މައިކަޕް 2025: ތަޖުރުބާކާރު ކޯޗާއި ޒުވާން ކޯޗްގެ ކުރިމަތިލުމެއް!

މުޙައްމަދު އަކުރަމް

15 ވަނަ މައިކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލްމެޗް މިރޭ ކުޅޭއިރު، އެ މެޗް އެތައް ގޮތަކުން ހާއްސައެވެ. 15 އަހަރަވީ މުބާރާތުގެ ކިންގް މިރޭ ހާމަވެގެންދާނެއެވެ.

15 ވަނަ މައިކަޕް މުބާރާތާއި ހަމަޔަށް އާއިރު މިމުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު 4 ޓީމެއްވަނީ ކާމިޔާބު ކޮށްފައެވެ. އެއީ މާރަންދޫ ޔޫތް ސޮސައިޓީ، ޖަނގަލް، އެންވީކޭ އަދި ޔުނައިޓެޑް ޔޫތްއެވެ. އެހެން ކަމުން މިރޭގެ ފައިނަލުން ޖަންގަލް އަދި ޔުނައިޓެޑް ޔޫތް މޮޅުވިނަމަވެސް އެޓީމެއް ވެގެންދާނީ މިމުބާރާތް 3 ވަނަ ފަހަރަށް ކާމިޔާބުކުރެވޭ ފުރަތަމަ ޓީމަށެވެ.
މާރަންދޫ ޔޫތް ސޮސައިޓީ: 2010 އަދި 2018 ވަނަ އަހަރުގެ ޗެމްޕިއަން
އެނެވީކޭ: 2012 އަދި 2024 ވަނަ އަހަރުގެ ޗެމްޕިއަން
ޖަންގަލް: 2013 އަދި 2017 ވަނަ އަހަރުގެ ޗެމްޕިއަން
ޔުނައިޓެޑް ޔޫތް: 2015 އަދި 2019 ވަނަ އަހަރުގެ ޗެމްޕިއަން

ޔުނައިޓެޑް ޔޫތް vs ޖަންގަލް

2014 ގައި އުފަންވި ޔުނައިޓެޑް ޔޫތަކީ، މައިކަޕްގެ ތާރީހަށް ބަލާއިރު ވަރަށް ހަގު ޓީމެކެވެ. ވާ ދަވެރި އަނެއް ތިންޓީމް ކަމަށްވާ (މާރަންދޫ ޔޫތް ސޮސައިޓީ، އެންވީކޭ، ޖަންގަލް)، އެ ޓީމްތަކުގެ ފުރަތަމަ މައިކަޕް ތަށި ހިއްލާލިއިރު އަދި ޔުނައިޑެޓް ޔޫތް އުފަންވެސް ނުވެއެވެ. އެހެންކަމުން ޔުނައިޓެޑް ޔޫތް ވެގެންދަނީ ކުރު މުއްދަތެއްގައި މައިކަޕުން އެންމެ ބޮޑު ކަމިޔާބެއް ހޯދި ޓީމްގެ ގޮތުގައެވެ. މިރޭގެ މެޗަށް ނުކުންނައިރު ޔުނައިޓެޑް ޔޫތަށް އޮތް އެންމެ ބޮޑު ހިންހަމަޖެހުމަކީ، އެޓީމް މައިކަޕްގެ ފައިނަލްގައި ކުޅުނު ކޮންމެ ފަހަރަކުވެސް ތަށި ނަގާފައިވުމެވެ.

100% ރެކޯޑަކާއިއެކު ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން މިއަހަރުގެ މައިކަޕް ފައިނަލަށް ދަތުރުކުރި ޖަންގަލްއަކީ މައިކަޕްގެ އެއްބާރެވެ. ޖެހިޖެހިގެން ދެ އަހަރު ޖަންގަލް ފިޔަވާ އެއްވެސް ޓީމަކަށް މިމުބާރާތުގެ ފައިނަލުން ޖާގަ ހޯދިފައެއް ނުވެއެވެ. 2017، އަދި 2018 ވަނަ އަހަރު މިމުބާރާތުގެ ފަނަލްގައި ޖަންގަލް ކުޅެފައިވާއިރު، 2013 އަދި 2017 ވަނަ އަހަރު އެޓީމްވަނީ މިމުބާރާތުގެ ތަށި ހިއްލާލައިފައެވެ.

ފަޔާޒް vs ހައްމާޒް

ލީގު އުސޫލުން ކުޅުނު ގްރޫޕް ސްޓޭޖްގެ ތިންވަނަ ޓީމްގެ ގޮތުގައި ފަނަލަށް ދަތުރުކުރި ޔުނައިޓެޑް ޔޫތަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމަކީ، ޖަންގަލްޓީމް ބެންޗާއި ދިމާލަށް ބަލައިލާ ކޮންމެ ފަހަރަކު، ޔުނައިޓެޑް ޔޫތަށް އެތައް ތައްޓެއް ނަގައިދީފައިވާ ތަޖުރިބާކާރު ކޯޗް ފަޔާޒް ފެންނަން ހުންނާނެކަމެވެ. ފަޔާޒްވަނީ ޔޫތް ޓީމަށް 2019 އިގެ މައިކަޕް ގެއިތުރުން، ބޮޑު ތިލަދުންމަތި ފުޓްސަލް ޗެލެންޖް އަދި މިއަހަރު ބޭއްވި ކައުންސިލްކަޕްވެސް ހޯދައި ދީފައެވެ.

މިމުބާރާތުގެ ފަޔާޒްގެ ތަޖްރިބާ ކިޔައި ދޭނަމު ފުރަތަމަވެސް ބުނަން ޖެހޭނީ 2017 އިން ފެށިގެން މިހާތަނަށް ބޭއްވި 5 މައިކަޕް މުބާރާތުގެ ތެރެއިން ހަތަރު މުބާރާތުގެ ފައިނަލްގައި ފަޔާޒް ވަނީ ފެނިގެން ގޮސްފައެވެ. 2017 ވަނަ އަހަރު ޖަންގަލް ޓީމް ގޮވައިގެން ފަޔާޒް ފައިނަލްގައި ވާދަކޮށްފައިވާއިރު އެފަހަރު އެޓީމަށް ތަށި ނަގައިދިނެވެ. ޖެހިގެން އައި 2018 ވަނަ އަހަރު ޖަންގަލް ޓީމާއި އެކު ނުކުމެ ފައިނަލަށް ދަތުރު ކުރި ނަމަވެސް ފައިނަލްގައި މާރަންދޫ ޔޫތް ސޮސައިޓީގެ އަތްދަށުވީއެވެ. ޖެހިގެން އައި 2019 ވަނަ އަހަރު ފަޔާޒް އަނެއްކާވެސް ތަށީގައި އަތްލީ މިރޭ އިދިކޮޅަށް ނުކުންނަ ޔުނައިޓެޑް ޔޫތާއި އެކުއެވެ.

2024 ވަނަ އަހަރުގެ މައިކަޕްގެ ފައިނަލުން ފަޔާޒް ނުފެނުނުނަމަވެސް، މިއަހަރު އަނެއްކާވެސް ނުކުމެ އެހުރީ 3 ވަނަ ފަހަރަށް  މައިކަޕްގެ ތަށި ހިއްލާލައި މައިކަޕްގެ 2 ވަނައަށް އެންމެ ކާމިޔާބު ކޯޗްގެ މަޤާމް ހޯދުމުގެ އަޒުމުގައެވެ. މައި ކަޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗެއްގެ ގޮތުގައި ފާހަގަކުރެވެނީ 2008 ވަނަ އަހަރު ނިކަ ބިއްސާވެލި ޓީމުގެ ކޯޗެއްގެ ގޮތުގައި މުބާރާތާ ކުރިމަތިލި ހަމްޒާ އިބްރާހީމް އެވެ. ތަފާތު  ޓީމުތަކާއެކު ހަމްޒާވަނީ މައި ކަޕްގެ ތަށި 5 ފަހަރު އުފުލައިލައިފަ އެވެ. އެއީ 2011 ވަނަ އަހަރު ދަނބުކުރި، 2012 ވަނަ އަހަރު އެންވީކޭ، 2015 ވަނަ އަހަރު ޔުނައިޓެޑް ޔޫތު އަދި 2016 ވަނަ އަހަރު ނިކަ އަދި 2024 ވަނަ އަހަރު އެންވީކޭ ޓީމާއި އެކުއެވެ.

ޔުނައިޓެޑް ޔޫތްގެ ޒުވާން ކޯޗް ހަންމާޒަކީ ދަނޑަމު މައްޗަށް އައު މޫނަކަށް ނުވިޔަސް މިއީ އޭނާގެ އިރުޝާދުގެ ދަށުން މައިކަޕްގައި ޓީމެއް ވާދަކުރާ ފަރަތަމަ ފަހަރެވެ. ޒުވާން ކޯޗެއްކަމަކު ހައްމާޒްގެ ތަޖްރިބާ މަދުނުވާނެކަން އަންގައިދޭ އަނެއް ކަމަކީ މިދިޔަ އަހަރުގެ މައިކަޕް ފުޓްބޯޅަ މުބާރާތް އެންވީކޭ ކާމިޔާބު ކުރިއިރު އެސިސްޓެންޓް ކޯޗަކަށް އޭނާ ހުރުމެވެ. އުމުރުން 26 އަހަރުގެ ހަންމާޒު، ބޮޑު މުބާރާތެއްގައި ފައިނަލަށް ޓީމެއް ގޮވައިގެން ނުކުންނަ މިއީ ދެވަނަ ފަހަރެވެ. ދަނޑުމަތީގެ ޑުރާމާއަށް މަޝްހޫރު ހަންމާޒު އެންމެ ފުރަތަމަ ޓީމެއް ގޮވައިގެން ބޮޑު މުބާރާތެއްގެ ފައިނަލްގައި ކުޅުނީ އިރަމާގެ ކޯޗްގެ ގޮތުގައި އިމަގު ޢާޒީ ކަޕްގެ ފައިނަލްގައެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި ހައްމާޒްއަށް އަދި ތައްޓެއްގައި އަތްލެވޭ ގޮތެއް ނުވެއެވެ. މިރޭ ހައްމާޒް ނުކުންނާނީ އެ ތާރީހް ބަދަލުކުރަންކަން ޔަޤީނެވެ.

ހައްމާޒް އަދި ފަޔާޒްވަނީ އެތައް މުބާރާތެއްގައި އެކުގައި ކޯޗިން ސްޓާފުންގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ދެ ކޯޗުންނަށް އެކަކު އަނެއްކަކުގެ ޓެކްޓިކްސް އަދި ކޯޗިން ސްޓައިލް އެނގޭނެއެވެ. މި ދެ ކޯޗުން އެކުގައި މެލޭޝިޔާގައިވެސް މިއަހަރުވަނީ ކޯޗިން ތަމްރީންތަކެއް ފުރިހަމަ ކޮށްފައެވެ. މި ދެ ކޯޗުންނަކީ އެކުގައި އެތައް މަސައްކަތެއްކުރާ ދެ ކޯޗުންނެވެ. ވާޒީފާ އަދާކުރަނީ އެއްތާކުއެވެ. ޒުވާން ކުޅުންތެރިން އުފެއްދުމަށް ޖޭ ސްޕޯރޓްސް އެކަޑަމީގައި މަސައްކަތްކުރަނީވެސް އެކުގައެވެ. ވީމާ މިރޭގެ މެޗުން ފެނިގެން ދާނީ ތަޖުރިބާ ކާރު ކޯޗަކާއި ޒުވާން ކޯޗެއްގެ ކުރިމަތި ލުމެކެވެ.