މަދަރުސީ ތަޢުލީމު ނިންމާ ދަރިވަރަކަށް ނަމާދުގައި ކިޔާތަކެތި ނޭނގެޔޭ، ހިނައިގަންނަން ނޭނގެޔޭ، ކީރިތި ޤުރުއާން ބަލައިގެން ކިޔަވަން ނޭނގެޔޭ ބުނެފިނަމަ ތިބާ ޤަބޫލުކުރާނަން ހެއްޔެވެ؟ މިއީ ޙައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެފަދަ އެތައް ކުދިންނެއް މިއަދުގެ މުޖްތަމަޢުން އެބަފެނެއެވެ. މުސްލިމަކަށްވީތީވެ ކޮންމެހެން އެނގެންޖެހޭ ވަރަށް ގިނަ އަސާސީ ދީނީ މައުލޫމާތުތައްވެސް ނޭނގޭ އެންމެ ކުޑަމިނުން ތިމާ ހެއްދެވި ފަރާތަށް އަޅުކަންކުރާނެ ގޮތްވެސް ނޭނގޭ އެތައް ދަރިވަރުންނެއް މިއަދު މަދަރުސާތައްދޫކޮށް އެބަނުކުމެވެ.
ދިވެހި ރާއްޖޭގެ ގިނަ މަދަރުސާތަކަކީ ދީނީ މަދަރުސާތަކެއް ނޫނެވެ. ދުނިޔަވީ އެކިއެކި ޢިލްމުތައް ކިޔަވައިދޭ މަދަރުސާތަކެކެވެ. އެމަދަރުސާތަކުގައި ދީނީ މާއްދާއަކަށް ހަމައެކަނި ކިޔަވައިދެނީ އިސްލާމް މާއްދާއާއި ކީރިތި ޤުރުއާނުގެ ކުޑަމިންވަރެކެވެ. ސުވާލަކީ އިސްލާމްދީނުގެ ތަޢުލީމު އުނގެނުން މިފަދަ ދޯދިޔާގޮތަކަށް ދޫކޮށްލާފައި ބޭއްވުމަކީ ހަމަ އެންމެ ރަނގަޅު ގޮތްބާވައެވެ؟
ދީން އުނގަންނައިދިނުމަކީ މިހާ ކުޑަކޮށް ސަމާލުކަންދޭންޖެހޭ ކަމެއްގެ ގޮތުގައި މިއަދު މިވަނީ ދެކެން ފަށާފައެވެ. އަހަރުން އަހަރަށް މަންހަޖުތައް މުރާޖަޢާކުރެވިގެން އަންނައިރު، ދީނަށް ލިބިފައިވާ ހިއްސާކުޑަވަމުން ކުޑަވަމުން އައިސް ހިމަ ރޮނގެއްގެ ސިފައިގައި ކިރިޔާ ފެންނަން އިނީއެވެ.
އެހެނިހެން ޢިލްމުތައް ކިޔަވާދިނުމުގެ މާނައަކީ ދީނީ ޢިލްމަށްދޭ ސަމާލުކަން ކުޑަކުރުމެއް ނޫނެވެ. ދުނިޔޭގެ މުސްލިމު ޤައުމުތަކުގައި އެ ޤައުމުތަކުގެ ސަރުކާރުން ޤައުމީ މަންހަޖުގައި އިސްލާމްދީނުގެ މައުލޫމާތު ތަފްޞީލްގޮތެއްގައި ކިޔަވާދޭގޮތަށް ހަމަޖައްސާފައި އޮވެއެވެ. ދުނިޔަވީ ޢިލްމު ކިޔަވަންބޭނުންވާ ކުއްޖާއަށް އެ ފުރުޞަތު ލިބިދީފައި އޮންނަ ގޮތަށް ދީނީ ޢިލްމުން ތަޚައްޞުޞުވާން ބޭނުންވާކުއްޖާއަށް އެފުރުޞަތުވެސް ލިބިދީފައި އޮވެއެވެ. އަދި ދީނީ ޢިލްމުގެ ތެރޭގައި، ޢަޤީދާއާއި، ފިޤުހާއި، ތަފްސީރާއި، ޙަދީޘާއި، ޢަރަބި ބަސްފަދަ މާއްދާތައް ކިޔަވާދެއެވެ.
