުގެ ކެންޑިޑޭޓުންގެ ނަމުގައިއުޅޭ ކެންޑިޑޭޓުންވެސް ސަރުކާރުގެ ބިޔަ ޕްރޮޖެކްޓްތައް ދާއިރާއަށްގެނެސް ދޭނޭ ކަމުގެ ވަޢުދުފަދަ ވަޢުދުތައް ވަމުންދާތަން ފެނެއެވެ. މިފަދަ ވައުދުތައް ވަމުން ދާއިރު އިންތިހާބާއި ބެހޭ ޤާނޫނުގައި މިފަދަ ވަޢުދުތަކަކީ ކެންޑިޑޭޓަކަށް ވެވިދާނެ ވަޢުދުތޯ ބަލާލަން ޖެހެއެވެ. އިންތިހާބާއި ބެހޭ ޤާނޫނޫގައިވާ ގޮތުން ކެންޑިޑޭޓުންނަށް ނުވެވޭނެ ވައުދުތަކުގެ ތެރޭގައި ވަކި ފަރުދަކަށް ނުވަތަ ވަކި ޖަމާއަތަކަށް މާލީ މަންފާއެއް، އެހީއެއް ނުވަތަ ހިދުމަތެއް ދޭން ބުނުމާއި ރަށުގެ ތަރައްގީ އަށް މަސައްކަތްކޮށް ދޭނެ ކަމަށް ބުނުމާއި ދާއިރާގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކޮށް ދިނުމަށް ބުނުން ފަދަ ކަންކަން ހިމެނެ އެވެ. އަދިވެސް އިތުރަށް ކެންޑިޑޭޓުންނަށް ނުވެވޭނެ ވަޢުދުތަކުގެ ތެރޭގައި ބޮޑެތި މުބާރާތްތައް ބާއްވާނޭ ކަމަށް ވަޢުދު ވުމާއި، އައުޓް ޑޯ ޖިމްއާއި އަދިވެސް އެފަދަ ރައްޔިތުންނަށް ވަކި ކަންތައްތަކެއް ކޮށްދޭނޭ ކަމަށް ބުނުން ފަދަ ވަޢުދުތައް ހިމެނެއެވެ. ހަމަ އެއާއި އެކު މަޖިލީހަށް ކެމްޕެއިން ކުރައްވާ ކެންޑިޑޭޓުންނަށް ވެވިދާނެފަދަ ވަޢުތައްވެސް އެބަހުއްޓެވެ. މިގޮތުން މަޝްރޫއުތައް ހިނގާއިރު ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ބުނުމާއި ، ރައްޔިތުންނާ ގުޅޭ ބިލްތަކުގައި ހިޔާލު ހޯދާނެ ކަމަށް ވައުދުވުމާއި ، ބިލްތައް ފާސްކުރުމުގައި ރައްޔިތުންގެ މަސްލަހަތަށް އިސްކަން ދޭނެ ކަމަށް ބުނުމާއި ،ނަޒާހަތްތެރިކަމާއި ތެދުވެރިކަމާ އެކު ހުވާގެ މަތީގައި ހުންނާނެކަމަށްބުނުންފަދަ ވައުދުތަކަކީކެންޑިޑޭޓުންނަށް ވެވިދާނޭފަދަ ވަޢުދުތަކެވެ.

 މާތީގައި ދެންނެވިދިޔަ ދެވައްތަރުގެ ވަޢުދުގެ ތެރެއިން އިންތިހާބާބެހޭ ޤާނޫނުގައި ކެންޑިޑޭޓުންނަށް ނުވެވޭނޭކަމަށް ބަޔާންކުރެވިފައިވާ ވައުދުތައް ރައްޔިތުންގެ ކުރިމަތީގައި ކެންޑިޑޭޓުން ވަމުންދާނަމަ، އަހަރެމެން ވިސްނާލަން ޖެހޭ ކަމަކީ ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް އެ ކެންޑިޑޭޓަކު ހޮވުމުގެ ކުރިންވެސް އެހުންނެވުނީ ޤާނޫނާއި ޚިލާފްވެ ވަޑައިގެންނެވިފައެވެ. ޤާނޫނާއި ޚިލާފްކަންތައްތަކެއްގެ ތެރެއިން މަޖީލީހަށް ވަޑައިގަންނަވާ މެމްބަރަކަށް ޤާނޫނީ އިމުގެ ތެރެއިން ވަޢުދެއްފުއްދިދާނެތޯ އަމިއްލަ ނަފްސާވެސް ސުވާލުކޮށްލަން އެބަޖެހެއެވެ.

