ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ރެފެރަންޑަމް އިއުލާންކޮށް، ރީ-ރަޖިސްޓްރީވުމަށް އަލުން ހުޅުވާލައިފި

މުހައްމަދު މައުޒު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބޭއްވުމަށާއި، މަޖިލީހުގެ ދައުރު ގުނާނެ އުސޫލުތަކަށް ބަދަލު ގެނައުމަށްޓަކައި ގާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް (ރެފެރަންޑަމް) ނެގުމަށް އިލެކްޝަންސް ކޮމިޝަނުން އިއްޔަ އިއުލާންކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރި އިއުލާނުގައިވާ ގޮތުން، މި ތާރީޚީ ވޯޓު ނެގުން އޮންނާނީ އަންނަ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. މި ވޯޓު ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އާ ހަމައަށެވެ. މީގެ އިތުރުން، މި ރެފެރަންޑަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ އެކުގައެވެ.

މި ވޯޓުގައި ބައިވެރިވުމަށްޓަކައި، މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން އިއްޔެ ހެނދުނު 10:00 އިން ފެށިގެން ހުޅުވާލި މި ފުރުސަތު، އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅި އިސްލާހުގެ ބިލް ރައްޔިތުންގެ މަޖިލިހުން ވަނީ މި މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފަ އެވެ. ދެ އިންތިހާބު އެއްކޮށްލުމުގެ ބިލްގައި ހިމެނޭ އިސްލާހުތަކަށް އަމަލު ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުން، ފެންނަ ނުފެންނަ ވޯޓުގައި، ވޯޓު ދިން މީހުންގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ.