ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިއަދު ހަވީރު ބާއްވާ ކެމްޕެއިން ނިންމުމުގެ ރެލީގައި ބައިވެރިވުމަށް، ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާޗުގެ ރަސްމީ ސްޓާފް ވައިބަރ ގުރޫޕް މެދުވެރިކޮށް މުވައްޒަފުންނަށް ދައުވަތު ދީފިއެވެ.
ފެނަކައިގެ އިސްވެރިއަކު މުވައްޒަފުންގެ ރަސްމީ ގުރޫޕަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި ހަރަކާތުގައި ވީހާވެސް ގިނަ މުވައްޒަފުން ބައިވެރިވުމަކީ އިހަވަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަހްމަދު ނަސީރު ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.
ސަރުކާރުގެ ކުންފުންޏެއްގެ ރަސްމީ މުއާމަލާތްތައް ކުރާ ގުރޫޕެއް ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކަށް މުވައްޒަފުންނަށް ދައުވަތު ދިނުމާ ގުޅިގެން، އެ ތަނުގެ ބައެއް މުވައްޒަފުން ވަނީ ނުރުހުމާއި ކަންބޮޑުވުން ފާޅުކޮށްފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދެއްކި ފެނަކައިގެ ސީނިއަރ މުވައްޒަފަކު ބުނީ، ފެނަކައަކީ ކޮންމެ ސަރުކާރެއްގައިވެސް ސިޔާސީ ބޭނުންތަކަށް ބޭނުންކުރާ ތަނަކަށް ވީނަމަވެސް، މިހާރު ކަންތައްތައް ގޮސްފައިވަނީ މީގެ ކުރިން ދުވަހަކުވެސް ނުދާހާ ދަށު ދަރަޖައަކަށް ކަމަށެވެ.
“ފެނަކަ މުވައްޒަފުންނާ ވަސީލަތްތައް ބޭނުންކޮށްގެން ސިޔާސީ ފަރާތްތަކުން އަބަދުވެސް ޖަރީމާ ހިންގާ. ވަކިވަކި ސްޓާފުންނަށް ސިޔާސީ ކަންކަމަށް ޕްރެޝަރުކުރޭ. އެކަމަކު މިދަރަޖައަށް އަދި ނުދޭ،” އޭނާ ކަންބޮޑުވުމާއެކު ކިޔައިދިނެވެ.
މީގެ އިތުރުން، އިތުބާރު ހުރި މަސްދަރަކުން ލިބުނު މައުލޫމާތަށް ބަލާއިރު، އިއްޔަގެ ނިޔަލަށް އިހަވަންދޫގެ ފެނަކަ ސްޓާފުންގެ ތެރެއިން 10 ސްޓާފަކަށްވަނީ ޕްރޮމޯޝަން ދީފައެވެ. އެއާއިއެކު އެމީހުންގެ މޫސާރަޔަށް 2000ރ ގެ ކުރިއެރުމެއް އަންނާނެކަމަށް އޭނާ ބުންޏެވެ. އަދި މިސަރުކާރު ވެރިކަމަށް އައިފަހުން އެތަނަށް އިތުރަށް 50 އެއްހާ މުވާއްޒަފުން ނަގާފައިވާކަމަށްވެސް އޭނާ ބުންޏެވެ.
މާދަމާ ބާއްވާ އިންތިހާބާއި ގުޅިގެން ވޯޓަށް ނުފޫޒް ފޯރުވުމަށް ގިނަ މައްސައްކަތްތަކެއް ކުރަމުން އަނައިރު، އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ނުނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ވިދާޅުވެފައެވެ. ނަމަވެސް، އިހަވަންދޫގައި ހުރި ސަރުކާރުގެ އެކި ކުންފުނިތަކަށް މި ދުވަސްވަރު ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ އައްޔަންކުރަމުންނެވެ. އަދި ގިނަ އަދަދެއްގެ ސްޓަރފުންނަށް އަންނަނީ ޕްރޮމޯޝަން ދެމުންނެވެ.