ރާއްޖޭގެ އަތޮޅުތަކުގެ ރަށްތައް އެއްރަށް އަނެއްރަށާއި ގުޅުވައިދޭ މުހިންމު ފެރީ ނިޒާމް “ރާއްޖެ ޓްރާންސްޕޯޓް ލިންކް” (އާރުޓީއެލް) ގެ ޚިދުމަތް މަޑުމަޑުން ދަށަށް ދާން ފަށައިފިއެވެ. އެގޮތުން ހިދުމަތްދިނުމަށް ބޭނުންކުރާ ބައެއް ލޯންޗްފަހަރު ގުރައުންޑު ވެފައިވާއިރު، ހުކުރު ދަވަހު ފެރީތަކުގެ ދަތުރުތައްވަނީ ހުއްޓައިލާފައެވެ. މީގެ އިތުރުން ލޯޗްތަކުގެ މެއިންޓެއިނެންސް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާތީ، ލޯންޗްތަކަށް މައްސަލަޖެހި ބައެއް ރޫޓްތަކުގެ ދަތުރުތައް ކެންސަލްވުމާއި، ބައެއް ރޫޓްތަކުން ދެދުވަހުން އެއްދުވަހު ދަތުރުކުރުން ފަދަކަންކަން އަންނަނީ އާންމުވަމުންނެވެ. މައުލޫމާތު ލިބޭގޮތުގައި މިހާރުވެސް 5 ލޯންޗެއް ގުރައުންޑް ވެފައި އެބައޮތެވެ.
ހުކުރު ދުވަހު ދަތުރުކުރުން ހުއްޓައިލީ އިއުލާނުކުރުމެއްވެސްނެތި!
ހަފުތާއަކު 7 ދުވަހު ކުރަމުން އައި އާރުޓީއެލް ފެރީ ދަތުރުތައް، ހުކުރު ދުވަހު ނުކުރާގޮތަށް ހަމަޖެއްސީ އެއްވެސް އިއުލާނުކުރުމެއްވެސް ނެތިއެވެ. ރައްޔިތުންނާއި މިހާބޮޑަށް ގުޅިފައިވާ މިފަދަކަމަކަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު، ރައްޔިތުންނަށް އެކަން ހިއްސާވެސް ކޮށްފައިނުވާތީ ވަރަށްބޮޑަށް ސުވާލު އުފެދެއެވެ. އާރުޓީއެލްގެ އެއްވެސް ދަތުރެއްގެ ޑިލޭއެއް އުޅޭކަމުގައިވާނަމަވެސް މިހާރުވެސް އެމްޓީސީސީއިން ދަނީ ބަރާބަރަށް، އެކަމަށް ހާއްސަކޮށްފައިވާ ކޮމިއުނިޓީ ގްރޫޕްގައި ހިއްސާކުރަމުންނެވެ. ނަމަވެސް މިފަދަ ބޮޑު ބަދަލެއް ޕަބްލިކް ޓްރާންސްޕޯޓް ވިއުގަޔަށް ގެނެސްފައިވަނީ ރައްޔިތުންނަށް އެކަން ހިއްސާކުރުމެއްނެތި އަދި ތައްޔާރުވަންވެސް ފުރުސަތު ނުދީއެވެ.
މިދިޔަ ރަމަޟާން މަހާއި ދިމާކޮށް، ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހު، އާރުޓީއެލްގެ ފެރީ ޚިދުމަތް ރަމަޟާންމަހުގެ ފުރަތަމަ ދުވަހާއި ހުކުރު ދުވަހު މެދުކަނޑައި ލެވޭނެކަމަށް އިއުލާން ކުރިއެވެ. ރަމަޟާން މަސް ނިމުމަށްފަހުވެސް، ހުކުރުދުވަހު ދަތުރު އޮންނާނެކަމަށް އާރުޓީއެލްގެ ޓިކެޓް ރިޒަވޭޝަން ސިސްޓަމުން ނުދައްކާތީ، އެމްޓީސީސީއަށް ގުޅުމުން މައުލޫމާތުދެއްވީ، ރަމަޟާންމަހާއި ދިމާކޮށް ޕޯޓަލްއަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން އެހެން ދިމާވަނީ ކަމުގައެވެ. ރަމަޟާން މަސް ނިމުމުން ޕޯޓަލް ކުރިން ހުރި ގޮތަށް އިޔާދަކުރުމުން ޓިކެޓް ނެގޭނެކަމުގައެވެ.