ޙަޤީޤަތުގައި ދީނީ ޢިލްމަކީ އެހެނިހެން ޢިލްމުތަކާ އަޅާބަލާއިރު ވަރަށް ފުން ޢިލްމެކެވެ. ވަރަށް ގިނަ ޢިލްމެކެވެ. އެކިއެކި ބައިތަކަށް ތަފްޞީލީގޮތެއްގައި ބެހިފައިވާ ބައިވަރު ޢިލްމުތަކެކެވެ. ހަމައެކަނި “ދީނީ ތަރުބިއްޔަތު” ނުވަތަ “އިސްލާމީ ތަރުބިއްޔަތު” ބޭރުގަނޑުގައި ޖަހާފައި، އިސްލާމީ ތާރީޚުގެ ދެތިން ހަނގުރާމައާ ބެހޭ މަޢުލޫމާތަކުން ދީނުގެ ޢިލްމު އެކަށީގެންވާގޮތުގައި ފޯރުކޮށެއް ނުދެވޭނެއެވެ.
ޢަޤީދާ ނުވަތަ ތައުޙީދުގެ ބަޔަކީ ދީނުގެ އެންމެ މުހިއްމުބަޔެވެ. ކުށްމަދުވުމާއި އަމާން މުޖްތަމަޢެއް ޤާއިމްވުމުގެ އަސާސަކީ އިސްލާމީ ޢަޤީދާކަމުގައިވާއިރު ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމުގެ މަންހަޖުގައި ޢަޤީދާ ފެންނަނީ ވަރަށް ބަލިކަށިކޮށެވެ. މުޖްތަމަޢުގައި ހުރި ހުރިހާ މައްސަލައެއްގެ އަޞްލަކީ ﷲ އާމެދު ބިރުވެތިނުވުން ކަމުގައިވާ ހިނދު، ﷲ އާ ބެހޭގޮތުން އެނގެންޖެހޭ ޢަޤީދާ ކިޔަވާ ނުދެވޭނަމަ މުޖްތަމަޢު ސަލާމަތްވާނީ ކޮންގޮތަކުންތޯއެވެ؟
ގިނަ ބެލެނިވެރިންގެ ވާހަކަތަކަށް ބަލާއިރު އެބައިމީހުންގެ ދަރިންނަށް، އިސްލާމްދީން ކިޔަވާދޭން އެބައިމީހުން ވަރަށްބޮޑަށް ބޭނުންވެއެވެ. އެކަމަށް އެޅިފައި އޮންނަ އެންމެ ބޮޑު ހުރަހަކީ ސަރުކާރުން ނުވަތަ ތަޢުލީމާބެހޭ ވުޒާރާއިން އިސްލާމްދީނުގެ ތަޢުލީމު ކިޔަވައިދިނުމަށް ދޭ ސަމާލުކަން ކުޑަވުމެވެ.
އިސްލާމްދީން ނައްތާލުމަށްޓަކައި، އިސްލާމްދީނާ މެދު ނަފުރަތު އުފެއްދުމަށްޓަކައި، އިސްލާމުންނަކީ ދުޝްމަނުންކަމުގައި ވިސްނާދިނުމަށްޓަކައި، ހުޅަނގުގެ ޤައުމުތަކުން ހަދާފައި ހުންނަ މަންހަޖެއް ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ގެނެސް އެ މަންހަޖު ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ތަންފީޛުކުރާނީ ކިހިނަކުންތޯއެވެ؟ އެފަދަ މަންޒަރުތައްވެސް ފެންނަމުން އެބަދެއެވެ. ތަރުބިއްޔަތުގައި ފެއިލްވެފައިވާ ޤައުމުތަކުގެ މަންހަޖުތަކުން އަޅުގަނޑުމެން ފެއިލްވުން ނޫން އެހެން ނަތީޖާއެއް ނުކުންނާނެތޯއެވެ؟
އަޅުގަނޑުމެން އަމިއްލަ އަތުން މަސައްކަތްކޮށްގެން ގުދާރު ބިންދައިގެން ދޭހާ އަތްވެއްގައި ވެހޭހާ ވާރޭއެއްގައި ލޯބޯ ފީއްސައިގެން ކުރާ މަސައްކަތުން ހޯދާފައިސާކޮޅު އަޅުގަނޑުމެން ނަށް ޚަރަދުކުރަން މަޖްބޫރުވަނީ އެހެންބަޔަކު ބޭނުންވާ އެއްޗެއް އަހަރެމެންގެ ދަރިންނަށް ކިޔަވާ ދިނުމަށެވެ. އަހަރެމެން ކިޔަވާދޭން ބޭނުންވާ އެއްޗެއް ކިޔަވާދޭކަށް ފުރުޞަތެއް ނެތެވެ. އެހެން ބައެއްގެ ލާދީނީ ދިރިއުޅުމާއި، ހަޑިމުޑުދާރު ސަގާފަތު އަހަރެމެންގެ ދަރިންގެ ސިކުނޑިތަކަށް އަޅަމުންދަނީ “ދުނިޔެ ޤަބޫލްކުރާ” އިމްތިޙާނުތަކުގެ ނަމުގައެވެ.
ޢަރަބި ބަހާ މުސްލިމުން ބީރަށްޓެހިކޮށް، އިނގިރޭސިބަހަށް ލޯބިޖައްސައެވެ. އިނގިރޭސި ބަސް ކުރިއެރުވުމުގެ ގޮތުން ކިޔަވާކުދީން ކިޔުމަށްޓަކައި ލައިބުރަރީގައި ހުންނަނީ އެމީހުންގެ މުޖުތަމަޢުގައި ހުރި ހުރިހާ “ހަޑި” އެއް އުނގުޅާފައި ހުންނަ ފޮތްތަކެވެ. “ޙައްދެއް ނެތް މިނިވަންކަމާއި، ޖިންސީ ކަންކަމާއި، މަސްތުވާތަކެއްޗާއި، މައިންބަފައިންނަށް އުރެދުމާއި، އެއްޖިންސުގެ ގުޅުމާއި، ކުށްކުރުމުގެ” ދޮރާށިތައް އެކުދިންގެ ސިކުނޑިތައް ދޮވެލުމުގެ ގޮތުން ހުޅުވައެވެ. ނަތީޖާއަކަށްވަނީ ހުޅަނގުގެ މުޖްތަމަޢަށް އެކުއްޖާ ނުދިޔަކަމުގައިވިޔަސް އެކުއްޖާ ހުންނަނީ ހުޅަނގުގެ ފިކުރުގެ ފެނުން ފެންވަރައިގެންނެވެ. ސްކޫލް ނުނިމެނީސް މިފަދަ ކަންތައްތަކުގެ ނަތީޖާ ފެންނަން ފަށައެވެ. މިއީ މާތް ރަސޫލާގެ މަތިވެރި ސިޔަރަތާއި ސަލަފުންޞާލިޙުންގެ ޢިބްރަތްތެރި ވާހަކަތަކުން ކުއްޖާގެ މުޅިދިރިއުޅުމަށް ހެޔޮ އަސަރުކުރުވާ، އެފަދަ ތަރުބިއްޔަތަކުން ތަރުބިއްޔަތު ދިނުމުގެ ބަދަލުގައި މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އޮތްގޮތެވެ.
ދަރިވަރުންގެ ދީނީ ލޯބި ކަފުންވަނީ އޭ ބުނުމަށްވުރެ މުނާސަބުވާނީ ދަރިވަރުންގެ ދީނީ ލޯބި ކަފުންކުރަނީޔޭ ބުނީމައެވެ. އެހެނީ މިފަދަ ފިކުރީ ހަނގުރާމައިގެ އުކުޅުތަކަކީ ދުރާލާ ރޭވިގެން ފިޔަވަޅަކުން ފިޔަވަޅަކުން ތަންފީޒުވަމުން އަންނަ ކަންތައްތަކެވެ.
މުޖްތަމަޢުގެ ކިޔަވާދޭ މަންހަޖުގެ މޮޅުދެރަކަން މުޖްތަމަޢުގެ އަޚްލާޤުން ދެނެގަނެވޭނެއެވެ. އެހެނީ މުޅި މުޖްތަމަޢުގެ ގޮވާން ބިނާވަނީ އޭގެ މަންހަޖުގެ މުޑުވަކުގެ މައްޗަށެވެ. މުޖްތަމަޢުގައި ކުށްވެރިން ގިނަވެ، ކުށްކުރުން ގިނަވެ، އަމާންކަން ގެއްލި، ލޭ އޮހޮރުވުން ޢާއްމުވެ، އިޖްތިމާޢީ ފޭރާން ވީދި، ހާޖާ ފާޖާ ވެސް ނޭނގޭ މީހުން ގިނަވީމާ އޭގެ މާނައަކީ އެ މުޖްތަމަޢެއްގައި ދެވޭ ތަޢުލީމުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބައުޅެއެވެ. އެހެނީ ތަޢުލީމާއި ތަރުބިއްޔަތަކީ ގުޅި ލާމެހިފައިވާ ދެކަންތަކެވެ. ތަރުބިއްޔަތެއް ނެތި ދެވޭ ތަޢުލީމަކުން މަންފާއެއް ނުކުރާނެއެވެ. ހަމަ އެހެންމެ ތަޢުލީމާ ނުލާ ތަރުބިއްޔަތެއްވެސް ނުކުރެވޭނެއެވެ.
އެކަށީގެންވާރަށް ދީނީ ތަޢުލީމު ނުދެވޭއިރު ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އަށަގެންނެވުމުގެ ޒިންމާ އުފުލަންޖެހޭނީ ކޮންފަރާތަކުން ބާއެވެ؟ ބެލެނިވެރިންބާއެވެ؟ މުދައްރިސުންބާއެވެ؟ ސްކޫލްތަކުންބާއެވެ؟ ތަޢުލީމީ މަންހަޖު ކޮށާމަށާ މީހުންބާއެވެ؟
އެންމެންވެސް ދައްކަނީ ކުދިންގެ އަޚްލާޤީ ފެންވަރު ދަށްވާ ވާހަކައެވެ. ދީނީ ތަޢުލީމު ކިޔަވާނުދީ، ހުޅަނގުގެ ދީނާ ދުރު ފިކުރުތަކުގެ މަންހަޖުތައް ކިޔަވާދޭން ފެށިމާ އޭގެން ރިވެތި އަޚްލާޤެއް ނުނުކުންނާނެއެވެ. އެހެނީ އެއަކީ ރިވެތި އަޚްލާޤު ހުރި އެއްޗެއް ނޫނެވެ. އެކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި އެއްޗެއް ނޫންތޯއެވެ؟
އެހެންވީމާ ދަރިވަރުންގެ ދީނީ ލޯބި ކަފުންކުރުމުގެ ޒިންމާ “މަންހަޖުގެ އަހުލުވެރިން” އުފުލަން ނުޖެހޭނެގޮތަކީ އެއީ ނެތްގޮތެކެވެ. ލާދީނީ މަންހަޖުތައް ތަންފީޛުކޮށްގެން ދީނީ ކުދިން ނެރެވޭނަމަ އަލަގަހުން ފަޅާނީ ކެޔޮނިރެވެ.