ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު ޢަބްދުލްޚާލިޤު މޫސާއަށް

.

ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރުމުގެ އިނާމު، ހއ. އިހަވަންދޫ، އިރަމާގެ އަލްފާޟިލް ޢަބްދުލްޚާލިޤު މޫސާއަށް، ލިބިވަޑައިގެންފިއެވެ.

މި ޝަރަފުވެރި އިނާމު އޭނާއަށް އެރުވީ ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޒުވާނުންގެ މަރުކަޒުގައި އިއްޔަ ބޭއްވި ރަސްމީ ޖަލްސާގައެވެ.

ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، ޢަބްދުލްޚާލިޤު މޫސާއަށް ޝަރަފުގެ ބެޖާއި އައްޑަނަ އަދި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ޖަލްސާގައި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި 60 އަށް ވުރެ ގިނަ ބޭފުޅުންނަށް ވަނީ އިނާމު ދެއްވާފައެވެ.

ޚިދުމަތުގެ ދިގު ތާރީޚެއް

ހއ. އިހަވަންދޫ، އިރަމާގެ އަލްފާޟިލް ޢަބްދުލްޚާލިޤު މޫސާ ވަނީ ދައުލަތަށް 41 އަހަރާއި 3 މަހާއި 25 ދުވަހު ޚިދުމަތް ކޮށްދެއްވާފައެވެ. ޢަބްދުލްޚާލިޤު މޫސާ ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އިހަވަންދޫ ކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އޮފިސަރުގެ މަޤާމުގައެވެ. ޢަބްދުލްޚާލިޤު މޫސާ ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 15 ނޮވެމްބަރ 1980 ގައެވެ. ފުރަތަމަ އަދާކުރެއްވީ ޕޯޓް ކޮމިޝަން އެންޑް ޕަބްލިކް ވޯކްސްގެ ދެ ނަންބަރު ކާތިބުކަމުގެ ވަޒީފާއެވެ. ޢަބްދުލްޚާލިޤު މޫސާވަނީ ތަފާތު ދާއިރާތަކުގައި ދައުލަތަށް ޚިދުމަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ތައުލީމީ ދާއިރާވެސް ހިމެނެއެވެ. މަޖީދިއްޔާ ސުކޫލުގެ މުދައްރިސެއްގެ ގޮތުގައި ދީނީ ތައުލީމް އުގަންނައި ދިނުމުގައި ޢަބްދުލްޚާލިޤު މޫސާ ޚިދުމަތް ކުރައްވާފައިވެއެވެ. މީގެ އިތުރުން ޢަބްދުލްޚާލިޤު މޫސާއަކީ އިހަވަންދޫގެ އެތައް ކުދިންނަކަށް ތަޖްވީދު މަޤަށް ޤުރުއާން ކިޔަވަން ދަސްކޮށްދެއްވި އެދުރެކެވެ.