އެފްއޭއެމް ފުޓްސަލް މުބާރާތަށް އިހަވަންދޫ ޓީމު ތައްޔާރުވަނީ: ފަރިތަކުރުންތައް ކުރިޔަށް!

މުޙައްމަދު އަކުރަމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅިން އަލަށް ބާއްވާ “އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕް” ގައި އިހަވަންދޫ ތަމްސީލުކުރާ ޖޭ ސްޕޯރޓްސް އެކަޑަމީއިން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ފަރިތަކުރުންތައް  ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ އެކަޑަމީގެ ޓީމުން ފަރިތަކުރުންތައްދަނީ ކުރިޔަށް ގެންދަމުންނެވެ. މި މުބާރާތުގެ އަތޮޅު ރައުންޑުގައި އިހަވަންދޫ ފުރަތަމަ ނުކުންނަންޖެހެނީ ފިއްލަދޫއާ ދެކޮޅަށެވެ. އަންނަ އޯގަސްޓް މަހުގެ 7 ވަނަ ދުވަހު އޮންނަ މި މެޗު ކުޅޭނެ ރަށެއް އެފްއޭއެމްއިން އަދި ނިންމާފައިނުވި ނަމަވެސް، އިހަވަންދޫގައި މި މެޗު ހޯސްޓްކުރުމަށް ޖޭ ސްޕޯރޓްސްއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ހއ. އަތޮޅުން މި މުބާރާތުގައި ވާދަކުރަނީ އިހަވަންދޫ އަދި ފިއްލަދޫ އެކަނި ކަމަށްވާތީ، އަތޮޅު މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ދިޔަޔަސް ދެ ޓީމަށްވެސް އޮޓޯއިން ޒޯން ރައުންޑުން ޖާގަ ލިބޭނެއެވެ. ޒޯން ޗެމްޕިއަން ހޮވުމަށް ކުޅޭ ރައުންޑުގައި ވާދަކުރާނީ އިހަވަންދޫ އަދި ފިއްލަދޫގެ އިތުރުން ހދ. އަތޮޅުގެ ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ.