އިހަވަންދޫ ކައުންސިލުން އަންނަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާއި ބައްދަލުކުރަނީ...

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން، މިމަހުގެ 24 ވާ ހުކުރު ދުވަހުގެ ރޭ  ރައްޔިތުންނާ ބައްދަލުކުރާނެކަން އިއުލާންކޮށްފިއެވެ. މި ބައްދަލުވުން އޮންނާނީ ޖުލައި 24 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އިހަވަންދޫ ރަށްވެހި ހިޔާ ހޯލުގައެވެ.

މި ބައްދަލުވުމުގައި، 2027 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އިތުރުން، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ކައުންސިލުން ނިންމާފައިވާ ނިންމުންތަކާ ގުޅޭގޮތުން މަޝްވަރާކުރުން އޮންނާނެއެވެ.

މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107-1 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ގޮތުގެމަތިން، ޖުލައި މަހު ޢާންމުކޮށް ހުޅުވާލައިގެން ބާއްވަންޖެހޭ ރައްޔިތުންގެ ބައްދަލުވުމެކެވެ. ލާމަރުކަޒީ ގާނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުން، ކޮންމެ އަހަރެއްގެ ފެބުރުއަރީ އަދި ޖުލައި މަހު ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ބާއްވަންޖެހެއެވެ.

ޤާނޫނުގައިވާ ގޮތުން، ޖުލައި މަހު ބާއްވާ ބައްދަލުވުމުގައި ކައުންސިލުގެ ކުރިއަށް އޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ޚިޔާލު ހޯދަންޖެހެއެވެ. އަދި ބައްދަލުވުމުގެ 7 ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭނާއި ބަޖެޓުގެ މަޢުލޫމާތު ޢާންމުކޮށް ހާމަކުރަންޖެހެއެވެ. ނަމަވެސް، އެގޮތަށް އަމަލުކުރަނީ ވަރަށް މަދު ކައުންސިލަކުންކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލުން މިގޮތަށް  ބާއްވަންޖެހޭ ބައްދަލުވުންތައް ބާއްވަމުންދިޔަ ނަމަވެސް، ބައްދަލުވުމުގެ ކުރިން އާންމުކުރަންޖެހޭ ރިޕޯޓްތައް އާންމުކޮށްފައެއް ނުވެއެވެ.

މިއީ އަލަށް ހުވާކުރި އިހަވަންދޫ ކައުންސިލުން މިގޮތަށް ބާއްވާ ފުރަތަމަ ބައްދަލުވުންކަން ފާހަގަކުރެވެއެވެ. އިހަވަންދޫ ކައުންސިލުން ވަނީ މި ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދިލައްވާފައެވެ.