އިހަވަންދޫގެ ފުޓްސަލް ތާރީޚުގައިވެސް ފެނިގެންދިޔަ އެންމެ ފޯރިގަދަ އަދި ޑްރާމެޓިކް އެއް ފައިނަލް މެޗުގައި 2-1 ގެ ނަތީޖާއަކުން މުޅިން އަލަށް ވާދަކުރި ޓީމް ކޮމްބިނޭޝަން ބަލިކޮށް، “އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026” ގެ ޗެމްޕިއަންކަން އިހަވަންދޫ ޕޮލިހުން ހޯދައިފިއެވެ.
މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުން މޮޅުވެ، ޕޮލިސް ޓީމުން އެވަނީ 5 ވަނަ ފަހަރަށް މި މުބާރާތުގެ ތަށި އުފުލާލައި، އެ ޓީމުން ހަދާފައިވާ ރެކޯޑު އިތުރަށް ވަރުގަދަކޮށްފައެވެ. މުޅި މެޗު ބަދަލުކޮށްލީ ޕޮލިސް ޓީމުގެ ގޯލްކީޕަރު އަހްމަދު ރިކްޒާން ދެއްކި މޮޅު ކުޅުމުންނެވެ. އޭނާ ވަނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ހަމަހަމަ ކުޅުމަކާއިއެކު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕޮލިސް ޓީމުގެ ޖާޒީ ނަންބަރު 12 އިބްރާހިމް ފަޒީން އަތުން ބައިކޮޅަށް ވަން ގޯލާއެކު، މުޅިން އަލަށް ނުކުތް ކޮމްބިނޭޝަން ޓީމަށް ކުރިލިބުނެވެ. ނަމަވެސް، ހިތްވަރު އެލުވާނުލައި ކުޅެމުންދިޔަ ފަޒީން ވަނީ އޭނާގެ އަތުން ހެދުނު ގޯހަށް ފަހުން ބަދަލުހިފާފައެވެ. އެގޮތުން ޕޮލިސް ޓީމަށް ކުޅުން ރަނގަޅުކޮށްދީ، ފަޒީން ޖަހައިދިން ފުރިހަމަ ގޯލާއެކު މެޗުގެ ނަތީޖާ 1-1 އަށް ބަދަލުވެ، މެޗުގެ ފޯރި ގަދަވެގެންދިޔައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، 1-1 އިން ދެ ޓީމު އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް، މުޅި ދަނޑު ސިއްސުވާލީ މެޗުގެ އިތުރުވަގުތުގައެވެ. ޕޮލިސް ޓީމުގެ ކީޕަރު އަހްމަދު ރިކްޒާން (ޖާޒީ ނަންބަރު 22) އަމިއްލަ ގޯލް އޭރިޔާގެ ތެރެއިން ފޮނުވާލި ތާރީޚީ “ސައްޕަކުން” ކޮމްބިނޭޝަންގެ ގޯލް ފޫއަޅުވާލައި، ޕޮލިހަށް މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްދިނެވެ. މި ގޯލާއެކު ކޮމްބިނޭޝަން ޓީމުގެ ހުވަފެންތައް ފުނޑުފުނޑުވެގެންދިޔައިރު، ޕޮލިސް ޓީމުން ވަނީ އިންޓަ އޮފީސް މުބާރާތުގެ ރަސްކަމަކީ އެމީހުންގެ އެއްޗެއްކަން ސާބިތު ކޮށްދީފައެވެ.