ފޮނި އުއްމީދެވެ. ކުލަޖައްސަން ބޭނުންވީ ތަސްވީރެވެ. ދާންވީ ރާސްތާއެވެ. ހަޤީޤަތަކަށް ހަދަން ބޭނުންވީ ހުވަފެނެވެ. ގުރަހާގެ ތެރެއިން ޙާޞިލުކުރަން ބޭނުންވީ މުރާދެވެ. ތަޞައްވުރު ސާފެވެ. އާދައިގެ ޕޯސްޓަރަކުން އުފަންވި ބިޔަ ބޮޑު މަޝްރޫއެވެ. އުމުރުން ހަގު، ތަޖުރިބާ މަދު ނަމަވެސް އަމާޒު ސާފެވެ. ފިޔަވަޅަކަށްފަހު ފިޔަވަޅެކެވެ. ހަރުފަތަކަށްފަހު ހަރުފަތެކެވެ. 2015 ގައި ތަރިއެކެވެ. 2019 ގައި ދެވަނަ ތަރިއެވެ.
2019 ޑިސެމްބަރ 29 ވަނަ ދުވަހު އިހަވަންދޫ ޔުނައިޓެޑް ޔޫތް (ޔޫތު) ޓީމުގެ ތިން ތަރި މަޝްރޫއު އިއުލާނު ކުރެވިގެންދިޔައެވެ. ކުޑަ ހަފްލާއެއް ބާއްވާ ތިން ތަރިއަށް އިއުލާނުކުރެވި ޔޫތު ހަޓްގައި ތިންތަރިއަށް ބޯޑު ބެހެއްޓިފައިވެއެވެ. ތިން ތަރިއެވެ. “ތިން ތަރިއަށް” ވުޖޫދުވެގެން ދިޔައީ ހއ.އިހަވަންދޫ، ޢަންބަރީގެ، އަލްއުސްތާޛް ޢަބްދުލް މާނިޢު ޙުސައިންގެ މޭސްތިރިކަމުގެ ދަށުންނެވެ.
މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން 3 ވަނަ ފަހަރަށް ހޯދުމަށް ޔުނައިޓެޑް ޔޫތު ދަތުރު ފެށީ އިއްޔެއަކު މިއަދަކުނޫނެވެ. މީގެ 6 އަހަރު ކުރިންނެވެ. ނަމަވެސް ކޮވިޑް-19 ގެ ޢާލަމީ ވަބާއާ ކުރިމަތިވެ މައިކަޕް ފުޓްބޯޅަ މުބާރާތް މެދުކަނޑާލެވުމާއެކު، ތިންތަރިއަށް ބޯޑު ބަދަލުވެގެން ދިޔައީ ޞިއްޙީ ޢާންމު އިރުޝާދުތަކަށެވެ. ޙާލަތާ އެއްގޮތަށް ބަދަލުވި ނަމަވެސް އުއްމީދީ ހުވަފެން ބަދަލެއް ނުވެއެވެ.

ކޮވިޑް-19 އަށްފަހު މައިކަޕް އިއުލާނު ކުރެވުމުން ތިންތަރީގެ ވާހަކަ ދެކެވެންފެށުނެވެ. އަހަރުތަކެއް ފާއިތުވި ނަމަވެސް ޔޫތުގެ އިދާރީ ޓީމާއި ކުޅުންތެރިން ނިންމީ މި ހުވަފެނުގައި ހަޤީޤީ ކުލަޖެއްސޭނެ މަގަށް ކަންތައްތައް ބައްޓަން ކުރާށެވެ. 2025 އަކީ ޔުނައިޓެޑް ޔޫތު އަހަރަށް ހެދުމަށް މަސައްކަތް ފެށިއެވެ. އެގޮތުން، އިމަގު ވެޓަރެންސް ކަޕް 2025 ގެ ޗެމްޕިއަންކަމާއި، ކައުންސިލް ވޮލީ މުބާރާތުގެ ޗެމްޕިއަންކަމާއި، ކައުންސިލް ފުޓްބޯޅަ މުބާރާތު ޗެމްޕިއަން އަދި މައިކަޕް 2025 ގެ ޗެމްޕިއަންކަން ހޯދާ ޔޫތު ވަނީ ޔޫތުގެ އަހަރަށް މިއަހަރު ހަދާފައެވެ. އަމާޒަށް ވާސިލުވެފައެވެ. މައިކަޕް މުބާރާތް ވުޖޫދުވެ 15 މުބާރާތެއް ބޭއްވުނުއިރު 3 ފަހަރު ޗެމްޕިއަންކަން ހޯދި ޓީމުގެ ޝަރަފާއެކުއެވެ. ތިން ވަނަ ތަރި ރަން ކުލައިން ފަވާލާގެންނެވެ. ޔޫތުގެ ތިންތަރިއަށް ޕްރޮޖެކްޓް މޭސްތިރިޔާ އުސްތާޛް ޢަބްދުލްމާނިއު ޙުސައިންގެ ކޮއްކޮ މުޙައްމަދު މާޢިޒު ޙުސައިންގެ މެނޭޖަރކަމުގެ ދަށުން މިއަހަރުގެ މައިކަޕް ކާމިޔާބުކޮށް ތިންތަރި ވަނީ ކަށަވަރުވެފައެވެ. މީގެ އިތުރުން، ޔޫތަށް ކުޅުނު ހުރިހާ ކުޅުންތެރިން ދެއްކި ރީތި ކުޅުމާއި ނަމޫނާއަކީ ޔޫތުން ކާމިޔާބު ކުރި ކޮންމެ ތަރިއެއްގެ އަސްލެވެ.
2015 ގައި ފުރަތަމަ ތަރި ޔޫތަށް ކާމިޔާބުކުރެވުނީ އިހަވަންދޫގެ ތަޖުރިބާކާރު ކޯޗް ހަމްޒާ އިބްރާހީމްގެ އިރުޝާދު ދަށުންނެވެ. 2019 ގައި 2 ވަނަ ތަރިއަށް ވާސިލްވެވުނީ ކޯޗް ޙުސައިން ފަޔާޒްގެ އުކުޅުތަކާއި ގޭމް ޕްލޭނުގެ ދަށުންނެވެ. މިއަހަރުގެ ޔޫތު ޗެމްޕިއަން ޓީމްގެ ތަށި އުފުލާލާ ތިންތަރި ކަށަވަރު ކުރީ އަރަމުން އަންނަ ޒުވާން ކޯޗް އުމުރުން އެންމެ 26 އަހަރުގެ އިސްމާޢީލް ހައްމާޒްގެ ލަފާގެ މަތިންނެވެ.
2014 ގައި އުފަންވި ޔޫތަކީ އިހަވަންދޫގެ ކުޅިވަރުގައި އެންމެ ހަގު ނަމަވެސް އެންމެ ކާމިޔާބު ޓީމެވެ. ޔޫތުގެ ކާމިޔާބީގެ ފަހަތުގައިވަނީ ބޮޑު ޓީމެއްގެ ބުރަ މަސައްކަތެވެ. ޔޫތުގެ ފަންނީ މަސައްކަތާއި އިދާރީ މަސައްކަތް ރޭވި ތަންފީޛުވެގެންދަނީ ޢިލްމީ ޤާބިލް ޓީމެއްގެ ލަފާގެ މަތިންނެވެ. ޙާއްސަކޮށް ޔޫތުގެ “ތިންތަރިއަށް” މަޝްރޫޢު ކާމިޔާބުކޮށް ޔޫތުގެ އަހަރަށް 2025 ހެދުނީ ހއ.އިހަވަންދޫ، ޢަންބަރީގެ، އުސްތާޛް ޢަބްދުލް މާނިޢު ޙުސައިންއާއި. ހއ.އިހަވަންދޫ، ކޮށީތެރޭގެ، އުސްތާޛް ޙަސަން ޝަމާމް އަދި ހއ.އިހަވަންދޫ، ސަމީނާ މަންޒިލް އުސްތާޛް މޫސާ ޝަފްރާޒްގެ މަސައްކަތުންނެވެ.

ކާމިޔާބީ ކުންނުތަކަށް ވާޞިލްވެ ޔޫތުގެ ނަން ގުރަހާގައި ފިޔަޖަހަމުން ދިޔުމަށް މަދަދުވެރި އެންމެހާ ފަރާތްތައް ފާހަގަކޮށް އެފަރާތްތަކަށް ޔޫތުން ޝުކުރުވެރިވަނީ ލޯތްބާއެކުއެވެ. ކުޅުންތެރިންނާއި ސްޕޮންސަރުންނެވެ. ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކެވެ.
ޔޫތުން އަންގަމުންދަނީ އަދި ނިމުނީ ނޫންކަމަށެވެ. މިހާރު ޔޫތުގެ އަމާޒަކީ ކުޅިވަރު ދަނޑުތައް ފަތަހަކުރުމެވެ. ކުޅުންތެރިންނަށް ފުރުޞަޠު ފަހިކޮށްދިނުމެވެ. އެތައް ގޮންޖެހުންތަކެއް ކުރިމަތިވިނަމަވެސް ހާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ވާޞިލްވުމެވެ. ދެކެމުންދާ ހުވަފެނުގައި ހަޤީޤި ކުލަޖެއްސުމެވެ. ކަމެއް ކާމިޔާބުކުރެވޭނީ ހުވަފެނެއް ތަޞައްވުރެއް އޮވެގެން ކަމެވެ.