           އަނެއްކަމަކީ ކެންޑިޑޭޓުން ކެމްޕޭންކުރުމަށް ގެންގުޅޭ އުސޫލުތަކެވެ. ގިނަކެންޑިޑޭޓުން ރައްޔިތުން ކައިރިއަށް ވޯޓް ހޯދަންގޮސް އެމީހާގެ ޤާބިލްކަމާއި ތަޖުރިބާ ހާމަކޮށްދިނުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އަހަނީ އެ ރައްޔިތަކަށް އެވަގުތަކު ބޭނުން ވެފައިވަނީ ކޮންކަމެއް ތޯއެވެ. އަދި ތިމަންނާ ނޫން މީހުންނަށް ލާ ވޯޓަކީ ބޭކާރުވޯޓެއް ކަމާއި އެވެނި މީހަކީ އެވެނިކަހަލަ މީހެކޭ ކިޔާ އެންޓި ކެމްޕޭން ކުރާތަންވެސް ފެންނަމުންދެއެވެ. ރައްޔިތުންގެ ތެރެއިންވެސް ގިނަރައްޔިތުންނަށް ދަސްވެފައިހުރީ އެވަގުތަކު އޭނާގެ އެއްމެބޮޑު މުހުތާދުގެ ވާހަކަ ކެންޑިޑޭޓާއި ހިއްސާކުރުމެވެ. އަދި އެވަގުތަކު ބޭނުންޖެހިފައިވާ ކަމެއް މެމްބަރުލައްވާ ފުއްދުމެވެ. މިކަމުގައި ގިނަރައްޔިތުންގެ ވިސްނުން ހުންނަގޮތެއްކަމުގައި ޤަބޫލުކުރެވެނީ މެމްބަރު މަޖިލީހަށް ހޮވުމަށްފަހު އެމެމްބަރެއްގެ ފަރާތުން ރައްޔިތަކަށް އެއްވެސް އެހީތެރިކަމެއް ލިބިދާނޭކަމަކަށް ގިނަ ރައްޔިތުން ޤަބޫލެއްނުކުރެއެވެ. އެރައްޔިތުން ޤަބޫލުކުރާގޮތުގައި މެމްބަރު ހޮވުމަށްފަހު އެމެމްބަރަކާއި ނުވެސްގުޅޭނެއެވެ. އަދި ނުވެސް ފެންނާނެއެވެ. އެހެންވީމާ ކެންޑިޑޭޓް އަތުން އެއްޗެއް ލިބެން އޮތްވަގުތު އެކަން ނުކޮށްފިނަމަ ފަހުންނުކުރެވޭނެތީ އެކަން ކުރަނީއެވެ. މިގޮތުން ކެންޑިޑޭޓުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމާއި، ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސުމާއި، ޗުއްޓީ ދަތުރުތަކަށް ޓިކެޓް ހަމަޖެއްސުންފަދަ ކަންކަން ޖެހިލުމެއްނެތި އެދެމުންދާކަމީ މިއަދު ފެންނަން އޮތް ހަޤީގަތެވެ. އެއްކެންޑިޑޭޓަކު އަނެއްކެންޑިޑޭޓެއްގެ އިންތިޙާބީ ޙައްޤަށް އަރައިގަތުމުގެ ގޮތުން އެންޓިކެމްޕޭންކުރުމާއި ވޯޓް ހޯދުމާއި އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރިޝްވަތު ދިނުމާއި ، ހިފުމާއި ދިނުމުގައި މެދުވެރިއަކަށް ވުމަކީވެސް ޤާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިކަމުގައި ވިޔަސް މަނާކަންކަމެވެ. މިކަންކަން މިގޮތަށް ކުރުމުގެ ސަބަބުން މެމްބަރު ޖަވާބުދާރީ ކުރުމަށް ރައްޔިތުމީހާއަށްއޮތް ހަނިފުރުސަތުވެސް ގެއްލިގެން ދެއެވެ. އަދި މެމްބަރަށް ވެސް ތިމަން ތިބާގެ ވޯޓް ހޯދީ ތިބާ އެދުނުކަންތައް ކޮށްދީފައިނޫންހޭ ބުނުމުގެ ފުރުސަތު ލިބިގެންދެއެވެ. އަދި ހަމަ އެއާއި އެކު ކަރަޕްޝަން ހުއްޓުވުމުގެ ވަޢުދާއި އެކު އަންނަ ކެންޑިޑޭޓަކު ކަރަޕްޝަނާއި ފަސާދަ ފަތުރައިގެން އެކަމުގެ ތެރެއިން މަޖިލީހަށް އައިސް އެމަޖިލީހުގައި އެ މެމްބަރަކަށް ކަރަޕްޝަނާ ދެކޮޅަށް ކުރެވޭނެ މަސައްކަތެއް އޮންނާނެތޯ އަހަރެމެން އަމިއްލަ ނަފްސާއި ސުވާލުކޮށްލަން އެބަޖެހެއެވެ.

           އަހަރެމެން އެއްމެން އަބަދު ދައްކަމުން މިދަނީ މަޖިލީހާއި ، މުއައްސަސާތަކާއި ، ސަރުކާރުގެ އިދާރާތައް ކަރަޕްޓް ވެފައިވާ ކަމުގެ ވާހަކައެވެ. އަދި ކޮންމެ ކެންޑިޑޭޓަކާއި ކޮންމެ ރައްޔިތަކު ދައްކަމުން މިދަނީ ކަރަޕްޝަނާއި ފަސާދަ އަށަގަނެފައި އޮތްލެއް ބޮޑުކަމުން އާއްމުރައްޔިތު މީހާއަށް ލިބެންޖެހޭ މިންވަރު ދަޢުލަތުގެ ތެރެއިން ލިބެމުން ނުދާކަމުގެވާހަކައެވެ. ވަޒީފާ ތަކާއި، ސަރުކާރުން ދޭ ޚިދުމަތްތަކާއި އިނާޔަތްތައްވެސް ވަކިބަޔަކަށް ލިބެމުން ދާވާހަކައެވެ. ދަރިފުޅު ކިތައްމެމަތީ ފާހެއްނަގައިގެން ހުރިކަމުގައިވިޔަސް ވަޒީފާ ހޯދަން ދާއިރާގެ މެމްބަރުގެ ކައިރިއަށް ދާންޖެހޭކަމުގެ ވާހަކައެވެ. އާސަންދައަކީ ހުރިހާ ދިވެހިރައްޔިތުންނަށް ހަމަހަމަ އުސޫލެއްގެ ތެރެއިން ލިބެންޖެހޭ ޚިދުމަތެއްކަމުގައިވިޔަސް އާސަންދަ ހޯދަން ދާއިރާގެ މެމްބަރުގެ ކައިރިއަށް ގޮސް އެމެމްބަރު ބުނާ ސިޔާސީ ފިކުރެއްގައި މަސައްކަތްކޮށްދީ ޕާޓީ ފޯމްފުރައިދީ ސަލާންޖަހަން ޖެހޭ ވާހަކައެވެ. ދަރިފުޅަށް ކިޔަވައިދޭން ކޮލެޖުން ޖާގަ ހޯދުމަށާއި ލޯން ހަމަޖެއްސުމަށާއި، ދަތުރުކުރުމަށް ފްލައިޓުން ޓިކެޓް ހޯދުމަށާއި އައިޑީ ކާޑާއި ޕާސްޕޯޓް ހައްދަންވެސް ދާއިރާގެ މެމްބަރުކައިރިއަށް ދާންޖެހޭ ވާހައެވެ. މިކަންކަމަކީ މެމްބަރާއި ގާތަސް ދުރަސް ރައްޓެއްސަސް ރުޅިޔަސް ހަމަހަމަ އުސޫލެއްގެ ތެރެއިން އެއްމެހައި ދިވެހި ރައްޔިތުންނަށްވެސް ފަހިވެފައި އޮންނަންޖެހޭކަންކަމެވެ. ނަމަވެސް މިއަދުގެ ހަޤީޤަތަކީ އެ ހުރިހާކަމެއްވެސް ވާނީ މެމްބަރުގެ ގާތްމީހުންނަށް ކަމެވެ.  ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އަސްލު ޙަޤީޤީ ޒިންމާ މިވަނީ ކެންޑިޑޭޓުންނަށާއި ، މެމްބަރުންނަށް އަދި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށްވެސް އޮޅިފައި ނުވަތަ އޮޅުވާލެވިފައިކަމަށް ޤަބޫލުކުރެވެއެވެ. މަޖިލީހުގެ މެމްބަރެއްގެ ހަޤީޤީ ޒިންމާއަކީ ޤާނޫނުތައް ހެދުމާއި، ސަރުކާރާއި ހަމައަށް ރައްޔިތުންގެ އަޑު ފޯރުކޮށްދިނުމާއި، ރައްޔިތުންނާއި ގުޅުންހުރި ތަރައްޤީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރަށް ބާރު އެޅުމާއި އެކަންކަން ނުހިނގާނަމަ ސަރުކާރު ޖަވާބުދާރީ ކުރުވުންފަދަ ކަންތައްތައް ކުރުމެވެ.

މަތީގައި ދެންނެވި ދިޔަ ކަންތައްތައް ބަދަލު ކުރުމަށް ބަސްބުނުމުގެ ބާރު އޭޕްރިލް 6 ވަނަ ރައްޔިތުންނަށް ލިބިގެންދާނެއެވެ. އެދުވަހު ވޯޓްލާން ދާއިރު އަޅުގަންޑުމެން ކުރަންވީ ކަމަކީ ކެންޑިޑޭޓް އައީ ކޮންޕާޓީއަކުންތޯ ނުބެލުމެވެ. އެ ކެންޑިޑޭޓް އަކީ ވޭތިވެ ދިޔަތަނުގައި ކިހިނެއް އަމަލުކުރަމުން އައި ފަރާތެއްތޯ ބެލުމެވެ. އެއީ ކިހާ ނަޒާހާތްތެރި، ކިހާ ތެދެވެރި ފަރާތެއްތޯ ބެލުމެވެ. އެމީހާ އަކީ ކިހާވަރަކަށްދީނަށް ލޯބިކުރާ ކިހާ ދީންވެރި މީހެއްތޯ ބެލުމެވެ. އެމީހާއަކީ ކިހާވަރެއްގެ ތަޢުލީމެއް ހުރިމީހެއްތޯ ބެލުމެވެ. ކިހާ ވަރެއްގެ އިތުބާރަކާއި އަޚްލާގެއް ވޭތިވެ ދިޔަ ތަނުގައި ދައްކައި ދީފައިވާ މީހެއްތޯ ބެލުމެވެ. ވޯޓް ލާންވީ ކުލައަކަށް ، އާއިލާއަކަށް ، މުއްސަނދިކަމަކަށް ބަލައިގެނެއް ނޫނެވެ. އަހަރެމެންގެ ކޮނޑުގައި އެޅިފައިވާ ވޯޓްގެ އަމާނާތް އޭގެ ޙައްޤުވެރިންނަށް ރައްދުކޮށްދެވޭނީ އަހަރެމެން އެއްވެސް ފަރާތަކަށް ނުވިކި އެ ޙައްގު އަދާކުރުމުގައި އިޙްލާސްތެރިވެގެންނެވެ.