ބަދުއަޙުލާޤީ މައްސަލައެއްގެ ތުހުމަތުގައި އިހަވަންދޫން ބިދޭސީއަކު ހައްޔަރުކޮށްފި

ޢަބުދުﷲ ޙަމީދު

13 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖަކާއެކު ތަކުރާރުކޮށް ބަދުއަޙުލާޤީ އަމަލު ހިންގަމުން އަންނަކަމުގެ ތުޙުމަތުގައި ހއ. އިހަވަންދޫން ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ. އިހަވަންދޫ ޑޮޓް ކޮމް އަށް މިކަން ޔަޤީން ކޮށްދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރު ކޮށްފައިވަނީ 27 އަހަރުގެ ބިދޭސީ އެއްކަމަށާއި ތަޙުޤީގު ކުރިއަށްދާތީ އިތުރު މަޢުލޫމާތު ދެވެން ނެތް ކަމަށެވެ.

މުޢުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލާގައި ހައްޔަރުކޮށްފައިވަނީ އިހަވަންދޫ ކުލަބު ޕޯލްސްޓަރ އިން ހިންގަމުން އަންނަ ވަފާ ޤުރުއާން ކުލާހުގައި ކިޔަވައިދެއްވާ ޕާކިސްތާނުގެ ޤާރީ އަލް ޙާފިޒް ސައްޔިދު ޙަލީޤުއް ރަޙުމާން އެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން ފުލުހުންނާ ހަވާލާދީ ކުލަބު ޕޯލްސްޓަރގެ ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ސުޖާއު ވިދާޅުވީ ބަދުއަޙުލާޤީ މައްސަލައެއްގެ ތުހުމަތުގައި ވަފާ ޤުރުއާން ކުލާހުގެ އުސްތާޛު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.