ނަމަވެސް ރަމަޟާންމަސް ނިމުނު ފަހުންވެސް ހުކުރުދުވަހު ދަތުރު އޮންނަކަމަށް އާރުޓީއެލްގެ ޓިކެޓް ރިޒަވޭޝަން ސިސްޓަމުން ނުދައްކާތީ އެމްޓީސީސީއަށް ގުޅުމުން މައުލޫމާތުދެއްވީ، ހުކުރުދުވަހަކީ އާރުޓީއެލްގެ ފެރީތައް ދަތުރު ނުކުރާ ދުވަހެއްކަމުގައި ހަމަޖައްސައިފަވާ ކަމުގައެވެ.
ސަރުކާރުގެ ވިސްނުން: މިއަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް އާރުޓީއެލްގެ ހިދުމަތް ފުޅާކުރުން
ކުރީ ސަރުކާރުން ފަށާފައިވާ ކަންކަމުގެ ތެރެއިން، މިހާރުގެ ސަރުކާރުގެ މިނިސްޓަރުން ތައުރީފްކުރި ހަމައެކަނި ކަމަކީ އާރުޓީއެލްގެ ފެރީ ނިޒާމް ކަމަށްވުމީ ގާތްކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންވަނީ އެކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުމަކީ މިނިޒާމް އިތުރަށް ފުޅާކުރުމެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ޖަނަވަރީ މަހު، ރާއްޖޭގެ އުތުރުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުގެ ތެރެއިން ރ. އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ގާއިމު ކުރައްވާނެ ކަމުގައެވެ. “އާރުޓީއެލްގެ ހިދުމަތަކީ ބައެއް އަތޮޅުތަކުގައި އަދި ނުދެވޭ ހިދުމަތެއް އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ މި އަހަރު ނިމުމުގެ ކުރީގައި މިގޮތަށް ހިދުމަތް ނުދެވި ހުރި ހުރިހާ އަތޮޅެއްގައި އިރާދަކުރެއްވިއްޔާ އާރުޓީއެލްގެ ހިދުމަތް އަޅުގަނޑުމެން ފަށާނަމޭ، އެގޮތުން ދެން އެންމެ އަވަހަށް އެ ހިދުމަތް ގާއިމުވެގެން ދާނެ އަތޮޅަކީ މި އަތޮޅުކަން އަޅުގަނޑު ދަންނަވާލަން،” އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ހުކުރު ދުވަހުގެ ދަތުރުކުރުން ހުއްޓައިލުމާއިއެކު އާނމުންގެ ކަންބޮޑުވުން!
އާރުޓީއެލްގެ ދަތުރުތައް ހުކުރު ދުވަހު ނުކުރާގޮތަށް ހަމަޖެއްސުމާއިއެކު އެކަމާއިމެދު އާނމުން ދެކޭގޮތް ހޯދުމަށް އަޅުގަނޑުމެން ކުރި މަސައްކަތަށް އެންމެ ބޮޑު ގޮންޖެހުމަކަށްވީ، އާރުޓީއެލްގެ ދަތުރުތައް ހުކުރު ދުވަހު ނުކުރާކަމަށް އާނމުން ޤަބޫލުނުކުރުމެވެ. މޫސަ، 53އ ބުނީ ހުކުރު ދުވަހު ދަތުރުކުރުން ހުއްޓައިލިނަމަ އެމްޓީސީސީން އެކަން އަންގާނެ ކަމުގައެވެ. “ހުއްޓާލިނަމަ އެމްޓީސީސީން އެކަން އަންގާނެ ތިވާނީ ލޯންޗެއް ހަލާކުވެގެން ދަތުރު މެދުކެނޑުނީކަމަށް” މޫސަ ބުންޏެވެ. މުހައްމަދު. 37އ ބުނީ އެކަމުގެ ސަބަބުން ވައިގެމަގުން ދަތުރުކުރުމަށް އެއާރޕޯޓަށް ދަތުރުކުރާ ފަރާތްތަކަށާއި، ވީކްއެންޑްގައި އާއިލާކައިރިޔަށް ދަތުރުކުރާ މީހުންގެ އިތުރުން ޕިކްނިކް ހަދާލަން ދުތުރުކުރާ މީހުންނަށްވެސް އެފުރުސަތު ބަންދުވެގެން ދާނެކަމުގައެވެ. އާރުޓީއެލް ފެރީނިޒާމަށް ގެންނަ ބައެއް ބަދަލުތަކަށްވެސް އޭނަ ފާޑުކިއެވެ. އެގޮތުން ކުރިންވެސް ބާރު ބޮޑު ރޫޓެއްކަމަށްވާ އެޗް 1 ރޫޓަށް އިތުރު ދެ ރަށެއް އިތުރު ކޮށްފައިވާތީ ޓިކެޓް ލިބުމުގައިވެސް ދަތިވާކަން އޭނަ ފާހަގަކުރުއެވެ. އަންނަ އާދިއްތަ ދުވަހަށްވެސް އެރޫޓުން ދަތުރުކުރުމަށް މިހާރު ޓިކެޓް ލިބޭކަށްނެތެވެ.
ހުކުރު ދުވަހުގެ ދަތުރުތައް ހުއްޓައިލުމުން އެންމެ ބޮޑަށް އަސަރުކުރާނީ އެއަރޕޯޓްތަކަށް ދަތުރުކުރާ ފަރާތްތަކާއި، ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ އިތުރުން ތައުލީމް ހޯދުމަށް ދަތުރު ކުރާފަރާތްތަކަށެވެ. އެންމެ ގިނަބަޔަކު އާރުޓީއެލްގެ ހިދުމަތް ހޯދަނީ ސިއްހީ ހިދުމަތް ހޯދުމަށެވެ. ނަމަވެސް ވަރަށް މަދު މީހަކުނޫނީ ސިއްހީ ބޭނުންތަކަށް ހުކުރު ދުވަހު ދަތުރުކުރާނެ ކަމަކަށް ނުބެލެވެއެވެ.
އާރްޓީއެލް ފެރީ ހިދުމަތް ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ޓިކެޓުގެ އަގު ބޮޑު ކުރަން ޖެހޭ އަދި ރޫޓުތައް ބަދަލުކުރަން ޖެހިދާނެ: ސަރުކާރު
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން، އާރްޓީއެލް ފެރީ ހިދުމަތް ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ޓިކެޓުގެ އަގު ބޮޑު ކުރަން ޖެހޭ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި އަމީން ވިދާޅުވީ އާރްޓީއެލް ފެރީގެ ހިދުމަތަށް ސަބްސިޑީއާއެކު ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި ދެމެހެއްޓިނިވި ގޮތެއްގައި ހިދުމަތް ދިނުމަށް ސަބްސިޑީ ދޭވަރު މަދު ކުރަން ޖެހޭ ކަމަށެވެ. އަމީން ވިދާޅުވީ ސަބްސިޑީ ދޭ މިންވަރު 80 ޕަސަންޓުން 55 ޕަސަންޓަށް ކުޑަ ކުރުމަށްފަހު، ރިކަވަރީ 20 ޕަސަންޓުން 40 ޕަސަންޓަށް އިތުރު ކުރެވޭނެ މޮޑެލްއެއް ހަދަންޖެހޭ ކަމަށެވެ.
އެންމެފަހުން އާރުޓީއެލްގެ ހިދުމަތްފެށި ނ އަތޮޅުގައި އެހިދުމަތް ފައްށުމަށް ބޭއްވި ރަސްމިއްޔާތުގައި، ވާހަކަދައްކަވަމުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އާރްޓީއެލް ފެރީތައް ދަތުރުކުރާ ނިޒާމު ނުވަތަ ރޫޓުތައް ބަދަލުކުރުމަކީ އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރުމަށްޓަކައި ކުރަންޖެހިދާނެ ކަމެއްކަމުގައެވެ.
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ހިދުމަތަކީ މުޅި ރާއްޖެ ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން، 2022 ވަނަ އަހަރުގެ ޖޫންމަހު ފެށި ހިދުމަތެކެވެ. ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތެއްގެ ގޮތުގައި ކުރިޔަށްގެންދާ އާރްޓީއެލް ފެރީގެ ހިދުމަތް އޮޕަރޭޓްކުރަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. މިހިދުމަތް ދުނުމަށް ސަރުކާރުން ސަބްސިޑީގެ ގޮތުގައި ބޮޑު ހަރަދެއްކުރެއެވެ. އެގޮތުން 2022 ވަނަ އަހަރު 48 މިލިއަން، 2023 ވަނަ އަހަރު 130 މިލިއަން އަދި 2024 ވަނަ އަހަރު 280 މިލިއަން ރުފިޔާ ހަރަދުކުރާނެކަމަށް ބެލެވެއެވެ.
ޕަބްލިކް ޓްރާންސްޕޯޓް ޤާއިމްކުރުމަށް ކުރަންޖެހޭ ފުރަތަމަ އިންވެސްޓްމަންޓާއި އޮޕަރޭޝަނަލް ހަރަދު ބޮޑުވިނަމަވެސް، އިޤުތިސާދީ ކުރިއެރުމާއި، ތިމާވެށި ރައްކާތެރިކަމަށާއި، އިޖްތިމާއީ ހަމަހަމަކަން ޤާއިމްކުރުމުގެ ގޮތުން ރަނގަޅު ޕަބްލިކް ޓްރާންސްޕޯޓް ވިއުގައެއް އޮތުމަކީ މުހިއްމުކަމެއްކަމަށް ތަޖުރިބާކާރުން ދެކެއެވެ. އެކަމުގެ މުހިއްމުކަން ބޮޑުކަމުން ބައެއް ޤައުމުތަކުން މިހާރު އަންނަނީ ހިލޭ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދެމުންނެވެ.
ބޮޑުތިލަދުންމަތީގެ އިޤްތިސާދީ އަދި އިޖުތިމާއީ ހަރަކާތުގައި އާރުޓީއެލްއަކީ މިހާރު ނުހަނު މުހިއްމު ބައިވެރިއެކެވެ. ވުމާއިއެކު އެހިދުމަތަށް ގެނެވޭ ކޮންމެ ބަދަލަކާއި އެކުވެސް ގިނަ އަސަރުތަކެއް މުޖުތަމައުއަށް ކުރާނެކަން ޔަޤީނެވެ. ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތަށް ބުރަޔަކަށް ނުވާނެ ގޮތަށް ހިދުމަތް ދިނުމަށް އާރުޓީއެލް ފެރީނިޒާމަށް ބަދަލުތައް ގެންނަންޖެހޭކަން ޔަޤީނެވެ. ނަމަވެސް އެބަދަލުތައް ގެންނަންވާނީ ހިދުމަތް ހޯދާ މީހުންނަށް ބުރަޔަކަށް ނުވާނެހެން ގެންވޭ ބަދަލު އަންގައި ތައްޔާރުވާން ވަގުތު ދީގެންނެވެ.
އާރުޓީއެލްގެ ހިދުމަތް މުޅިރާއްޖެއަށް ފުޅާކުރާއިރު، އެ މަޝްރޫއުގެ ދަށުން 65 ލޯންޗު ބަނދެ، ރާއްޖޭގެ އެކި ކަންކޮޅުގައި 149 ޓާމިނަލް އަޅާނެ އެވެ. އާރުޓީއެލްގެ ހިދުމަތް ފަރުމާކޮށްފައި ވަނީ ހުރިހާ ފިޔަވައްސެއް ނިމޭއިރު އަތޮޅުތައް ވެސް ގުޅި މާލެއަށް ވެސް ދަތުރުކުރެވޭނެ ގޮތަށެވެ. އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ، ހދ، ށ، ނ އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަތޮޅާއި، ގދ. އަތޮޅުގެ އިތުރުން ފުވައްމުލައް އަދި އައްޑު ސިޓީގަ އެވެ.