ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި

މުހައްމަދު މައުޒު

ހއ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން “ތިލައުތުރު ފުޓްސަލް މުބާރާތް 2025” ގެ ނަމުގައި ހއ އަތޮޅު ކައުންސިލުން ބާއްވާ ފުޓްސަލް މުބާރާތުގައި އިހަވަންދޫ ކުޅުނު ދެވަނަ މެޗްގައި  ރޭ ހޯރަފުށި ބަލިކޮށް، ސެމީ ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ. އިހަވަންދޫ މިމެޗުން މޮޅުވީ 2-0 ގެ ނަތީޖާ އަކުންނެވެ.

ރޭގެ މެޗަށް ނުކުންއިރު އިހަވަންދޫ ޓީމަށް ލިބިގެންދިޔަ އެންމެ ބޮޑު ހިންހަމަޖެހުމަކީ ހުނަރުވެރި ކުޅުންތެރިޔާ ހާމިދު ޓީމާއި ގުޅިފައިވުމެވެ. ރޭގެ މެޗްގެ ގައި ހާމިދު އެއް ގޯލް ޖެހިއިރު، އޭނާވަނީ މެޗްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދައިފައެވެ. އިހަވަންދޫއަށް ދެން މިމެމެޗްގައި ގޯލްޖަހައިދިނީ ފަޒީލްއެވެ.

ނުވަ ޓީމް ވާދަކުރާ މިމުބާރާތް ކުރިޔަށްދަނީ ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ދެން މިމުބާރާތުގައި އިހަވަންދޫ ނުކުންނާނީ ވަށަފަރާ ދެކޮޅަށެވެ. އެމެޗް ކުޅޭނީ މިރޭ 20:00 ގައެވެ.

މިއަހަރުގެ ތިލައުތުރު ފުޓްސަލް މުބާރާތުގައި 9 ރަށަކުން ވާދަކުރެއެވެ. އެއީ  އިހަވަންދޫ، އުތީމް، މުރައިދޫ، ދިއްދޫ، ފިއްލަދޫ، ކެލާ، ބާރަށް، ވަށަފަރު އަދި ހޯރަފުއްޓެވެ. މިއަހަރު މިބާއްވަނީ ތިލައުތުރު ފުޓްސަލް މުބާރާތުގެ 4 ވަނަ މުބާރާތެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 35000 (ތިރީސް ފަސް ހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 15000 (ފަނަރަހާސް) ރުފިޔާ އަދި ފެއާޕްލޭ ޓީމަށް 10000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.