އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން ސޮބާހް އިސްތިއުފާ ދެއްވައިފިއެވެ. ސްޓިއަރިންގ ކޮމިޓީގެ ރައީސް މުހައްމަދު އަރީބަށް އެޑްރެސްކޮށް ފޮނުވާފައިވާ، ސޮބާހްގެ އިސްތިއުފާގެ ސިޓީގައިވަނީ އިއްޔައިން ފެށިގެން އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން އިސްތިއުފާ ދެއްވާ ކަމަށާ، ޕާޓީއަށް އިންތިހާބުތައް ކާމިޔާބު ކޮށްދިނުމަށާއި، ޕާޓީގެ ހަރަކާތްތައް ހިންގުމަށް ކޮމިޓީގެ މެމްބަރުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމުގައެވެ.
މިކަމާއި ގުޅޭގޮތުން ސޮބާހް އާއި ސުވާލުކުރުން އެބޭފުޅާވަނީ އެކަން ކަށަވަރު ކޮށްދެއްވާފައެވެ. ސޮބާހް ވިދާޅުވީ އިސްތިއުފާދެއްވި މައިގަނޑު ސަބަބަކީ، ކައުންސިލް އިންތިހާބަށް ޕީއެންސީ ޕްރައިމަރީއަށް ހުޅުވާލައި ޕްރައިމެރީ ނުބޭއްވުމާއި، ޕްރައިމަރީގެ ކަންކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް ސްޓިއަރިން ކޮމިޓީގެ ވަރަށްގިނަ މެމްބަރުން އެދެމުން ދިޔަ ނަމަވެސް އެކަން ވެގެން ނުދިއުން ކަމަށެވެ. ސްޓިއަރިންގ ކޮމިޓީގައި އެކަމަށް މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ސްޓިއަރިން ކޮމިޓީގެ މެމްބަރުންނާއި، ޕާޓީގެ އާންމު މެމްބަރުން އެދެމުން ދިޔަނަމަވެސް އެކަމަށް ސްޓިއަރިންގ ކޮމިޓީގެ ރައީސް އިޖާބަ ނުދެއްވާކަމަށް ސޮބާހް ވިދާޅުވިއެވެ.
“ޕާޓީގެ އާންމު މެމްބަރުންވެސް އަޅުގަނޑުމެން ސްޓިއަރިންގ ކޮމިޓީގެ މެމްބަރުންނަށްވެސް ހިޔާލުދެއްވަމުންދިޔަ މަޝްވަރާކުރުމަށް އިންތިހާބާއި ގުޅޭ ކަންކަމުގެ ތެރޭގަ، އެހެންނަމަވެސް ދާއިރާގެ އެމްޕީވެސް އެއްވެސް މަޝްވަރާއެއް ސްޓިއަރިންގ ކޮމިޓީއާވެސް އަދި އާންމު މެންބަރުންނާވެސް ނުކުރާކަން އަޅުގަނޑު ހިތާމައާއި އެކު ފާހަގަކުރަން” ސޮބާހްގެ އިތުރަށް ތަފްސީލް ކޮށްދެއްވިއެވެ. ސޮބާހް ވިދާޅުވީ ޕާޓީގެ އިސްރަވެހިންވެސް އެފަރާތްތަކާއި އެއްވެސް މަޝްވަރާއެއް ނުކޮށް ކެނޑިޑޭޓުން ނަގާފައިވާތީ ވަރަށްބޮޑަށް ކަންބޮޑުވުން ފާޅުކުރާކަމުގައެވެ.
ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރިމަތިލެއްވުމުން ސޮބާހްވެސް އެޕާޓީއިންވަނީ ޝަރުތު ހަމަނުވާކަމަށްބުނެ ޑިސްކޮލިފައި ކޮށްފައެވެ. ސޮބާހް ވިދާޅުވީ، އެބޭފުޅާގެ ޝަރުތު ހަމަނުވާކަމަށް ނިންމިއިރު، އެބޭފުޅާއާ އެއްވެސް މަޝްވަރާއެއް ދާއިރާގެ މަޖިލިސް މެމްބަރު އަދި ޕާޓީގެ ލީޑާޝިޕުންވެސް ކޮށްފައި ނުވާކަމުގައެވެ.
މިނޫހަށް އެނގިފައިވާ ގޮތުގައި އިހަވަންދޫ ކައުންސިލްގެ ރައީސްކަމަށް ޕީއެންސީ ޓިކެޓް ހޯދުމަށް ޕްރައިމަރީއަށް ކުރިމަތިލީ، ސޮބާހް އަދި ރައްޒާންއެވެ. ކައުންސިލް މެމްބަރުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ 2 ސްލޮޓަށް ވާދަކުރީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ ހަލީމަތު ސުމާ އަދި ފާތިމަތު ޝަނީޒާގެ އިތުރުން މަރްޔަމް ތަހުމީނާ އަދި ހިދާޔަތުއެވެ. ކައުންސިލް މެމްބަރުކަމަށް ވާދަކުރީ 3 ވަނަ ދައުރުގެ ކައުންސިލަރުން ކަމަށްވާ މުހައްމަދު ޒާހިރުހަސަން، މުހައްމަދު އަރީބް އަދި އަހްމަދު ރިޟްވާންގެ އިތުރުން މުހައްމަދު ފިރާޤު، ޙަސަން ވަހީދު އަދި ނައުފަލް އިބްރާހިމްއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެތެރެއިން 5 ކެނޑިޑޭޓަކަށް މިހާރުވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބުނުކަން އަންގާފައެވެ. އަދި ބާކީތިބި ކެނޑިޑޭޓުންނަށްވަނީ އެފަރާތްތަކުގެ ޝަރުތު ހަމަނުވާކަން ޕީއެންސީގެ އިންތިހާބީ ކޮމިޓީއިން ނިންމިކަން އަންގާފައެވެ. ޓިކެޓް ލިބުނުކަން މިނޫހަށް ކަށަވަރު ކުރެވިފައިވަނީ އަލީ ރައްޒާން، ކައުންސިލަރު މުހައްމަދު ޒާހިރު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަރީބް، ކައުންސިލަރު ޝަނީޒާ އަދި ސުމާއަށެވެ. އެހެންކަމުން ޕީއެންސީގެ ޕްރައިމެރީ އިހަވަންދޫގައި ބާއްވާފައެއް ނުވެއެވެ. ޕީއެންސީގެ ޕްރައިމެރީގެ ކަންކަން ހުދުމުހުތާރު ގޮތަކަށް ނިންމާފައިވާތީ ގިނަބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.