ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އިހަވަންދޫ ކައުންސިލްގެ ރައީސްގެ މަޤާމަށް ކުރިމަތި ލެއްވުމަށް، ޕީއެންސީ ޓިކެޓް އަލީ ރައްޒާންއަށް ލިބިއްޖެއެވެ. މިކަން ދެ މަސްދަރަކުން މިނޫހަށްވަނީ ކަށަވަރުކުރެވިފައެވެ.
ވަރަށް އިތުބާރުހުރި ދެ މަސްދަރަކުން މިނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައްޒާންއަށް ޕީއެންސީ ޓިކެޓް ލިބުނީ ރައްޒާން ފިޔަވާ އެހެން ފަރާތަކުން ރައީސްގެ މަޤާމަށް ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައި ނުވާތީއެވެ.
މިހާރު ހިނގަމުންދާ އިހަވަންދޫ ކައުންސިލްގެ 3 ވަނަ ދައުރުގެ ރައީސް އަހްމަދު ސޮބާހްވެސް ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވެއެވެ. މިކަމުގައި ސޮބާހްގެ ބަހެއް ހޯދުމަށް މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބުވާ ގޮތެއްނުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ފަރާތްތަކަށް، ކެނޑިޑެންސީ ގަބޫލުކުރިކަން ނުވަތަ ނޫންކަން މިހާރުދަނީ އަންގަމުންނެވެ.
އަލީ ރައްޒާން މިހާރު ހުންނެވީ، އިހަވަންދޫ އާމިނާދިޔޯ ސިއްޙީމަރުކަޒަށް ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަޤާމުގައެވެ.