ޕީއެންސީގެ ޓިކެޓް ލިބިފައި ވަނިކޮށް، ރިފްދާ ނަން އަނބުރާ ގެނެސްފި!

މުޙައްމަދު އަކުރަމް

ސަރުކާރު ހިންގާ މައި ޕާޓީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ގެ ފަރާތުން އިހަވަންދޫ  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރުމަށް ޓިކެޓް ކަށަވަރުވެފައިވާ މަރިޔަމް ރިފްދާ، އޭނާގެ ނަން އަނބުރާ ގެނެސްފިއެވެ.

ރިފްދާ މިކަން ހާމަކޮށްފައިވަނީ މިއަދު ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ވާގޮތުން، ޕީއެންސީގެ ޕްރައިމަރީގައި އެ މަޤާމަށް ވާދަކުރުމަށް އިތުރު ފަރާތަކުން ކުރިމަތިލާފައި ނުވާތީ، ޕާޓީގެ ޓިކެޓް އޭނާއަށް ލިބުނުކަންވަނީ އަންގާފައެވެ. ނަމަވެސް، ޕްރައިމަރީގެ ކަންކަން ދިޔަގޮތުން ޕާޓީގެ އާންމު މެންބަރުންގެ މެދުގައި މަސްލަހަތު ގެއްލި، ޕާޓީގެ އެއްވެސް ކެނޑިޑޭޓަކަށް ވޯޓު ނުދޭނެކަމަށް ގިނަ ބަޔަކު ބުނަމުންދާކަން ރިފްދާ  ފާހަގަކޮށްފައިވެއެވެ.

“މި ނިންމުން މި ނިންމީ އިސްވެ ދެެންނެވުނު ހާލަތު މެދުވެރިވެފައި ވީ ހިނދުވެސް މިއަދާ ހަމައަށްވެސް ޕާޓީގެ މަސްލަހަތު ހިފެހެއްޓުމަށްޓަކައި ޕާޓީގެ އިންތިހާބީ ކޮމެޓީގެ އެއްވެސް ބައްދަލުވުމެއް ބޭއްވިފައި ނެތުމާއި މަޝްވަރާގެ ތެރެއިން ކަންކަން ހައްލުކުރުމަށް މިހާތަނަށް އެއްވެސް މަސައްކަތެއް ކުރެވިފައިވާތަން ފެންނަން ނެތަތީވެ އަޅުގަނޑަށްވެސް ތާއީދު ކުރާ އެތައްބައެއްގެ ލަފައާއި މަޝްވަރާގެ މަތިންނެވެ.” ރިފްދާގެ ބަޔާނުގައިވެއެވެ.

ޕީއެންސީ ޕްރައިމަރީގައި ވާދަކުރި ބައެއް ކެނޑިޑޭޓުން ޝަރުތުހަމަނުވާކަމަށް ނިންމައި، ވަކި ކެނޑިޑޭޓުންތަކަކަށް ޕްރައިމެރީއަކާއިނުލާ ޓިކެޓް ދީފައިވާ މައްސަލަވަނީ ބޮޑުވެފައެވެ. އެގޮތުން ޕީއެންސީގެ ޕްރައިމެރީގެ ކަންކަން ހުދުމުހުތާރު ގޮތަކަށް ނިންމާފައިވާތީ ގިނަބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

ޕީއެންސީއިން ޝަރުތުހަމަނުވާކަމަށް ކަނޑައެޅި ބައެއް ކެންޑިޑޭޓުން އަމިއްލަ ގޮތުން ވާދަކުރަން ނިންމައި އެކަންވަނީ އިއުލާންކޮށްފައެވެ.