"އިންޝާ ﷲ، އެންވީކޭއަށް މިކަން ވާނެ" : މެނޭޖަރު އަލީ

މުޙައްމަދު އަކުރަމް

ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ދަތުރު ކޮށްފައިވާ އެންވީކޭއަށް އެކަން ވާނެކަމަށް، އެންވީކޭގެ މެނޭޖަރު އަލީ ރަޝީދު ބުނެފިއެވެ.

މިމުބާރާތް ފެށުމުގެ ކުރިން މިނޫހާ ވާހަކަ ދައްކަމުން އަލީ ބުނީ މިމުބާރާތުގައި އެންވީކޭގެ އަމާޒަކީ ތަށިން، ތައްޓަށް ދިއުންކަމަށެވެ.  ބެލެވޭގޮތުގައި އަލީ އިޝާރާތް އެކުރަނީ މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޢާޒީ ކަޕްގެ ތަށި އެންވީކޭ ކާމިޔާބު ކޮށްފައިވާއިރު މިމުބާރާތުގެ ތަށިވެސް ހޯދުމަށެވެ. “ކުރިން ބުނިހެން އަމާޒަކީ ތަށިން ތައްޓަށް، ފަނަލް މެޗަށް އެންވީކޭ މިނިކުންނަނީ ޓީމްގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން އަދި މެނޭޖްމެންޓުންވެސް، އެއްރޫހެއްގައި ފޯރިގާތިބެ މިތަށިނަގާ، އެންވީކޭގެ ތަށީގެ ހަރުގަނޑަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ އަޒުމާއިއެކު” އަލީ ބުންޏެވެ. އެޓީމްގެ ޒުވާން ކުޅުންތެރިން ދައްކަމުންދާ މޮޅު ކުޅުން ފާހަގަކޮށް އަލީ ބުނީ، މިވަގުތު އެޓީމްގައި އިސްރޯލެއް އަދާކުރަމުންދާ ޒުވާން ދެ ކުޅުންތެރިންކަމަށްވާ ނާއިޝް އަދި ގައިޝްގެ ފުޓްބޯޅަ ކެރިއަރ އުޖާލާކުރުމަށް، އެދެކުޅުންތެރިން  މިހާޒުވާން އުމުރުގައި ބޮޑު މުބާރާތެއް ކާމިޔާބުކުރުމުގެ ޝަރަފް ހޯދައި ދިނުމަކީވެސް، ފައިނަލަށް ނުކުންއިރު އެޓީމްގެ އަމާޒެކެވެ.

ފައިނަލަށް ނުކުންނައިރު ސަޕޯޓަރުންގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވާނެކަން ފާހަގަކުރަމުން އަލީބުނީ، ވީހާވެސް ގިނަބަޔަކު މެޗްކުޅެމުންދާއިރު ދަނޑަށްގޮސް ކުޅިވަރުގެ ރޫހާއި އެއްގޮތަށް އެންވީކޭއަށް ސަޕޯޓް ކުރާނެކަމަށް އުއްމީދު ކުރާކަމުގައެވެ.

އެންވީކޭ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގައި، ކުޅިމަގުގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެންވީކޭއަކީ އިހަވަންދޫގައި ބާއްވާ ފުޓްސަލް މުބާރާތްތަކުން އެންމެ ކާމިޔާބު ޓީމެވެ. އެޓީމްވަނީ ޖެހިޖެހިގެން 4 ފަހަރު ކައުންސިލް ކަޕް ފުޓްސަލް މުބާރާތް ކާމިޔާބު ކޮށްފައެވެ.

މިމުބާރާތުގެ ފައިނަލްގައި އެންވީކޭއާ ދެކޮޅަށް ނުކުންނާނީ އެފްސީ ބޮޑުމަގެވެ. ފައިނަލް މެޗް ފަށާނީ މާދަމާމިރޭ 20:30 ގައެވެ.