ސޮބާހް އާއިއެކު އަމިއްލަގޮތުން ކައުންސިލަށް ވާދަކުރާ ޓީމް އިއުލާންކޮށްފި

މުޙައްމަދު އަކުރަމް

ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބަށް އަމިއްލަގޮތުން ކުރިމަތިމަތި ލައްވާނެކަމަށް، ކުރިމަތިލަށްވާނެކަން އިއުލާން ކޮށްފައިވާ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އާއިއެކު ކައުންސިލަށް ވާދަކުރާ ޓީމް އިއުލާންކޮށް ފިއެވެ.

ކުރިޔަށްއޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް، ޕީއެންސީ ޓިކެޓް ހޯދުމަށް ޕީއެންސީ ޕްރައިމެރީގައި ވާދަކުރުމަށް ހުށަހެޅުމުން، ސޮބާހްގެ ޝަރުތު ހަމަނުވާކަމަށް އެޕާޓީއިން ނިންމިއެވެ. ވަކި ކެނޑިޑޭޓުންތަކެއް ޝަރުތުހަމަވާކަމަށް ނިންމައި، ވަކި ކެނޑިޑޭޓުންތަކަކަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދިނުމުން އުފެދުނު މައްސަލަތައް ހައްލުކުރުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުން ސޮބާހްވަނީ އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން އިސްތިއުފާ ދެއްވައި ޓީމަކާއިއެކު އަމިއްލަ ގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

އިހަވަންދޫ ޕީއެންސީ ސްޓިއަރިންގ ކޮމިޓީއިން ސޮބާހް އިސްތިއުފާ ދެއްވައި ވިދާޅުވީ އިސްތިއުފާދެއްވި މައިގަނޑު ސަބަބަކީ، ކައުންސިލް އިންތިހާބަށް ޕީއެންސީ ޕްރައިމަރީއަށް ހުޅުވާލައި ޕްރައިމެރީ ނުބޭއްވުމާއި، ޕްރައިމަރީގެ ކަންކަމާއި ގުޅިގެން މަޝްވަރާ ކުރުމަށް ސްޓިއަރިން ކޮމިޓީގެ ވަރަށްގިނަ މެމްބަރުން އެދެމުން ދިޔަ ނަމަވެސް އެކަން ވެގެން ނުދިއުން ކަމަށެވެ. ސްޓިއަރިންގ ކޮމިޓީގައި އެކަމަށް މަޝްވަރާކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް ސްޓިއަރިން ކޮމިޓީގެ މެމްބަރުންނާއި، ޕާޓީގެ އާންމު މެމްބަރުން އެދެމުން ދިޔަނަމަވެސް އެކަމަށް ސްޓިއަރިންގ ކޮމިޓީގެ ރައީސް އިޖާބަ ނުދެއްވާކަމަށް ސޮބާހް ވިދާޅުވިއެވެ.

ސޮބާހް އާއިއެކު އަމިއްލަ ގޮތުން ކައުންސިލަށް ވާދަކުރާނެކަން އިއުލާންކޮށްފައިވާ ފަރާތްތަކަކީ:

  1. ރައީސްކަމަށް؛ އަހްމަދު ސޮބާހް
  2. މެމްބަރުކަމަށް: މުހައްމަދު ފިރާޤު
  3. މެމްބަރުކަމަށް: މުހައްމަދު ވިޝާހު
  4. އަންހެން މެމްބަރުކަމަށް: ފާތިމަތު ސަޖުނާ
  5. އަންހެން މެމްބަރުކަމަށް: އައިޝަތު ސަމާހަތު

ސޮބާހް ކުރިން ވިދާޅުވީ ކައުންސިލްގެ ރައީސް، ކައުންސިލްގެ 4 މެމްބަރުން އަދި ޑަބްލިޔުޑީސީގެ ރައީސް އަދި ހަތަރު މެމްބަރުންވެސް އެޓީމާއިއެކު ނުކުންނާނެ ކަމަށެވެ. ކައުންސިލަށް ވާދަކުރާ 5 ކެނޑިޑޭޓުން މިހާރު އިއުލާން ކޮށްފައިވާއިރު ޑަބްލިޔުޑީސީއަށް އެޓީމްގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ކުރިޔަށް އޮތްތާ އިއުލާންކުރާނެކަމަށް ބެލެވެއެވެ.

ސޮބާހްގެ ޓީމުން އަންނަނީ ޑޯރޓްޑޯރ އަދި ކެމްޕެއިން ހަރަކާތްތައް ކޮންމެ ދުވަހަކުވެސް ކުރިޔަށް ގެންދަމުންނެވެ. އިހަވަންދޫ ޕީއެންސީ އަދި އެމްޑީޕީގެ ގްރާސްރޫޓް ބައެއް މެމްބަރުންނާއި، ޕީއެންސީ ސްޓިއަރިންގ ކޮމިޓީގެ ބައެއް މެމްބަރުން، ސިޔާސީ ބައެއް އެކްޓިވިސްޓުންގެ އިތުރުން އިހަވަންދޫގެ ކަމުވޮށިގެންވާ ބައެއް ފަރާތްތަކުން ސޮބާހްގެ ޓީމާއި އެކު ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކުރެވެއެވެ.