އިހަވަންދޫ މަސްވެރިންގެ ޖަމިއްޔާ (އިމަގު) ގެ 14 ވަނަ ދައުރުގެ ރައީސްގެ މަޤާމަށް، މުހައްމަދު ރަޝީދު އިންތިޚާބުވެއްޖެއެވެ.
މުހައްމަދު ރަޝީދަށް މި މަޤާމު ކާމިޔާބުވީ، އިމަގު ޖަމިއްޔާގެ 14 ވަނަ ދައުރުގެ ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމަށް ހުޅުވައިލި ދެވަނަ ފުރުސަތުގައި، ރައީސްކަމުގެ މަޤާމަށް އޭނާ އެކަނި ކުރިމަތިލައްވާފައި ވާތީއެވެ. މުހައްމަދު ރަޝީދަކީ ހިންގުމުގެ ދާއިރާ އާއި ލާމަރުކަޒީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ އިހަވަންދޫ ކައުންސިލްގެ ރައީސްކަމާއި، ހއ. އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރިން ކުރައްވާފައެވެ.
އިމަގު ޖަމިއްޔާގެ ހިނގަމުންދާ 13 ވަނަ ދައުރުގެ ރައީސްއަކީ، އެޖަމިއްޔާގެ 5 ވަނަ ދައުރުން ފެށިގެން ޖެހިޖެހިގެން 9 ދައުރު އެ މަޤާމު ފުރުއްވި މޫސާ އަލީއެވެ. ނަމަވެސް، މޫސާ އަލީ އިހަވަންދޫ ކައުންސިލަށް އިންތިޚާބުވެ، އެ ކައުންސިލްގެ ނައިބް ރައީސްގެ މަޤާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، އައު ދައުރަކަށް ކުރިމަތިނުލައްވާނެކަން ކުރިން ވަނީ ހާމަކުރައްވާފައެވެ.
އިމަގު ޖަމިއްޔާގެ 14 ވަނަ ދައުރުގެ ހިންގާ ކޮމިޓީގެ އިތުރު މަޤާމްތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިޚާބު މިރޭ ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބެއެވެ.