ޕޯލްސްޓަރ އާއި އިމަގަކާ އަހަރެމެނަކާ ކިޔެއްހޭ؟

ޢަބްދުލްމާނިޢު ޙުސައިން

އިޖުތިމާއީ ޖަމިއްޔާތައް އުފައްދައި ހިންގަނީ ޖަމާއީ ލާމެހުމަކުން ޖަމާއަތުގެ ލާބަ އާއި މަންފާއަށް އަދައި ހިންމަތްކުރުމަށެވެ.

ކްލަބް ޕޯލްސްޓަރ އާއި އިހަވަންދޫ މަސްވެރިންގެ ގުޅުމަކީ އިހަވަންދޫއަށް އެތައް ގޮތަކުން ކިތަންމެ ދާއިރާއަކުން އަގު ނުކުރެވޭހާ ގިނަގުނަ ހިދުމަތްކުރަމުންދާ ދެ ޖަމިއްޔާއެވެ. މުޅި ރާއްޖެއަށް ގޮންޖެހޭހާ ލާމަސީލު ދެ ޖަމާއަތެވެ. އެ ދެ ޖަމިއްޔާގެ މިންނަތްތެރިންނަށް ޝުކުރު ހުއްޓެވެ.

ހަގީގަތުގައި އެ ދެ ޖަމިއްޔާގެ މިހާރުގެ ރައީސުންކަމުގައިވާ މުހައްމަދު ސުޖާއު އާއި މޫސާ އަލީގެ ޒައާމަތުގައި އިހަވަންދޫއަށް އޮހެމުންދަނީ އާދަޔާހިލާފު ގަދަފަދަ ހިދުމަތެކެވެ. އެ ދެ ބޭފުޅުންގެ އަމިއްލަފުޅު ހަޔާތްޕުޅަށްވުރެ ޖަމިއްޔާއަށް ދެއްވާ ސަމާލުކަން މާ ބޮޑެވެ. ފާއިތުކުރައްވާ ވަގުތު މާ އިތުރެވެ. އެހެން އެއްވެސް ކަމަކަށް ބާއްވަވާ ކުލުނަށްވުރެ އިހަވަންދޫއާމެދު ހިތްތަވާ ލޯބިފުޅު މާ ވަރުގަދައެވެ. އަމިއްލައެދުންފުޅަށްވުރެ އިހަވަންދޫގެ ކުރިމަގާއި މުސްތަގުބަލާމެދު ވެވަޑައިގަންނަވާ ކަންބޮޑުވުން މާ ފުނެވެ. އެ ދެ ބޭފުޅުންނަށްޓަކައި އަޅުގަނޑުމެން ފަހުރުވެރިވަމެވެ. ފަށްފަށުން ސާބަހާއި އައްސަރިބަހެވެ.

ކޮންމެއަކަސް، އަޅުގަނޑަށް ފެންނަ ތަނުގައި، ކުޑަކުޑަ ކަމެއް ރަނގަޅުކޮށްލަން ނުވަތަ ބަދަލުކޮށްލަން އެބަޖެހެއެވެ. ހާމަކަން އިތުރުކޮށްލަންވީއެވެ. ހިސާބުކިތާބު ފާޅުކުރަން ފަށަންވީއެވެ. ހިނގާނުހިނގާ މިހާރަށްވުރެ ވެސް ބޮޑަށް އާންމުކުރެވޭތޯ އުޅެންވީއެވެ. ހަސަދަވެރިންގެ ޝައްކާއި ވަސްވާހަށް ޒައްރެއްގެ ވަރުވިޔަސް ދޫކޮށްފައި ނުބާއްވަންވީއެވެ.

ތިޔަ ވިދާޅުވަނީ ވެސް ތެދުފުޅެކެވެ. އަހަރެމެންނަށް ތެޅެނީ އަނގައެވެ. ކިޔެނީ ފާޑެވެ. ވަލުގައި ހިފާކަށް ނުކެރެއެވެ. އަރާ ބާރާއި ކުރާ ވާން އެނގޭކަށް ބޭނުމެއް ނުވެއެވެ. ކަމުގައި ހުރި ދައްޗެއް ތުރާލެއް ވަޒަނެއް ނުވެއެވެ.

ރަނގަޅެވެ. ހޭޑިފޭޑި ބުނުން ވެސް އޮންނަން ވާނެތާއެވެ. އިހަވަންދޫ ބަނދަރުމަތިން މާސިންގާހާ ދެ ބިން ދެ ޖަމިއްޔާއަށް ހިލޭ ބަހުސީސަށް ދީފައި އޮތީތީ، އިހަވަންދޫގެ އެތައް ވަސީލަތެއް ބޭނުންކުރުމުގެ ޖާގަ ދެވިފައިވީތީ، ދައުލަތުގެ މާލިއްޔަތުން މަދަދު ފޯރާތީ، އެކި މަހައްލުގައި އިހަވަންދޫ ރައްޔިތުން ތަމްސީލުކުރާތީ، މި ނޫންވެސް ކިތަންމެ ތީ އަކަށްޓަކައި އިސްލާހުކޮށްލަން ހުންނަ ކުދިކުދި ކަންކަމުގެ ވާހަކަ މިހެން ބުނެލެވުނަސް ކަންތައް ބޮޑު ނުކުރައްވާށެވެ. އެހައި ކަންބޮޑުވެ ވެސް ނުލައްވާށެވެ.

އަހަރީ ރިޕޯޓު ވުޒާރާއަށް ހުށަހެޅުމުގައި އިމަގުން ފަރުވާކުޑަކުރިއެއްކަމަކު ރިޕޯޓުތައް ހަދާފައި އެ ހުންނަނީ މަތީ އިސްޓެންޑެޑެއްގައެވެ. ހިސާބުކިތާބުގެ ތަފުސީލުތައް ބަޔާންކޮށްފައި ހުންނަނީ އިތުރު ސުވާލެއް އޮޅުމެއް ނާރާހާ ސާފުކޮށެވެ. އާންމުކުރަން ފެށީމާ އެއްވަނަ ވީއެވެ.

ޕޯލްސްޓަރއިން ބަރާބަރަށް ރިޕޯޓު ހުށަހެޅިއެއްކަމަކު އެޔަކު އެއްވެސް އޮއްޓަރެއް ނެތެވެ. ދެން ހަމަ އަދަދުތަކެއް ޖަހާފައި ނަމަކަށް ކަމެއްކޮށްލަނީއެވެ. ހަރަދު މުޅިން ވެސް ކޮށްފައި ހުންނަނީ ތިންހަތަރު ސުމަށް ނިމޭ ގޮތަށެވެ. މި ދެން ބޮޑުވަރެވެ. ސަކަރާތަކަށް ހަދާވަރަށްވުރެ ކަމަކީ މާ ސީރިޔަސް ކަމެކެވެ.

ފަހުން މި ދެއްކުނު ވާހަކައަކީ އިއްޔެ އަޅުގަނޑު އާންމުކުޅަ، ދެ ޖަމިއްޔާގެ އަހަރީ ރިޕޯޓުތަކާ ގުޅުވައި ދެއްކުނުހާ ވާހަކައެވެ.

އަޅުގަނޑުގެ އިލްތިމާސަކީ ކޮންމެ އަހަރަކު ރިޕޯޓު ހޯދައިގެން އެ އާންމުކުރަން ނުޖެހޭނެ މަގަށް، މި ދެމުނު ހާސަރަށް އިޖާބަދެއްވުމެވެ. އުންމީދަކީ ވެސް އެއީއެވެ.

ޚިޔާލު ފައުޅުކުރުން

މޮޔަ ކޮމެންޓެއް
މާނިއޫ ބުނަން ވާހަކައެއް... މީސް މީޑިއާގައި ޖަމިއްޔާތައް ފަޟީހަތް ކުރުމަށްވުރެ ރަނގަޅުވާނެ ކަމުގެ ވޭނާއި ހުރި ގޮންޖެހުންތަކުގެ ވާހަކަތައް ދައްކައިދިނިއްޔާ! އަމިއްލަ ރަށޭ ކިޔައިގެން މާނިއުއަކީ އެއްވެސް ކަމެއް މިހާތަނަށް ކޮށްދިން މީހެއް ނޫން! ރަނގަޅު ކުރާން ޖެހޭ ކަމެއް ވެސް އިސްލާހު ކުރާން ޖެހޭ ކަމެއްގެ ވާހަކަ ވެސް ދައްކަން އޮންނާނީ ކަމެއް ކުރާ ބަޔެއްގެ! މަ ނަޒަރުގައި އިއްޔެ މާނިއު ކުރީ ރަށަށްޓަކައި ޖާނުން ގުރުބާން ކުރަމުންދާ ބަޔަކު އަގުވައްޓައިލާ، އެ މީހުންގެ ހިތް މަރައިލުމަށް ކުރި ވަރަށް ދަށު ދަރަޖައިގެ އަމަލެއް! އަދިވެސް ބުނެލަން ޖަމިއްޔާތައް ހިންގުމަކީ ވަރަށް ބުރަ ބޮޑު މަސައްކަތެއް! ވަރަށް ޒިންމާ ބޮޑު ކަމެއް! އިމަގާއި ޕޯލްސްޓައަކީ އަންބޮޑިއަށް ބޮޑު ކުރާ ބަޔަކު ތިބި ތަނެއް ނޫންކަން އެމީހުންގެ އެސެޓްތަކުން ހިންގާ ހަރަކާތްތަކުން އެހެރީ ފެންނަން! މާނިއުމެން އަންބަރީ ފައުންޑޭޝަނެއް ހަދައިގެން ކުރިމަކެއް، ދިން އެހީއެއް ނިކަން ދައްކަބަލަ! ތިޔަ ފައުންޑޭޝަނެއްގެ ހިސާބު ކިތާބު ނިކަން އާއްމުކޮށްބަލަ! ނުކެރޭނެ! ނުވެސް އޮންނާނެ! ދެންވެސް ކަމެއް ކުރިއްޔާ ކުރާނީ ޕޯލްސްޓަރއާއި އިމަގުން. މަ ވަރަށް ރުޅިއާދޭ ފޮނި މާނިއު ދެކެ