Banner Image Description

ތަރާވީޙު ނަމާދުގައި ވަނީ ކިތައް ރަކުއަތް؟

މޫސާ ޝަހީމް

އަޅުގަނޑުމެން ކަނޑައްތު ކުރަމުން މިދަނީ ބަރަކާތްތެރި ރަމަޟާން މަހެވެ. މި މަހަކީ ދަރުމަ އާއި ޘަވާބުގެ މަހެވެ. ހެޔޮ ކަންތައްތަކުގެ ދަރުމަ އާއި ޘަވާބު އެތައް ގުނައެއް އިތުރުވެގެންދާ މަހެކެވެ. އީމާންވެ ޘަވާބަށް އެދޭ ހާލު ރަމަޟާން މަހު ތަރާވީޙު ނަމާދު ކުރުމަކީ ފާފަފުއްސަވާދެއްވާނެ ކަމެއްކަން ބަޔާންކުރައްވާ ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެ އެވެ.

مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ 1

މާނައީ “އީމާންވެހުރެ ޘަވާބަށް އެދޭ ޙާލު ރަމަޟާން މަހު ޤިޔާމްކޮށްފި މީހާ ދަންނަ އެވެ. އޭނާގެ އިސްވެދިޔަހާ ކުދިފާފައެއް ފޮހެވިގެންދާނެ އެވެ.”

ރަސޫލާ صلى الله عليه وسلم ރަމަޟާން މަހު ވެސް އަދި އެނޫން މަސްތަކުގައި ވެސް ރޭގަނޑުގެ ނަމާދު އެގާރަ ރަކުޢަތައްވުރެ ދިގެއް ނުކުރައްވާކަން ބުޚާރީ އާއި މުސްލިމްގެ ހަދީޘެއްގައި ވާރިދުވެފައިވެ އެވެ. ރަސޫލާ صلى الله عليه وسلم ރަމަޟާންމަހު ކުރައްވަވާ ނަމާދާ ބެހޭގޮތުން عائشة رضي الله عنها އާ ސުވާލު ކުރެއްވުމުން އެކަމަނާ ވިދާޅުވި އެވެ.

ما كان يزيد في رمضان ولا في غيره على إحدى عشرة ركعة يصلي أربعا فلا تسل عن حسنهن وطولهن ثم يصلي أربعا فلا تسل عن حسنهن وطولهن ثم يصلي ثلاثا  2

މާނައީ “ރަމަޟާން މަހެއްގައި ވެސް އަދި އެ ނޫން މަހެއްގައި ވެސް ރޭގަނޑުގެ ނަމާދު ކުރައްވާއިރު ރަސޫލާ صلى الله عليه وسلم އެގާރަ ރަކުއަތަށްވުރެ ގިނައިން ނުކުރައްވަ އެވެ. އެކަލޭގެފާނު ހަތަރު ރަކުޢަތް ކުރައްވަ އެވެ. އެ ރަކުޢަތްތަކުގެ ދިގުކަމާއި ރީތި ކަމާބެހޭގޮތުން ސުވާލުނުކުރާށެވެ. ދެން ހަތަރު ރަކުޢަތް ކުރައްވަ އެވެ. އެ ރަކުޢަތްތަކުގެ ދިގުކަމާއި ރީތި ކަމާބެހޭގޮތުން ސުވާލުނުކުރާށެވެ. އެއަށްފަހު ތިން ރަކުޢަތް ކުރައްވަ އެވެ.”

އިސްވެދިޔަ ހަދީޘުން ރަސޫލާ صلى الله عليه وسلم ރަމަޟާން މަހު ވެސް އަދި އެނޫން މަސްތަކުގައި ވެސް ރޭގަނޑުގެ ނަމާދު އެގާރަ ރަކުޢަތައްވުރެ ދިގުނުކުރައްވާކަން އެނގެ އެވެ. ނަމަވެސް އެގާރަ ރަކުޢަތައްވުރެ ދިގު ނުކުރުމަށް އަމުރުކުރައްވާފައެއް ނުވެއެވެ. ވީމާ މި ހަދީޘުން ތަރާވީޙު ނަމާދު އެގާރަ ރަކުޢަތައްވުރެ ދިގުކުރުމަކީ ހުއްދަކަމެއް ނޫންކަމަށް ދަލާލަތެއް ނުކުރެ އެވެ.

