އިސްލާމީ މަރުކަޒު އަޅުމަށް ތައުބާ މިސްކިތް ތަޅާލަންނޫންގޮތެއް ނެތީތޯއެވެ؟

މުޙައްމަދު އަކުރަމް

މިމަހުގެ 24 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިހަވަންދުއަށް ކުރެއްވި ދަތުރުފުޅާއި ގުޅުވައި އިހަވަންދޫ ރައްޔިތުންނަށް ލިބިގެންދިޔަ އެންމެބޮޑު އެއް ހިންހަމަޖެހުމަކީ، އިސްލާމިކް މިނިސްޓްރީއިން އިހަވަންދޫގައި އަޅަން މަސައްކަތްކުރާ މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކުރެއްވި އުފާވެރި ހަބަރެވެ. އިހަވަންދޫގައި އިސްލާމަރުކަޒެއް ޤާއިމް ކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، އިހަވަންދޫ ކައުންސިލުންވެސް އޮތީ މިސްކިތް އިސްލާމީ މަރަކުޒަކަށް ބަދަލުކުރުމަށް އެދިފައެވެ.

ކައުންސިލްގެ އެދިލެއްވުމާ އެއްގޮތަށް، އިސްލާމީ މަރުކަޒެއް އަޅަން އިސްލާމިކް މިނިސްޓްރީއިން ނިންމެވިކަން ކައުންސިލަށް އަންގާ އަދި އެމަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް 150 ފޫޓް 150 ފޫޓްގެ ބިމެއް ހަމަޖައްސާދިނުމަށް އިސްލާމިކް މިނިސްޓްރީއިން އެދިލެއްވީ ރައީސް ވަޑައިގަތުމުގެ ކުރިން 24 ފެބްރުއަރީ 2024 ގައެވެ. އެހެން ކަމުން، ކައުންސިލާއި ރައީސް ބައްދަލުކުރެއްވުމުން ކައުންސިލުންވަނީ އިހަވަންދޫގައި އިސްލާމިކް ސެންޓަރެއް ޤާއިމްކުރުމަށް ނިންމެވީތީ ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ރައީސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި، އިހަވަންދޫގައި އިސްލާމިކް ސެންޓަރު ބިނާކުރުމަށް ނިންމެވިކަން އިޢުލާން ކުރެއްވުން ވެގެންދިޔައީ ރައްޔިތުންނަށް ލިބިގެންދިޔަ އިތުރު ޔަޤީންކަމަކަށެވެ.

ކޮންމެއަކަސް އިސްލާމީ މަރުކަޒު ބިނާކުރަން ފެށުމަށް ކުރަންޖެހޭ މަސައްކަތުގެ “ބޯޅަ” މިވަގުތު އޮތީ އިހަވަންދޫ ކައުންސިލްގެ ކޮޅުގައެވެ. 150 ފޫޓް 150 ފޫޓްގެ ބިމެއް އެކަމަށް ހަމަޖައްސައި އިސްލާމިކް މިނިސްޓްރީއާ ހިއްސާކުރެވެންދެންނެވެ.

މަސްޖިދުލް ތައުބާ ތަޅައިލުމަށްފަހު އިސްލާމީ މަރުކަޒު އެޅުން:
މަސްޖިދުލް ތައުބާ އަކީ 1994 ހާ ހިސާބުގައި އިމާރާތްކުރި، މިވަގުތު އިހަވަންދޫގައި ހުރި އެންމެ ބޮޑު މިސްކިތެވެ. ދެޖިންސްގެ ބޭފުޅުންނަށްވެސް އަޅުކަން ކުރެވޭގޮތަށް ހަދާފައިވާ އެމިސްކިތަކީ ގާތްގަނޑަކަށް 490 ސްކެއަރ މީޓަރުގެ މިސްކިތެކެވެ. އިހަވަންދޫގައި މިވަގުތު، ކަށުނަމާދު ކުރަނީވެސް ތައުބާ މިސްކިތުގައެވެ. އެމިސްކިތުގެ ޖާގަ ތަނަވަސް ވީމައެވެ. މައުލޫމާތު ލިބިފައިވާގޮތުގައި، އިހަވަންދޫގައި އެޅުމަށް ހަމަޖެހިފައިވާ އިސްލާމިކް ސެންޓަރު، ތައުބާ މިސްކިތްހުރި ބިމުގައި އެޅުމަށް ބައެއް ފަރާތްތަކުންދަނީ ވަރަށްބޮޑަށް ލޮބީ ކުރަމުންނެވެ. ނަމަވެސް އެއީ މަދު ބައެއްގެ އެދުމާއި އެއްގޮތަށް ކުރަން ހެއޮވާވަރުގެ ކަމެއް ބާއެވެ؟

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެދިލައްވާ ސައިޒް ހަމަނުވޭ!
އިހަވަންދޫގައި އިސްލާމީ މަރުކަޒު އެޅުމަށް 150 ފޫޓް 150 ފޫޓްގެ ބިމެއް ހަމަޖައްސާދިނުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އެދިލައްވާފައިވާއިރު، ތައުބާ މިސްކިތްހުރި ބިމަކީ އެސައިޒް ހަމަވާ ބިމެއްނޫނެވެ. އިސްލާމިކް މިނިސްޓްރީއިން އެދިލައްވަނީ 22،500 އަކަފޫޓްގެ ބިމެއް ހަމަޖެއްސުމަށެވެ. ތައުބާ މިސްކިތް ހުރި ބިމުގެ ސައިޒަކީ ގާތްގަނޑަކަށް 19،800 އަކަފޫޓެވެ. މިސްކިތުގެ ހުޅަނގަށް އޮތް ހުސްބިމާއި ފެންތާގި ނެގިނަމަވެސް މިނިސްޓްރީއިން ބޭނުންވާ ސައިޒް ހަމަނުވާނެއެވެ. ވީމާ މިނިސްޓްރީއިން އެދިލައްވާ ބިމަށްވުރެ ކުޑަ ބިމެއް އެކަމަށް ހަމަޖެއްސުމަކީ މަސައްކަތް ކުރިޔަށް ގެންދިއުމުގައިއެޅޭ ހުރަހަކަށް ނޫނީ ނުވާނެކަން ކަށަވަރެވެ.

އަދިހަމަ އެހެންމެ އިސްލާމީ މަރުކަޒަކީ ހަމައެކަނި އަޅުކަންކުރުމަށް އެކަނި ހެދޭތަނަކަށް ނުވުމާއިއެކު އެތަނުން ލިބޭ ހިދުމަތަތްތައް ހޯދުމަށް ގިނަބަޔަކު އަބަދުވެސް އެއިމާރާތް ބޭނުންކުރަންޖެހޭނެކަމަށް ވިސްނަންޖެހެއެވެ. ތައުބާ މިސްކިތް ވަށައިގެންވާ ސަރަހައްދުގައި ގިނަ އުޅަނދުތައް އެއްފަހަރާ ޕާކް ކުރެވޭނެ ޕާކިންގް އޭރިޔާއެއް ހެދެން ނެތްކަމީވެސް ވިސްނާލަންޖެހޭ ކަމެކެވެ.

ޕްރޮޖެކްޓްގެ ސްޕީޑް ލަސްވެދާނެކަމުގެ ކަންބޮޑުވުން:

އިސްލާމީ މަރުކަޒުގެ މަސައްކަތް މިއަހަރު ފެށުމަކީ މިނިސްޓްރީއިން ވަރަށް ބޮޑަށް ސަމާލުކަންދެއްވާ ކަމެއްކަން އިސްލާމިކް މިނިސްޓްރީއިން ކައުންސިލާ ކޮށްފައިވާ މުއާމަލާތްތަކުން އެނގެއެވެ.

އިހަވަންދޫގައި ހުކުރުކުރާ 4 މިސްކިތުގައި އަޅުކަންކުރަން ހާއްސަކޮށްފައިވާ ޖާގައިގެ ބޮޑުމިނަކީ ގާތްގަނޑަކަށް 1200 އަކަ މީޓަރެވެ. އެޖާގައިގެ %40.83 ކަމަށްވާ 490 އަކަމީޓަރު ހިއްސާކުރަނީ ތައުބާ މިސްކިތެވެ. އެހެންކަމުން ނަމާދުކުރާނެ އިތުރު ވަގުތީ މިސްކިތެއްނަމަވެސް ބިނާނުކޮށް ތައުބާ މިސްކިތް ތަޅާލައިގެން ވާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ. ވަގުތީ މިސްކިތެއް އެޅުމަކީ ވަގުތާއި ހަރަދު ހިނގާނޭ ކަމެއްކަން ޔަޤީންނެވެ. ދައުލަތުގެ މާލީ ނިޒާމް ތަރުތީބުވެފައިވާ ގޮތާއި އަދި މަސައްކަތްކުރާ ކުންފުނިތަކުގެ ސްޕީޑަށް ބަލާއިރު އެއީ އެތައް ދުވަހެއް ހިނގާފާނޭ ކަމެއް ކަމަށް ބެލެވެއެވެ. ވީމާ އެފަދަ ނިންމުމަކީ އިސްލާމީ މަރުކަޒުގެ މަސައްކަތް ފެށުމާ ދެކޮޅަށް ކުރަހައިލެވޭ ރޮނގަކަށް ނޫނީ ނުވާނެއެވެ.

އިހަވަންދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، އެމަނިކުފާނުގެ ވެރިކަމުގައި ޕްލޭނިން މަރުހަލާޔާއި ހަމައިންފެށޭ ފުރަތަމަ ޕްރޮޖެކްޓް އެފަދަ ހުރަސްތަކެއް އެޅިގެން ޑިލޭވުމަކަށް އެއްވެސް ރައްޔިތަކު ނޭދޭނެއެވެ.

