އިހަވަންދޫއަށް ނިސްބަތްވާ ބައެއް ޕޮލިޓިކަލް އެޕޮއިންޓީންގެ ނަންޖަހައި، އެގޮނޑިތައް އެފަރާތްތަކަށް ހާއްސަކޮށް ބަހައްޓައިގެން ޕީއެންސީއިން ޖަލްސާއެއް ބާއްވައިފިއެވެ. މިޖަލްސާ ބާއްވާފައިވަނީ އެޕާޓީގެ އިހަވަންދޫގެ ހަރުގެ ކަމަށްވާ ބޮޑުތަކުރާ ފާނު މާލަމުގައެވެ.
ރޭގެ ޖަލްސާގައި، ރައީސުލް ޖުމްހޫރިއްޔާ އައްޔަން ކޮށްފައިވާ، 6 ޕޮލިޓިކަލް އެޕޮއިންޓީއަކަށް ގޮނޑި ހާއްސަކޮށްފައި ހުއްޓެވެ. އެގޮނޑިތަކުގައި ހިއްޕާފައިހުރި ނަންތަކަކީ، އަބުދުލްގާދިރު ހުސައިން، މުހައްމަދު ފަޒީލް، މުހައްމަދު ޒަޔާން، މުހައްމަދު އަމީން، އަލީ ސުއާދު އަދި އާއިޝަތު ނަޝްފާއެވެ.
މި ބޭފުޅުންގެ ނަމުގައި ހުސް ގޮނޑި ބަހައްޓާފައިވަނީ، ޕީއެންސީގެ ރަސްމީ ކެނޑިޑޭޓުންގެ ބަދަލުގައި، އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތަކުގައި މި ބޭފުޅުން އަމަލީގޮތުން ބައިވެރިވަމުންދާތީ ކަމަށް ބެލެވެއެވެ. މިކަމުގެ ސަބަބުން އިހަވަންދޫގައި ތިބި ޕީއެންސީގެ އާންމު މެންބަރުންގެ މެދުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.
ރޭގެ ޖަލްސާގައި ވާހަކަދެއްކެވި ފަރާތްތަކުން ވަނީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުކިޔައި، ހޫނު ބަހުގެ ހަމަލާތަކެއް ދީފައެވެ. މިގޮތުން ވާހަކަދެއްކި އަޒުހާރާ ވަނީ އޭނާއަށް ނުފޫޒު ފޯރުވުމަށް ބައެއް ފަރާތްތަކުން ކުރި މަސައްކަތްތަކުގެ ތަފްސީލު ހާމަކޮށްފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި، އިހަވަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) އަށް އަމިއްލަ ގޮތުން އެއް ޓީމެއްގެ ގޮތުގައި ކެނޑިޑޭޓުން ނުކުތީ ޕީއެންސީގެ ޕްރައިމަރީ ބޭއްވުމުގައި އުފެދުނު މައްސަލަތަކަކާ ގުޅިގެންނެވެ. ޕްރައިމަރީގައި ވާދަކުރުމަށް ފޯމު ހުށަހެޅި ބައެއް ކެނޑިޑޭޓުންގެ ޝަރުތު ހަމަނުވާކަމަށް ޕާޓީން ނިންމުމުން، ޝަރުތު ހަމަވީ އިންތިޚާބުކުރަންޖެހޭ އަދަދަށް ކަމަށްވާތީ ޕްރައިމަރީއަކާ ނުލައި އެ ފަރާތްތަކަށް ވަނީ ޓިކެޓް ދީފައެވެ.
މި ނިންމުމާ މެދު ހިތްހަމަނުޖެހިގެން، ޕީއެންސީގެ ތެރޭގައި ތިބި ގިނަ ބަޔަކު ދަނީ އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުންނަށް ތާއީދުކުރަމުންނެވެ. މިކަމުގެ ސަބަބުން އިހަވަންދޫގައި ސަރުކާރު ހިންގާ ޕާޓީގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ހުސްގޮނޑި ބަހައްޓައިގެން ޖަލްސާ ބޭއްވުމަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި އައު ކަމެއްނޫނެވެ. ރައީސް ނަޝީދަށް ހުސްގޮނޑި ބަހައްޓައިގެން އެމްޑީޕީއިން ޖަލްސާ ބޭއްވިއިރު، ޕީއެންސީއިންވަނީ ރައީސް ޔާމީނަށް ހުސްގޮނޑިއެއް ހާއްސަކޮށްގެން ޖަލްސާ ބާއްވާފައެވެ. ނަމަވެސް އެފަހަރުތަކުގައި ހުސްގޮނޑި ބެހެއްޓީ އެފަރާތްތައް ޖަލްސާއަށް ހާޒިވާން ބޭނުންނަމަވެސް ޖަލުހުކުން ފަދަ އެކިއެކި ކައުންކަމުގެ ސަބަބުން އެފުރުސަތު ނުލިބުމުންނެވެ. ނަމަވެސް މިފަހަރު ގޮނޑި ބަހައްޓާފައިވަނީ ޖަލްސާގެ ކުރީސަފުން ފެންނަން ޖެހޭކަމަށް އުންމީދުކުރާ ބަޔަކު ނުފެންނާތީއެވެ.