ތަރާވީޙު ނަމާދުގައި ރަކުޢަތްތަކުގެ ޢަދަދެއް ކަނޑައެޅިފައި ނުވާކަން ބުޚާރީ އާއި މުސްލިމުގެ އަންނަނިވި ޙަދީޘުން ޘާބިތުވެ އެވެ.

ابن عمر أن رجلا سأل رسول الله صلى الله عليه وسلم عن صلاة الليل فقال رسول الله عليه الصلاة والسلام : ” صلاة الليل مثنى مثنى فإذا خشي أحدكم الصبح صلى ركعة واحدة توتر له ما قد صلَّى  3

އިބްން ޢުމަރުގެ ކިބައިން ރިވާވެގެންވެ އެވެ. ރޭގަނޑުގެ ނަމާދާބެހޭގޮތުން ރަސޫލާ صلى الله عليه وسلم އާ ސުވާލުކުރެވުނެވެ. ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވި އެވެ. “ރޭގަނޑުގެ ނަމާދު ވަނީ ދެރަކުއަތުން ދެރަކުއަތުންނެވެ. ފަޖުރުލާން ގާތްވެއްޖެނަމަ ވިތުރީގެ ގޮތުގައި އެއްރަކުއަތް ކުރާށެވެ.”

އަމީރުލް މުޢުމިނީން ޢުމަރު ބިން އަލްޚައްޠާބު رضي الله عنه ގެ ޒަމާނުގައި ތަރާވީޙު ނަމާދުގައި ވިހި ރަކުޢަތް ކުރެއްވި އެވެ. ބައިހަޤީ އާއި އަދިވެސް އެހެން ބޭފުޅުންގެ ކިބައިން ޞައްޙަ ސަނަދުން ރިވާވެގެންވެ އެވެ.

أنهم كانوا يقومون على عهد عمر ابن الخطاب ( شهر رمضان بعشرين ركعة.) 4

މާނައީ “ޢުމަރު ބިން ޚައްޠާބުގެ ޒަމާނުގައި ރަމަޟާންމަހު (ތަރާވީޙު ނަމާދުގައި) ވިހި ރަކުޢަތް ކުރެއްވި އެވެ.”

ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ޒަމާނުގައި މަދީނާގެ އަޙުލުވެރިން ތަރާވީޙު ނަމާދުގައި ތިރީސް ހަ ރަކުޢަތް ކުރައްވާފައިވެ އެވެ.5 ތަރާވީޙު ނަމާދުގައި ރަކުޢަތްތަކުގެ އަދަދެއް ރަސޫލާ صلى الله عليه وسلم ކަނޑައަޅުއްވާފައި ނުވާކަން އިސްވެދިޔަ ދަލީލު ތަކުންނާއި ޢިލްމުވެރިންގެ ބަސްފުޅުތަކުން ޘާބިތުވެ އެވެ.

އިމާމާ ތަރާވީޙު ނަމާދުކޮށް ނިމެންދެން އިމާމާއާ އެކު ތަރާވީޙު ނަމާދު ކުރުމަކީ ވަރަށް މަތިވެރި ދަރުމަ ދެއްވާނެ ކަމެކެވެ. އެފަދަ މީހާއަށް މުޅިރޭ އަޅުކަން ކުރިކަމަށް ލިޔުއްވޭނެ ކަމަށް ޞައްޙަ ޙަދީޘުން ޘާބިތުވެ އެވެ. ރަސޫލާ صلى الله عليه وسلم ހަދީޘްކުރެއްވި އެވެ.

من قام مع الإمام حتى ينصرف كتب له قيام ليلة  6

މާނައީ “އިމާމާ (ތަރާވީޙު) ނަމާދުކޮށް ނިމެންދެން އިމާމާ އާ އެއްކޮށް (ތަރާވީޙު) ކޮށްފިނަމަ އެމީހަކު މުޅިރޭ އަޅުކަން ކުރިކަމަށް ލިޔުއްވެވޭނެ އެވެ.”

ރަސޫލާ صلى الله عليه وسلم އެކަލޭގެފާނުގެ ޞަޙާބީންނާއެކު މިސްކިތުގައި ޖަމާޢަތުގައި ތަރާވީޙު ނަމާދު ކުރައްވާފައިވާކަން ޞައްޙަ ޙަދީޘުން ޘާބިތުވެ އެވެ. އަދި އިމާމާއާއެކު ތަރާވީޙު ނަމާދު ނިމެންދެން ކޮށްފިނަމަ މުޅިރޭ އަޅުކަން ކުރިފަދައިން ލިޔުއްވޭނެކަން ޞައްޙަ ޙަދީޘުން ޘާބިތުވެ އެވެ. ވީމާ އެންމެ ރަނގަޅު ގޮތަކީ ތަރާވީޙު ނަމާދު މިސްކިތުގައި ޖަމާޢަތުގައި ކުރުމެވެ. އަދި އިމާމާ އާ އެއްކޮށް، އިމާމާ ނަމާދުކޮށް ނިމެންދެން ކުރުމެވެ.

ރަސޫލާ صلى الله عليه وسلم ތަރާވީޙު ނަމާދުގައި އެގާރަ ރަކުއަތައްވުރެ އިތުރު ނުކުރައްވާކަމަށް ޞައްޙަ ހަދީޘުން ޘާބިތުވެ އެވެ. ނަމަވެސް ޢުމަރު ބިން އަލްޚައްޠާބު رضي الله عنه ގެ ޒަމާނުގައި ތަރާވީޙު ނަމާދުގައި ވިހި ރަކުޢަތް ކުރެއްވި އެވެ. މިކަމާ އެއްވެސް ޞަޙާބީ ބޭކަލަކު އިންކާރު ކުރައްވާފައެއް (އެގޮތައް ކޮށްގެން ނުވާނެކަމަށް ވިދާޅުވެފައެއް) ނެތެވެ. ވީމާ އެގާރަ ރަކުއަތައްވުރެ އިތުރަށް ކުރުމަކީ ހުއްދަކަމެއްކަން އެނގެ އެވެ. މިކަމަކީ އަޅުގަނޑުމެން އެއްބަޔަކު އަނެއް ބަޔަކަށް އަރައިރުންވާންވީ ކަމެއް ނޫނެވެ. އަށް ރަކުއަތް ކުރަން ބޭނުންވާ މީހުން އަށް ރަކުއަތް ކުރާނީ އެވެ. ވިހި ރަކުއަތް ކުރަން ބޭނުންވ މީހުން ވިހި ރަކުއަތް ކުރާނީ އެވެ.

ރެފަރެންސް

1. صحيح البخاري 37 ، 1905  و صحيح مسلم 759

2. صحيح البخاري 1096 ، 1909  ، 3376 و صحيح مسلم 738

3. صحيح البخاري 460 ، 946  و صحيح مسلم 749

4. مصطفى الخن ، مصطفى البغا ، علي الشربجي . الفقه المنهجي على مذهب الإمام الشافعي . (دمشق : دار القلم . ط 4 . 1413هـ – 1992مــ) ج 1 . ص 157

5. وَهْبَة بن مصطفى الزُّحَيْلِيّ . الفِقْهُ الإسلاميُّ وأدلَّتُهُ . (دمشق : دار الفكر . ط 4 . 1427 هـ) ج 2 . ص 251

6. محمد ناصر الدين الألباني . صحيح وضعيف سنن الترمذي . ج 2 . ص 306