ތިލައުތުރު ފުޓްސަލް މުބާރާތް ފަށައިފި، އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗް މާދަމާ

މުޙައްމަދު އަކުރަމް

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް – 2022” ގެ ނަމުގައި، ހއ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ބާއްވާ ފުޓްސަލްމުބާރާތް ފަށައިފިއެވެ. ޖުމްލަ 10 ޓީމް ބައިވެރިވެފައިވާ މިމުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރީ ވަށަފަރު އަދި ކެލާ ކައުންސިލެވެ. މިމެޗްގެ 5-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވަށަފަރު ކައުންސިލްގެ ޓީމެވެ.

މިމުބާރާތުގައި ބައިވެރިވެފައިވާ ޓީމްތަކަކީ ވަށަފަރު ކައުންސިލް، ކެލާ ކައުންސިލް، ފެނަކަ މުރާދޫ ބުރާންޗް، ތުރާކުނު ކައުންސިލް، އިހަވަންދޫ ކައުންސިލް، އުތީމް ކައުންސިލް، ފެނަކަ ދިއްދޫ ބްރާންޗް، އެމްޑަބްލިއުއެސްއީ މާރަންދޫ ސައިޓް، ފިއްލަދޫ ކައުންސިލް އަދި ބާރަށު ކައުންސިލެވެ. މިމުބާރާތް ކުރިޔަށް ގެންދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕެއްގައި ހިމެނޭ ޓީމް ތަކުގެ މެދުގައި ޕޮއިންޓް އުސޫލުން މެޗްތައްކުޅެ ކޮންމެ ގްރޫޕަކުން ގްރޫޕަކުން އެއްވަނަ އަދު ދެވަނަ ޓީމް ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. ގްރޫޕް އޭގައި ހިމެނޭ ޓީމްތަކަކީ ވަށަފަރު ކައުންސިލް، ކެލާ ކައުންސިލް، ތުރާކުނު ކައުންސިލް، ފެނަކަ މުރާދޫ ބްރާންޗް އަދި އިހަވަންދޫ ކައުންސިލެވެ. ގްރޫޕް ބީގައި ހެމެނެނީ އުތީމް ކައުންސިލް، ފެނަކަ ދިއްދޫ ބްރާންޗް، އެމްޑަބްލިއުއެސްއީ މާރަންދޫ ސައިޓް، ފިއްލަދޫ ކައުންސިލް އަދި ބާރަށު ކައުންސިލެވެ.

މިމުބާރާތުގައި އިހަވަންދޫ ކުޅޭ ފުރަތަމަ މެޗްގައި ވަށަފަރާ ދެކޮޅަށް ނުކުންނާނީ މާދަމާރޭ 20:00 ގައެވެ. އެއަށްފަހު މިމަހުގެ 22 ވަނަ ދުވަހު 16:40 ގައި ތުރާކުނު ޓީމާ ބައްދަލުކުރާއިރު ޖެހިގެން އަންނަ ހޯމަ ދުވަހުގެ ރޭ 21:00 ގައި މުރާދޫއާ ދެކޮޅަށް ކުޅެންޖެހޭނެއެވެ. އިހަވަންދޫ ޓީމް ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ނުކުންނާނީ މިމަހުގެ 24 ވާ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައި ކެލާ ޓީމާ ދެކޮޅަށެވެ.

ޗެމްޕިއަން ޓީމަށް 15،000ރ، ރަނަރއަޕް ޓީމަށް 10،000ރ އަދި ފެއަރޕްލޭ ޓީމަށް 5000ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގެ ކުޅުން ކުރިޔަށް ދަނީ އުތީމް ފުޓްސަލް ދަނޑު ގައެވެ.