ޢަރަބިބަހުގައި ރޯދަ (صام)އަކީ ހިފަހެއްޓުމެވެ. ނުވަތަ ދުރުވުމެވެ. ޝަރުޢީގޮތުން ރޯދަ(صام)އަކީ ރޯދައަށްހުރުމުގެ ނިޔަތްގަނެ ފަޖުރުގެ އަލިކަން ފާޅުވީންސުރެ އިރު އޮއްސިއްޖައުމަށް ދަންދެން، ކެއިން ބުއިމުންނާއި، ޖިންސީއެދުން ފުއްދުމުން އެއްކިބާވެގެން ހުރުމެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. ” فَالئنَ بَاشِرُواهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ وَكُلُوا وَاشْرَبُوا حَتَّى يَتَبَيَّنَ لَكُمُ الْخَيْطُ الأَبْيَضُ مِنَ الخَيْطِ الأَسْوَدِ مِنَ الفَجْرِ ثُمَّ أَتِمُّوْا الصِّيَامَ إلَى الليْلِ ” (سورة البقرة: 187) މާނައީ: ” ފަހެ މިހާރު ތިޔަބައިމީހުން އެކަނބަލުންނާއި ބީހި އުޅޭށެވެ! (އެބަހީ: ޖިންސީގޮތުން ދެމަފިރިންގެ މެދުގައި ހިނގާ ގުޅުންތައް ގުޅުނަސް އެންމެ ރަނގަޅެވެ.) އަދި ތިޔަބައިމީހުންނަށްޓަކައި މާތްﷲ ކަޑައަޅުއްވާ ލިޔުއްވާފައިވާގޮތް އެދިގަންނާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ. ފަޖުރުގެ ސަބަބުން ކަޅު ރޮދީގެ ތެރެއިން ހުދު ރޮދި ( އެބަހީ: ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ދުވާލުގެ އަލިކަން) ފައުޅުވެއްޖެއުމަށް ދާނެދެންނެވެ. ދެން އެއަށްފަހު ރޭވެއްޖެއުމަށް ދާންދެން ރޯދަ ފުރިހަމަކުރާށެވެ.”
ރޯދައިގެ މާތްކަމާއި މަތިވެރިކަމާ ބެހޭގޮތުން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އެތައް ޙަދީޘް އެއް ވާރިދުވެފައިވެއެވެ. މާތްﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ކުރެވޭ ކޮންމެ އަޅުކަމަކީ އެކަނލާންގެ ވަޖުހުފުޅު އެދި ކުރެވޭއަޅުކަމަކަށް ވާންޖެހެއެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. ” مَنْ صَامَ يَوْمًا فِى سَبِيْلِ اللَّه بَاعَد اللّهُ وَجْهَهُ عَنِ النَّارِ سَبْعِيْنَ خَرِيْفًا ” (رواه البخاري ومسلم) މާނައީ: “މީހަކު އެންމެ ދުވަހަކު ވެސް ﷲއަށްޓަކައި ރޯދައެއް ހިފައިފި ނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް މާތްﷲ ދުރުކުރައްވާނެއެވެ.”
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. ” مَنْ صَامَ رَمَضَانَ إِيْمَانًا وَاِحْتِسَابًا غُفِرَلَهُ مَا تَقَدَّمَ مِنْ ذَنْبِهِ ” (رواه البخاري ومسلم) މާނައީ: ” އީމާންކަމާއެކު، ﷲގެ ޙަޟްރަތުން ދަރުމައަށްއެދި ރަމަޟާންމަހު ރޯދަ ހިފައިފި މީހާގެ ވޭތުވެދިޔަ ފާފައެއް ފުހެވިދެއެވެ.”
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ. ” الصَّلَوَاتُ الخَمْسَ وَالجُمْعَةُ إِلَى الجُمْعَةِ وَرَمَضَانُ إِلَى رَمَضَانَ مُكَفَّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتُنِبَتْ الكَبَائِر” (رواه مسلم) މާނައީ: ” ފަރުޟު ފަސްނަމާދާއި، އެއްހުކުރުނަމާދުން އަނެއްހުކުނަމާދާއި ދެމެދުއާއި، އެއްރަމަޟާންމަހުން އަނެއް އަހަރުގެ ރަމަޟާންމަހަށް، ބޮޑެތި ފާފަތަކުން ދުރުހެލިވެއްޖެ މީހާއަށް އެއީ ފާފަފުއްސެވުމެކެވެ.”
ރަސޫލާ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. ” مَنْ صَامَ رَمَضَانَ وَعَرَفَ حُدُوْدَهُ وَتَحَفَّظَ مِمَّا كَانَ يَنْبَغِى أَنْ يَتَحَفَّظَ مِنْهُ كَفَّرَ مَا قَبْلَهُ ” މާނައީ: ” ރަމަޟާންމަހުގެ ރޯދަހިފައި، ރޯދައިގެ ޙުކުމްތައް ރަނގަޅައްދަނެހުރެ، ރަމަޟާންމަހުގެ ރޯދައަށް ރައްކާތެރިވެއްޖެ މީހެއްގެ ކުރިންދިޔަ ފާފަތައް ފޮހެވިއްޖެއެވެ.
ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވިއެވެ. ” إِنَّ فِى الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ يَدْخُلُ مِنْهُ الصَّائِمُوْنَ يَوْمَ الْقِيَامَةِ لاَ يَدْخُلُ مَعَهُمْ أَحَدً غَيْرُهُمْ يُقَالُ أَيْنَ الصَّائِمُوْنَ فَيَدْخُلُوْنَ مِنْهُ فَإِذَا دَخَلَ آخِرُهُمْ أَغْلِقْ فَلَمْ يَدُخُلْ مِنْهُ أَحَدٌ ” (رواه البخاري ومسلم) މާނައީ: ” ހަމަކަށަވަރުން ސުވަރުގޭގައި ދޮރުކޮޅެއް ވެއެވެ. އެދޮރުކޮޅަށް އައްރައްޔާން އޭ ކިޔެއެވެ. ޤިޔާމަތްދުވަހު އެދޮރުކޮޅުން ރޯދަވެރިން ފިޔވައި އެހެން އެއްވެސް މީހަކު ނުވަންނަ ހުއްޓެވެ. ޤިޔާމަތްދުވަހުން ގޮވާލެވޭނެއެވެ. ރޯދަވެރިން ކޮބައިހެއްޔެވެ؟ ދެން އެމީހުން އެދޮރުކޮޅުން ވަންނާނެއެވެ. އެމީހުންގެ ތެރެއިން އެންމެފަހު މީހާ ވަނުމުން އެދޮރުކޮޅު ބަންދުކުރެވޭނެއެވެ. ދެން އެކަކުވެސް އެދޮރުކޮޅުން ނުވަންނާނެއެވެ.”
އިސްވެދިޔަ އެންމެހާ ޙަދީޘްފުޅުތަކުން ދޭހަވާ ގޮތުގައި އެކަލާނގެ ވަޖުހުފުޅައްޓަކައި ރޯދަ ހިފުމަކީ ވަރަށް މަތިވެރި ޘަވާބާއި ދަރުމަ ލިބޭ އަޅުކަމެކެވެ.