ރާއްޖޭގެ އުތުރުގެ ރައްޔިތުން ފަހުރުވެރިވާފަދަ އިސްލާމީ ބިނާއެއް ބިނާކޮށް، ޤުރުއާނުގެ އިލްމުފަތުރާ ރަށަކަށް އިހަވަންދޫ ހެދުމަށް އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަހުމަދު ނަސީރު ގޮވާލައްވައިލައްވާފިއެވެ. ނަސީރު މިކަމަށް ގޮވައިލެއްވީ، އިހަވަންދޫ ކައުންސިލުން ބޭއްވި ރަސްތަރި ޤުރްއާން މުބާރާތް 2025، ގެ ނަތީޖާ ފާޅުކުރުމަށް މިދިޔަ ހޮނިހިރު ދުވަހުގެރޭ އިހަވަންދޫ ބަނދަރުމަތީ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ނަސީރު ވިދާޅުވީ، އަންޒަމާނުންސުރެ އިހަވަންދޫ އަކީ ކީރިތިޤުރުއާނަށް ލޯބި ކުރާ ރައްޔިތުންތަކެއް ދިރިއުޅުނު އަދި ދިރިއުޅެމުން ދާ ރަށެއްކަމުގައެވެ. “މިކަމައް ހެކިދެނީ 300 އަހަރު ކުރިން އަތުލިއުމުން ލިޔެފައިވާ މުސްހަފު މިރަށު އާސާރި މިސްކިތު ރައްކާކުރެވި ބެލެހެއްޓިފާ އޮތް އޮތުން” ނަސީރު ވިދާޅުވިއެވެ. ނަސީރު ވިދާޅުވީ، އެބޭފުޅާ ދުނިޔެއަށް ލޯހުޅުވިގެން އައިއިރު ރަށުތެރޭން އެން މެގިނައިން ފެނުނު އެއް މަންޒަރަކީ އަދި އިވުނު އަޑަކީ ރަށުގެ ނިސްބަތުން ވަރަށް ގިނަ ގޭގޭގައި ކުދި ބޮޑު އެންމެން ޤުރުއާން ކިޔެވުމާ ދަސްކުރުމަށް ދިން އަހަންމިއްޔަތެވެ. އެގޮތުން އެމަސައްކަތުގައި ފަހާގަކުރެވޭ ބައެއް ފަރާތްތަކުގެ ނަންވެސް ނަސީރު ފާހަގަކުރެއްވިއެވެ.
އިހަވަންދޫގެ ފުރަތަމަ ހާފިޒާ، މަރިޔަމް ރައްޔާ އަޙްމަދު އެކަން ހާސިލްކުރުމަށް ކުރިހިއްވަރަށް ސާބަސްދެއްވަމުން، މެމްބަރު ނަސީރުވަނީ އިހަވަންދޫ ކައުންސިލުން އިސްނަގައިގެން އަތޮޅުފެންވަރުގައި ރަސްތަރި ޤުރުއާން މުބާރާތުގެ ނަމުގައި ޤުރުއާން މުބާރާތެއް ބާއްވާތީ އެއީ، މިސަރަހައްދުގައި ގުރުއާނުގެ އިލްމު ކުރިއެރުވުމައް އިހަވަންދޫ ކައުންސިލް ޝައުގުވެރި ކަން ހުރި މިންވަރު ފެނިގެންދާ ކަމެއްކަމުގައި ވިދާޅުވެ އިހަވަންދޫ ކައުންސިލަށް ޝުކުރު އަދާކުރައްވާފައެވެ.
ބެލެވޭ ގޮތުގައި ނަސީރު، އިސްލާމީ ބިނާއެއް އިހަވަންދޫގައި ބިނާކުރުމުގެ ވާހަކަ އެދެއްކެވީ އިހަވަންދޫގައި ސަރުކާރުން އިމާރާތްކުރުމުގެ މަސައްކަތްކުރާ އިސްލާމީ މަރުކަޒަށް ނިސްބަތްކޮށެވެ. އެރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ބައިވެރިވެވަޑައިގަތެވެ. ޑރ. ޝަހީމް ވިދާޅުވީ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ ޓެންޑަރިންގ މަރުހަލާނިމި މިހާރު އޮތީ އެމަސައްކަތް އެވޯޑްކުރުމުގެ މަރުހަލާގައި ކަމުގައެވެ. އަދި ވަރަށް އަވަހަށް އެމަޝްރޫޢުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވިއެވެ.