އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައި ބާއްވާ ، “އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2026” ގެ ފައިނަލް މެޗު މިރޭ ކުޅޭނެއެވެ. މިރޭގެ ފައިނަލްގައި ބައްދަލުކުރާނީ މި މުބާރާތުގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު ރެކޯޑެއް އޮތް އިހަވަންދޫ ޕޮލިސް އަދި މުޅިން އަލަށް މުބާރާތުގައި ވާދަކުރާ ޓީމް ކޮމްބިނޭޝަންއެވެ. މިރޭގެ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:45 ގައެވެ.
މުޅިން އަލަށް މުބާރާތުގައި ވާދަކުރި ނަމަވެސް، ޓީމް ކޮމްބިނޭޝަނުން ފައިނަލާ ހަމައަށް ދަތުރުކުރީ ބަލިނުވެ، ވަރުގަދަ ރެކޯޑަކާއެކުގައެވެ. އެގޮތުން އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، މުބާރާތުގެ ބާރުގަދަ އެހެން ޓީމުތަކަށް އިންޒާރެއް ދީފައެވެ. އަދި ފައިނަލުގެ ޖާގައެއް އެ ޓީމުން ކަށަވަރުކުރީ ސެމީ ފައިނަލްގައި 2-0 ގެ ނަތީޖާއަކުން ވެމްކޯ ބަލިކުރުމަށްފަހުއެވެ.
އަނެއްކޮޅުން، މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް އިހަވަންދޫ ޕޮލިސް ފައިނަލަށް ދަތުރުކުރީ ބައެއް ގޮންޖެހުންތަކާ ކުރިމަތިލުމަށްފަހުއެވެ. ގްރޫޕް “އޭ” ގެ ދެވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރި ނަމަވެސް، ސެމީ ފައިނަލްގައި އެ ޓީމުން ވަނީ ތަޖުރިބާގެ ބޭނުން ހިފާ، 3-1 ގެ ނަތީޖާއަކުން އިހަވަންދޫ ކައުންސިލްގެ ޓީމު ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. އެޓީމް މިމުބާރާތުގައި ބަލިވެފައިވަނީ ޓީމް ކޮމްބިނޭޝަން އާއި ގްރޫޕް ސްޓޭޖްގައި ބައްދަލުކުރި މެޗުން އެކަންޏެވެ.
މިއީ މި މުބާރާތް ބާއްވާ 8 ވަނަ ފަހަރު ކަމަށްވާއިރު، މިރޭގެ މެޗަކީ ދެ ޓީމަށްވެސް ތާރީޚީ ގޮތުން ނުހަނު މުހިންމު މެޗެކެވެ. މުބާރާތުގެ ތާރީޚަށް ބަލާއިރު އިހަވަންދޫ ފުލުހުންގެ ޓީމު ވަނީ 4 ފަހަރު ތަށި ހޯދާފައެވެ. އަދި ދެވަނައަށް އެންމެ ކާމިޔާބު ފެނަކަ އިހަވަންދޫ ބްރާންޗުން 3 ފަހަރު ތަށި އުފުލާލާފައިވާއިރު، މިފަހަރު އެ ޓީމު ވަނީ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.
މިރޭގެ މެޗުން ޕޮލިސް މޮޅުވެއްޖެނަމަ، 5 ވަނަ ފަހަރަށް ތަށި ހޯދައި، އެ ޓީމުން މުބާރާތުގައި ހަދާފައިވާ ރެކޯޑު އިތުރަށް ފުޅާ ކުރާނެއެވެ. ނަމަވެސް، މުޅިން އަލަށް ނުކުތް ކޮމްބިނޭޝަން ޓީމު މޮޅުވެއްޖެނަމަ، އެ ޓީމު ވެގެންދާނީ ޕޮލިހާއި ފެނަކަ ފިޔަވައި، މި މުބާރާތުގެ ތާރީޚުގައި ތަށި އުފުލާލެވޭ ހަމައެކަނި ޓީމަށެވެ. މިއީ އިހަވަންދޫގެ ފުޓްސަލް ތާރީޚު ބަދަލުކޮށްލާނެ ފޯރިގަދަ ރެެއަކަށް ވާނެކަން ކަށަވަރެވެ.