ހުޅަނގު އުތުރުކޮޅަށް މިސްކިތެއް މުހިއްމު:
އިހަވަންދޫގެ ހުކުރުކުރާ ބޮޑު 4 މިސްކިތް ހުންނަނީ އިހަވަންދޫގެ ހުޅަނގު އުތުރު ކޮޅާއި ދުރުގައެވެ. އެސަރަހައްދުގައި ދިރިއުޅޭބައެއް މީހުން (ގަބޫލުކުރާ ބައެއް ގަބޫލުކުރުންތަކުގެ ސަބަބުން) އާސާރީ މިސްކިތަށް ނާރާތީ، މިސްކިތެއްގެ ހިޔާވަހިކަން އިހަވަންދޫއަށް އެންމެ ބޮޑަށް ބޭނުންވެފައިވަނީ އެސަރަހައްދަށްކަން ކަށަވަރެވެ.

އިހަވަންދޫގެ ލޭންޑްޔޫސް ޕްލޭންގައި މިސްކިތް އެޅުމަށް ޕްލޭންކޮށް ހާއްސަކޮށްފައިވަނީ 2 ބިމެކެވެ. އެއްބިން އޮތީ ހުޅަނގު އުތުރު ކޮޅުގައެވެ. އަނެއްބިން އޮތީ ހިއްކި ބިމުގައެވެ. އެބިންތައް އެގޮތަށް ކަޑައަޅާފައިއެވަނީ ރަށުގެ އާބާދީ ކުރިޔަށް އޮތްތާގައި ބެހިގެންދާނެ ގޮތަށް ބަލާފައިކަމުގައި ބެލެވެއެވެ. އެހެނީ އަލަށް ދޫކުރި 200 ގޯއްޗާއި ލޭންޑްޔޫސް ޕްލޭންގައި އަލަށް ގޯއްޗާއި ޕަބްލިކް ހައުސިން ހެދުމަށްވެސް ކަނޑައަޅާފައިވާ ބިންވެސް އޮތީ އެސަރަހައްދުގައެވެ.

އިހަވަންދޫ ހުކުރުކުރާ 4 މިސްކިތް، ކޮންމެ މިސްކިތެއް ވަށައިގެން 1000 ފޫޓްގެ ވައްބުރެއް އެޅިފައި.

 

ގޮތް ނިންމުން ކައުންސިލަށް:

ރައްޔިތުންގެ އިންތިހާބީ މަންދޫބުންގެ ހައްސިއްޔަތުން މިކަމުގައި ގޮތް ނިންމުމުގެ ބާރު ލިބިގެންވަނީ ކައުންސިލަށެވެ. އެބޭފުޅުން ގޮތް ނިންމަވާއިރު އެތައްކަމަކަށް ރިޔާއަތްކުރައްވާނެކަން ކަށަވަރެވެ.

މިދިޔަ ސަރުކާރުން، ޕްރޮޖެކްޓްތައް ލަސްވަނީ ކައުންސިލުން ދަތިކުރާތީ ކަމަށްބުނެ އެޅުވި ބަދުނާމް މިސަރުކާރުގައި ކައުންސިލްގެ ބޮލުގައި އެޅެން އެބޭފުޅުން ބޭނުންނުވާނެކަން ޔަޤީނެވެ. މިހާރު ހުރި މިސްކިތެއް ތަޅައިލުމުގެ ބަދަލުގައި، އައު ތަނެއްގައި އިސްލާމީ މަރުކަޒު އެޅުމުން އިތުރުވެގެންދާނެ ވަޒީފާތަކާއި މެދުވެސް އެބޭފުޅުން ރިޔާއަތްކުރާނޭކަން ކަށަވަރެވެ. ރައްޔިތުންގެ ފައިސާއިން ކައުންސިލުން ބޮޑު ހަރަދުކޮށް، ނެވިލޯން އެޅިތާ އަހަރެއްނުވާ މިސްކިތެއް ތަޅައިލަން ވޯޓްދޭން، ނެވިލޯން އަޅަން ވޯޓް ދިން އަތްތަކަށް އުނދަގޫވާނެކަން ކަށަވަރެވެ. ބޮޑު ހަރަދުކޮށް އިހަވަންދޫގެ މިސްކިއްތަކުގައި އިއާދަކުރަނިވި ހަކަތަ ނިޒާމް ގާއިމްކުރިއިރު، އެނިޒާމް ޤާއިމްކުރުމަށް އެންމެބޮޑު ހަރަދެއްކުރި މިސްކިތް، އެނިޒާމް ގާއިމްކުރި އަތްތަކުން ތަޅައިލަން ވޯޓް ދޭނެކަމާއިމެދު ޝައްކެވެ.

 

ނޯޓް: ތައުބާ މިސްކިތް ތަޅާލައި އެތަނުގައި އިސްލާމީ މަރުކަޒު އެޅުމަށް، މިލިއުން ޝާއިޢު ކުރުމާއި ހަމަޔަށްވެސް އިހަވަންދޫ ކައުންސިލުން ނިންމާފައެއްނުވެއެވެ.